މިދިޔަ އަހަރެކޭވެސް އެއްގޮތަށް، މިއަހަރުގެ ބޮޑު ޢީދު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ކޮންމެ ޢީދަކީވެސް، އޭގައި ވަރަށް ފުރިހަމަ އިޖްތިމާޢީ މާނަތަކެއް އެކުލެވިގެންވާ މުނާސަބަތެކެވެ. އުފާވެރިކަން ފާޅުކޮށް، ތަހުނިޔާއާއި ހެޔޮއެދުންތައް ބަދަލުކުރާ ދުވަހެއްގެ ގޮތުގައި، ޢީދު ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، މުޅި މުޖްތަމަޢުގައި އުފާވެރިކަން ފެތުރުމެވެ.
މި އަހަރުގެ ބޮޑު ޢީދާ ގުޅިގެން ސަރުކާރު ބަންދުކުރަން ނިންމީ، ޙައްޖު ދުވަހުގެ ދެ ދުވަސް ކުރިންނެވެ. އެއީ މުޅި ހަފުތާ ބަންދެއްގެ ގޮތުގައި ޢާންމުކޮށް ދިނުމުގެ ގޮތުންނެވެ. މިއާއެކު މިމަހުގެ 25 ވަނަ ދުވަހު ބަންދުވުމަށް ފަހު، ސަރުކާރު ރަސްމީކޮށް ހުޅުވޭނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ.
ދިވެހިންގެ ސަޤާފަތާއި ޢާދަކާދައަށް ބަލާއިރު އެންމެ އިހުންފެށިގެންވެސް ޢީދު ފާހަގަކުރަމުން އައި ވަރަށް ކުލަގަދަކޮށް ވަރަށް އުފާވެރި މާހައުލެއްގައެވެ. ހައްޖުދުވަހުގެ މާތްވެގެންވާ ދިހަ ދުވަހަށްފަހު މުސްލިމު އުއްމަތާ ބައްދަލުކުރާ އަޟްޚާ ޢީދަކީ މުސްލިމުންނަށް އަންނަ އުފާވެރި އީދެކެވެ.
ބޮޑު ޢީދު އަހަރެމެންނާ ބައްދަލުކުރަން ގާތްވެފައިވާއިރު މިއަހަރުގެ ޢީދު އެންމެ ކުލަގަދަކޮށް ފާހަގަކުރާނެ ރަށްރަށަކީ ކޮބާތޯ އެނގެން ބޭނުންވާ އެތައް ބަޔަކު ތިބޭނެކަން ގައިމެވެ. މިބަލާލަނީ 1444 ވަނަ އަަހަރުގެ އަޟްޚާ ޢީދު އެންމެ ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށް ބެލެވޭ ރަަށްރަށެވެ.
އއ. ތޮއްޑޫ
އާންމު ގޮތެއްގައިވެސް ޢީދުގައި ފޯރިގަދަ، އއ. ތޮއްޑޫގައި މިއަހަރުވެސް ބޮޑު ޢީދު ކުލަގަދަކޮށް ފާހަގަކުރަން ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ ބޮޑު ޢީދު ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަޑައިގަންނަވާނެ ރަށަކީވެސް ތޮއްޑޫއެވެ. ބޮޑު ޢީދުގައި އެ ރަށަށް އަރާ މީހުނަށް ފަތިސް ނަމާދަށް ފަހު ހިލޭ ކޮފީ ލިބޭނެއެވެ. އަދި ޢީދު ނަމާދަށްފަހު ހެނދުގެ ސައި އޮންނައިރު ރޭގަނޑު އޮންނާނީ ކުލަގަދަ ހަވާ އެރުވުމެކެވެ. ތޮއްޑޫ ކައުންސިލުން ބުނީ މި އަހަރުގެ ބޮޑު ޢީދަށް އެ ރަށަށް އަރާ މީހުންނަށް މަރުހަބާ ކިޔަން ތައްޔާރުވަމުން އަންނަ ކަމަށެވެ. މަރުޙަބާ ކިޔުން އޮންނާނީ އީދު ދުވަހުގެ ހެނދުނުއެވެ.
