ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދެމުން އަންނަ އިނާޔަތް ގިންތިކޮށް 6000 ރުފިޔާއާ ހަމައަށް ބޮޑުކޮށްފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު މުރާޖަޢާކުރައްވައި، އިތުރު އިނާޔަތްތަކެއް ތަޢާރަފްކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްވަނީ ނިންމަވާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީއާ ގުޅޭގޮތުން ނިންމެވި ނިންމެވުމާ ގުޅޭ ތަފްޞީލުތައް ހާމަކުރެއްވުމަށް ސަރުކާރުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އެންސްޕާއިން ބުނީ މިހާރު ދެމުން އަންނަ 2000 ރުފިޔާގެ އިނާޔަތުގެ އިތުރުން 1000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީން ބުނީ މި މަހުން ފެށިގެން މަދުވެގެން 3000 ރުފިޔާ އަދި ގިނަވެގެން 6000 ރުފިޔާ ލިބޭނެ ކަމަށެވެ.
އަލަށް ތަޢާރަފްކުރެވޭ އިތުރު އިނާޔަތްތަކުގެ ތެރޭގައި ކެއާރަރ އެލަވަންސް، ސެލްފް ކެއަރ އެލަވަންސް އަދި ގޭބިސީގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަދަދު އިތުރުނަމަ ދެވޭ އެލަވަންސް ހިމެނެއެވެ. އެގޮތުން އަމިއްލައަށް ނޫޅެވޭ، ނުވަތަ އެނދުމަތިވެފައިވާ ފަރާތްތަކަށް ކެއަރާ އެލަވަންސްގެ ގޮތުގައި އިތުރު 2000 ރުފިޔާ އިނާޔަތެއް، އަދި އެފަދަ ފަރާތްތަކަށް އަސާސީ ކަންކަމަށް، ސެލްފްކެއާ އެލަވަންސްގެ ގޮތުގައި ދެވޭ 1000 ރުފިޔާގެ އެލަވެންސެއް ވަނީ ތައާރަފުކޮށްފަ އެވެ. އަދި، އެއް ގޭބިސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ ތިން ފަރާތަކަށްވުރެ ގިނަ ފަރާތް އުޅޭ ނަމަ އިތުރަށް ކޮންމެ ފަރާތަކަށް 1000 ރުފިޔާ ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މާލީ އެހީގެ މިންވަރު މުރާޖަޢާކުރުމުގެ މަސައްކަތް ފަށައި، ފުރަތަމަ މަރުހަލާގެ ގޮތުގައި ނުކުޅެދުންތެރިކަން މާނަކުރެވޭނެ ގޮތްތަކާއި، ހަމަތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ކޮބައިކަން ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލައި ގެޒެޓްކުރީ 2021ވަަނަ އަހަރުއެވެ.
"ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީ"ގައި މިހާތަނަށް 11،371 މީހުން ރަޖިސްޓާ ކުރެވިފައިވާއިރު ހާލަތްތަކަށް އަމާޒުކުރެވިގެން އަލަށް ތަޢާރަފްކުރެވޭ އިތުރު އިނާޔަތްތައް ހޯދުމަށްޓަކައި މި މަޢުލޫމާތު NDRގެ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް އަދާހަމަކުރެވޭނެ ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތުދެއެވެ.