ސްޓެލްކޯގެ އިމާރާތާ ހިސާބުން ފެށިގެން އޮޑެގެއްލާ ކެފޭއާ ހަމައަށް އަމީނީމަގުގައި ތާރު އަޅައި، މިދިޔަ ހަފުތާގައި ވަނީ އާންމުންނަށް ހުޅުވާލައިފައެވެ. އޭގެ ކުރިން، މަގުގެ ހެންވޭރާވީ ކޮޅުން ފެށިގެން ސްޓެލްކޯއާ ހަމައަށް ތާރުއަޅައި އާންމުންނަށް ވަނީ ހުޅުވާލައިފައެވެ.
ޒަމާނީ ފެންވަރަށް ހަދާފައިވާ އަމީނީމަގުގެ ތާރުއެޅި ސަރަހައްދުގައި ވެހިކަލެއްގައި ދުއްވާލަން އަރާމެވެ. ކުރިން ކަޑައްތުކުރަންޖެހުން އަޑިގުޑަންތައް މިހާރަކު ނެތެވެ. "ޒަމާނީ އަމީނީ"އޭ ބުނާހާވެއެވެ. މަގު ނަލަވެފައި ބަލާލަން ހިތްގައިމެވެ. އެ ހިތްގައިމުކަމުގެ އަސަރު ހިތާއި ސިކުނޑިއަށް ފޯރަފޯރަ ހުއްޓައި، ބޮލުގައި އެޖެހީ ވަރުގަދަ އެތިފަހަރެކެވެ. ލޮލުގައި އަޅައިގަތީ މާ ހިތްގައިމު މަންޒަރެއް ނޫނެވެ.
ދުރުދުރުން ނުގޮސް ތިލަކޮށްލާމެވެ. އަމީނީމަގުގެ ދެފަރާތުގައި ޕާކުކުރުން މަނާކަމަށް ކަނޑައަޅާފައި އޮއްވައި، ނުގަވާއިދުން އެތައް ވެހިކަލެއް ޕާކުކޮށްފައެވެ. ހަތަރުފުރޮޅުލީ ވެހިކަލާއި ސައިކަލުތަކެވެ. އެކަމަކާ ހުރެ މަގުގައި ދުއްވަންއޮތްބައި ވަނީ ބޮޑުތަނުން ހަނިވެފައެވެ. އެކަމުގެ ތަކުލީފު އުފުލާންޖެހޭނީ ހަމަ ދުއްވާ މީހުނަށެވެ.
އަމީނީމަގު ހަދާފައިވަނީ ޕޭވްމަންޓާއި ޕާކުކުރާނެ ޖާގައާވެސް އެކުގައެވެ. އަދި އަމީނީމަގަކީ މިހާރު ދެ ފަރާތު އަރިމަތީގައި ޕާކުރުން މަނާ މަގެކެވެ. މަގުގެ އަރިމަތީގައި ރީނދޫ ރޮނގު ދަމާފައިވަނީ އެކަން ބުނެދިނުމަށެވެ.
މަގުމަތީގެ ގަވާއިދުތައް ހިމެނޭހެން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަކީ އާންމު މަސްލަހަތު އޭގައި ހިމެނޭ ކަންކަމަށް ވީއިރު، ފަރުދުންގެ މަސްލަހަތަށް އިޚްތިރާމްކުރުމުގެ ގޮތުން ގަވާއިދުތަކާއި އުސޫލުތަކަށް ބޯލަނބައި ޢަމަލުކުރުމަކީ ހަމަ ކޮންމެ މީހެއްގެ ބޮލުގައި ވެސް އެޅިފައި އޮތް ފަރުދީ ޒިންމާއެކެވެ. ޒިންމާދާރު ނުވެވިއްޖެނަމަ އެއީ މުޅި މުޖުތަމައަށް ވެވޭ ޚިޔާނާތަކަށް ނޫނީ ނުވާނެއެވެ.
މަގުމަތީގައި ހިނގާބިނގާވެ އުޅުމަށާއި އުޅަނދު ފަހަރު ދުއްވުމަށް އަދި ޕާކުކުރުމަށް ވެސް ޤާނޫނުތަކާއި ގަވާއިދުތަކެއް އެކުލަވާލައި ތަންފީޒުކުރަމުން އަންނަނީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމާއި ހެވަށެވެ. އެހެންނަމަވެސް، ހިތި ހަގީގަތަކީ އަހަރެމެންގެ ތެރެއިން ބައެއް މީހުން މި ދެންނެވި ޤާނޫނުތަކާއި ގަވާއިދުތަކަށް ހުުރުމަތްތެރިކޮށް ނުހިތާކަމެވެ. މިކަމުގެ ތަކުލީފު ދެންތިބި ރައްޔިތުން އުފުލަންޖެހޭތީއެވެ.
ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުން އަންނަ އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެއެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރު އޮކްޓޯބަރުގައެވެ.
ތާރު އެޅުމުގެ މަސައްކަތް ފެށުމަށް އަމީނީމަގުގެ އެންމެ ބާރުބޮޑު އެއް ސަރަހައްދު މިހާރު އޮތީ ބަންދުކޮށްފައެވެ.
އަމީނީމަގު ހެދުމުގެ މަސައްކަތްކުރާ އާރުޑީސީން ބުނީ ބިލަބޮންގް ސްކޫލުން ފެށިގެން ފިނޭންސް މިނިސްޓްރީ ހުންނަ ހިސާބަށް އެ މަގު މިހާރު ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެ ހިސާބުގައި އަމީނީމަގަށް ނުކުމެވޭ ގޮތަށް ހުންނަ ގޯޅިތައް ވެސް ބަންދުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ނުހަދައި ދޫކޮށްލި ނަމަ ހާދަހާވާ ރަނގަޅެވެ. އަހަރެންނަށް ރަނގަޅީ ކުރީގެ އޮށްވަޅުގޮނޑި މަގެވެ. މާ ފަސޭހައެވެ. މާ ހިތްހަމަޖެހެއެވެ. މޮޔަ ރަހްމަތްރެރިއެއްގެ އަތަށް ކަނޑިއެއް ދިނުމަށްވުރެން ބުއްދިވެރި ދުޝްމަނަކު އަތަށް ދިނުން ރަނގަޅުވާ ބީދައިންނެވެ.