ތޮއްޑޫގައި ޢީދު އުފާ ފާހަގަކުރުމަށް ކުރިއަށްގެންދަން ރާވާފައިހުރި ކަންކަމަށް ބަލާއިރު، ޢީދު ނަމާދު، ހެނދުނުގެ ސައި، މަސް ރޭސް، މަސްހުނި ރޭސް، ރޭގަނޑުގެ ކެއުން، ބޮޑު މަސް، ކޯޑި އަދި މާލި ނެށުމުގެ އިތުރުން ކުޑަކުދިންގެ ހަވީރާއި މިއުޒިކް ޝޯއެއް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.
ހދ ކުޅުދުއްފުށީ
ރާއްޖޭގެ އުތުރުން އެންމެ ތަފާތުކޮށް ޢީދު ފާހަގަކުރާ އެއް ރަށަކީ ކުޅުދުއްފުށްޓެވެ. އެރަށުގައި މިއަހަރުގެ އަޟްޙާ އީދުވެސް ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށް ވެއެވެ. ކުޅުދުއްފުށީގައި މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމަށް ރަށުގެ އެކި ފަރާތްތަކުން އަންނަނީ ގިނަ ކުޅިވަރުތަކެއް ރާވަމުންނެވެ. މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ތަފާތު ޘަގާފީ ކުޅިވަރުތަކެއް ބޭއްވުމަށް ވަރަށް ފޯރިއާއެކު އަންނަނީ މަސައްކަތް ކުރަމުންނެވެ.
ވާދެމުމާއި ފައިގަތަޅާ މުބާރާތް ފަދަ މުބާރާތްތައް ބޭއްވުމާއި މަށިމާލި ޕެރޭޑަކީ ކުރިއަށްގެންދިޔުމަށް ރާވާފައި ހުރި ކަންކަމެވެ.
އެންމެ ގިނަ ބައެއްގެ ސަމާލުކަން އަބަދުވެސް ލިބޭ އެއް ހަރަކާތެއްގެ ގޮތުގައި އޮންނަ ކުޅުދުއްފުށީ މަށި މާލި ޕްރޭޑުން ގައުމުގެ ހާލަތު ކިޔައިދެއެވެ. ސިޔާސީ މަސްރަހު ބުނެދެއެވެ. ފަތުއަޑު ކިޔާފައި އެންމެ ބާރަށް ދެކެވޭ ވާހަކަތައް ވެސް ކުއްލިއަކަށް މާއްޔަކަށް ހަދާލަނީ ކުޅުފުއްފުށިންނެވެ. މިއީ އެރަށުން ޢީދުގައި އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ތަފާތު ކަމަކަށް ގިނަ ބަޔަކު ބުނާ ހަރަކާތެވެ.
ރ. މީދޫ
މާޅޮސްމަޑުލު އުތުރުބުރިން މިއަހަރުގެ ޢީދު ފޯރި އެންމެ ގަދަވާނެ ކަމަށް ބެލެވެނީ މީދޫގައެވެ. އަވަށު ވާދަވެރިކަން އޮންނަ އެރަށުގެ ދެ އަވަށުގައިވެސް ބޮޑު ޢީދު ފާހަގަކުރުމަށް ސަޤާފީ ކުޅިވަރުތަކާއި އެކިއެކި ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ފާހަގަކުރެވޭ ކަންކަމުގެ ތެރޭގައި، ފަންމާލި ނެށުން، ނައުޒޯރު ފަހަރު، ކޯޑިދުއްވުން، ދެލިމާލި ނެރުން ފަދަ ކަންކަމެވެ.
