ކުށަށް ތަބާވުން ލަސްކުރުމަކީ ޝައިތޯނާގެ ވަސްވާހުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ހާއްސަކޮށްފައި ވަނީ "ތައުބާވުމުގެ އަހުމިއްޔަތާއި އޭގެ ދައުރު" މި މަޢުޟޫއުގެ މައްޗަށެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ، ތެދުވެރި މޫމިނަކީ އޭނާއަށް ކުރެވޭ ކުށްތަކުގެ މަތީގައި ދެމިހުންނާނެ މީހެއް ނޫން ކަމަށާއި، އޭނާއަކީ މާތްﷲއަންގަވާފައިވާ ފަދައިން އެކަލާންގެ ހަޒުރަތަށް އަވަހަށް އެނބުރި ގޮސް އިސްތިގްފާރުކޮށް މާފުކުރެއްވުމަށް ދަންނަވާ މީހެއް ކަމަށެވެ.
ހުތުބާގައި ބުނީ، ތައުބާވުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ ތިން ކަމަކަށްޓަކައި ކަމަށެވެ. އެއީ، މާތްﷲގެ އުގޫބާތުން ރައްކާތެރިވުމަށްޓަކައި ތައުބާވުމާއި، އޭނާގެ އަމަލުތައް މާތް ﷲ ގަބޫލުކުރައްވަވާ އަމަލުތަކަކަށް ހެދުމަށްޓަކައި ތައުބާވުމާއި، ސޯލިހު އަމަލުތައް ކުރުމުގައި ހެޔޮ ތައުފީގު ލިބިގެންވާ މީހަކަށް ވުމައްޓަކައި ތައުބާވުން ކަމަށެވެ.
މީގެއިތުރުން، މީހެއްގެ ހިތުގައި ﷲއަށް ބިރުވެރިވުން އަށަގެންފައިވާނަމަ، އޭނާ އެކަލާންގެ މަނާކުރައްވާފައިވާ ކަންކަމަށް އަރައި ނުގަންނާނެ ކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
ހުތުބާގައި ވަނީ މާތްﷲ އަޅުތަކުންނަށް ތައުބާގެ ދޮރު ހުޅުއްވައިދެއްވައިފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން ދުވާލުގެ ވަގުތުތަކުގައި ފާފަތަކަށް އަރައިގަންނަ މީހުންނަށް ތައުބާގެ ދޮރު ރޭގަނޑުގެ ވަގުތުތަކުގައި ހުޅުވައިދެއްވާ ކަމަށް ހުތުވާގައި ބުނިއެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ކުށްފާފަތަކަށް އަރައިގަންނަ މީހުންނަށް ތައުބާގެ ދޮރު ދުވާލުގެ ވަގުތުތަކުގައި ހުޅުވައިދެއްވާ ކަމަށް ވެސް ހުތުވާފައި ބުނިއެވެ.
ހުތުބާގައި ވަނީ މާތްﷲގެ ހަޒުރަތަށް ތެދުވެރި އަޒްމަކާއި އިހްލާސްތެރި ތައުބާއަކާއެކު ކުރިމަތިލުމަށް ގޮވާލާފައެވެ. އޭރުން ތިބާގެ ހިތަށް ހިތްހަމަޖެހުން ވައްދަވާނެ ކަމަށާއި، ތިބާގެ ކުރިމަތީގައި އުންމީދުގެ ދޮތުތައް ﷲ ހުޅުވައިދެއްވާނެ ކަމަށް ހުތުބާގައި ބުންޏެވެ.