މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖާޖީންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

ދިވެހި ޙައްޖާޖީންގެ އެންމެހާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ހުރިހާ އިންތިޒާމުތަކެއް ވީހާވެސް ފުރިހަމައަށް ގެންދިޔުމަށް ބާރު އެޅުމަށްޓަކައި ސަރުކާރުން ކޮންމެ އަހަރަކުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވަނީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑަށެވެ. މި ތިން ކުންފުންޏަށް ވެސް 90 ކޯޓާ އިސްލާމިކް މިނިސްޓްރީންވަނީ ދީފައެވެ.

މި އަހަރު ހައްޖަށްދާ ދިވެހިން ފުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މިއަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. 2022 ވަނަ އަހަރު ރާއްޖެއަށް ލިބުނީ 453 ކޯޓާއެވެ.

މި އަހަރުގެ ހައްޖުމަސް ފެށޭނީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 27 ވާ އަންގާރަދުވަހެވެ.

އަމީރުލްހައްޖަކީ އެ އަހަރެއްގައި ރާއްޖެއިން ހައްޖަށް ވަޑައިގަންނަވާ ބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، ސަރުކާރުގެ ފަރާތުން ވަޑައިގަންނަވާ ބޭފުޅެކެވެ.