މީދޫގައި އެންމެ ތަފާތު ކަމަކަށް އޮންނަނީ ނައު ކުޅިވަރެވެ. މިއީ ނަވެއްގައި ނުކުމެ ބަޑި ޖަހައި ކުޅޭ ކުޅިވަރެކެވެ. އީދު ދުވަހު ހެނދުނަށް މީދޫ މީހުން ނަވެއް ހަދައިގެން ނުކުމެ ރަށެއްގެ ބޭރުގައި ނައު އަޅާފައި ބާއްވައިގެން ބަޑި ޖަހައެވެ. އެ ޖަހާ ބަޑީގެ މިކިޔާ ހަތް ބަޑީގެ ސަލާމަށްވުރެ އެންމެ ތަންކޮޅެއްވެސް މަޑެއް ނުވާނެއެވެ. އެއަޑު އިވެއްޖެތާއެވެ. އެއީ މީދޫ މީހުންނަށް ޢީދު އައީއެވެ.
މިނޫނަސް ތަފާތު އެތައް ކަމެއް އެރަށުން ޢީދުގައި ފެންނާނެއެވެ.
ބ. ދަރަވަންދޫ
ފެށުނީއްސުރެވެސް ބ. އަތޮޅުގައި ޢީދުގެ ފޯރި އެންމެ ގަދަ އެއް ރަށަކީ އެ އަތޮޅު ދަރަވަންދޫއެވެ. މިއަހަރުގެ ބޮޑު ޢީދުގައި ދަރަވަންދޫގައިވެސް ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް އެ ރަށު ކައުންސިލުން ވަނީ ނިންމާފައެވެ. މިދިޔަ އަހަރެކޭވެސް އެއްގޮތަށް "މަގޭ ޢީދު"ގެ ނަމުގައި ފޯރިގަދަ ޢީދަކަށް ދަރަވަންދޫ އަންނަނީ ތައްޔާރުވަމުންނެވެ.
ދަރަވަންދޫ ކައުންސިލުން އިޢުލާންކޮށްފައިވާ ގޮތުގައި، މިއަހަރުގެ ޢީދުގައި އެރަށުގައި ކުރިއަށްދާނެ ހަރަކާތްތަކަކީ، ހަވާއެރުވުން، ޢީދު ހުޅުޖެހުން، ޢީދު ނަމާދު، ޢީދުސައި، ފެންކުޅި، ފިރިހެނުންގެ މާލި، ސަގާފީ ހަރަކާތް، ސްޓޭޖް ޝޯވ، އަންހެނުންގެ މާލި، ކުޑަކުދިންގެ ހަވީރު، ވާދެމުން، މަސްރޭސް، ބާބަކިޔު، ކުޑަކުދިންގެ މާލީގެ އިތުރުން ތުވާޅިބޯޅަ އާއި ފެންސީ ޕެރޭޑެވެ.
މިދިޔަ އަހަރު ދަރަވަންދޫގައި ކުރިއަށްގެންދިޔަ "މަގޭ ޢީދު 1443"ގެ ހަރަކާތްތަކާއި ކުޅިވަރުތައް ވީމީޑިއާއިން ވަނީ ކަވަރުކޮށްފައެވެ. މިގޮތުން، ޢީދުގައި ކުރިއަށްގެންދިޔަ ޝޯވތަކާއި ކުޅިވަރުތައް ވީޓީވީ މެދުވެރިކޮށް ވަގުތުން ދުރަށް ދައްކައި، ވީއޮންލައިންގައި ފޮޓޯ ސްޓޯރީތަކާއި އަދާހަމަތައް ޝާއިއުކޮށްފައިވާނެއެވެ.
ނ. ވެލިދޫ
ކުލަގަދަކޮށް ޢީދު ފާހަގަކުރުމުގެ މާޒީއެއް އޮތް ނ. ވެލިދޫގައި މިއަހަރުގެ ބޮޑު ޢީދުވެސް ކުލަދަކޮށް ފާހަގަކުރަން ނިންމައި އެރަށު ކައުންސިލުން ވަނީ އެކަން އިޢުލާންކޮށްފައެވެ. ވެލިދޫއަކީ ޢީދު ފާހަގަކުރުމުގައި ރާއްޖޭގައި ނަގާ ކިޔޭ ރަށެކެވެ.
މިއަހަރުގެ އަޟްޚާ ޢީދުގައި ވެލިދޫގައި ގިނަ ހަރަކާތްތަކަކާއި ސަގާފީ ކުޅިވަރުތަކެއް ކުރިއަށްގެންދަން ރާވާފައިވާއިރު، ފާހަގަކޮށްލެވޭ ބައެއް ކުޅިވަރުތަކަކީ ފައިގަތަޅާ މުބާރާތް، ވާދެމުމުގެ މުބާރާތް، ފަނުންތަކެތި ވިޔުމުގެ މުބާރާތް އަދި ބައިސްކަލް ރޭހާއި ސައިކަލް ރޭހެވެ.މީގެ އިތުރުން މަސްކުޅުން، ދަފިނެގުން، ކޯޑިކުޅުން، ދެލިމާލި ހެދުންފަދަ ކުޅިވަރުތައް އޮންނާނެ ކަމަށް ވެއެވެ. ވެލިދޫގައި ޢީދު ކުޅިވަރުތައް ފަށާނީ ޢީދު ވިލޭރޭއެވެ. އެގޮތުން, އިރާކޮޅު ރަންފޮށި އުފުލުމާއި ޢީދު މަޅިޖެހުން، އަދި މެންދަމު ޢީދު ނެރުން އޮންނާނެއެވެ.
ޢީދުގެ މުނާސަބަތުގައި އަންނަ ފުރަތަމަ ތިން ރޭ ސްޓޭޖް ޝޯ ބޭއްވުމަށް ނިންމާފައިވާއިރު، ޢީދު ދުވަހުގެ ރޭ ހަވާއަރުވާނެއެވެ.
ގއ. ނިލަންދޫ
މިއަހަރުގެ ބޮޑު ޢީދު ފޯރިގަދަވާނެ ކަމަށް ބެލެވޭ އަނެއް ރަށަކީ ގއ. ނިލަންދޫއެވެ.
ނިލަންދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން މި އަހަރުގެ އަޟްހާ ޢީދު ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ވަނީ ރާވާފައެވެ. އެގޮތުން ބޮޑު ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ކުރިޔަށްގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި މަދަހަހުށަހެޅުމާއި، ވާދެމުމާއި ބާބަކިއު އަދި ކަރޯކޭގެ އިތުރުން މަސްރޭސް ހިމެނެއެވެ. ސަޤާފީ ކުޅިވަރުގެ ގޮތުގައި ކޯޑި ޖެހުމާއި، ސްޓޭޖް ޝޯއާއި އީދު ސައި އަދި ބަށި މުބާރާތެއްވެސް އެރަށުގައި ބާއްވާނެއެވެ.
ތ. މަޑިފުށި
މިއަހަރުގެ ބޮޑު ޢީދު ކުލަގަދަކޮށް ފާހަގަކުރަން ތައްޔާރުވާ އަނެއް ރަށަކީ ކޮޅުމަޑުލު މަޑިފުށްޓެވެ.
އެރަށުގައިވެސް ޢީދަށް ހާއްސަކޮށްގެން ތަފާތު ކުޅިވަރުތަކާއި ހަރަކާތްތައް ކުރިއަށްގެންދަންވަނީ ރާވާފައެވެ. މިގޮތުން، "ވީރު"، ބޮޑުމަސް، ހުޅަޖެހުން އަދި މިނޫންވެސް ގިނަ ހަރަކާތްތަކެއް އެރަށުގައި ކުރިއަށްގެންދަން ރަށު ކައުންސިލުންވަނީ ނިންމާފައެވެ.
މިނޫނަސް ރާއްޖޭގެ އެކިއެކި ރަށްރަށުގައި މިއަހަރުގެ ބޮޑު ޢީދު ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށް ބެލެވެއެވެ.
މިއަހަރުގެ ހައްޖު ދުވަހަކީ 27 ޖޫން 2023އެވެ. އެހެންކަމުން ޢީދުގެ ފުރަތަމަ ދުވަހަށްވާނީ 28 ޖޫން 2023އެވެ.
ހދ ގައި އެންމެ ފޯރި ގަދަވާނީ ކޭލަކުނުގަ
ތ. ކިނބިދޫ ވެސް