ދީނީ އިލްމުވެރިންނަށް ފުރައްސާރަކުރުމަކީ ނުރައްކާތެރި ސިގުނަލެއްކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަން، ޕީޕީއެމް / ޕީއެންސީގެ ސަޕޯޓަރުންތަކެއް، މަޝްހޫރު ތަފްސީރު ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް އަބްދުއްލަތީފްއަށް މަގުމަތިން އިއްޔެ ފުރައްސާރަކޮށްފައެވެ.

މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެ ފަދަ އިސްލާމީ ޤައުމެއްގައި ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް ހެދުމަކީ ހިތާމަވެރި ކަމެއްކަމަށާއި، އެއީ ނުރައްކާތެރި ސިގުނަލެއްކަމަށެވެ.

މިިނިސްޓަރު ވަނީ، އިއްޔެ ޑރ އިޔާޒަށް ފުރައްސާރަކޮށް މަގުމަތީގައި ހިންގި އަމަލު ކުށްވެރިކުރައްވާފައެވެ. އަދި އެއްވެސް މަގުސަދެއްގައި މިފަދަ އަމަލުތައް ތަކުރާރުނުކުރުމަށް ޑރ ޒާހިރު ވަނީ ގޮވާލައްވާފައެވެ.

ކުރީގެ ރައީސް، އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ބައިވެރިންތަކެއް، ޑރ. އިޔާޒުއަށް ފުރައްސާރަކޮށްފައިވަނީ، އޭނާ ސައިކަލެއްގައި މަގުމަތިން ދަނިކޮށެވެ. މުޒާހަރާގެ ބައިވެރިން މުޒާހަރާ ކުރަމުންދިޔައީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ އިމާރާތް ހުންނަ ޗަނބޭލީ ވިލާ ދޮރުމަތީގައެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު، މުޒާހަރާގެ ބައިވެރިންގެ އަމަލުތަކަށް ގިނަބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެގޮތުން، ސިޔާސީ ފިކުރު ހުންނަ ގޮތެއްގެ ސަބަބުން، މަގުމަތިން މީހުންނާ ދިމާކޮށްލައި، ފުރައްސާރަކޮށް، އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ކަންކަން ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއްގެ ގޮތުގައި ގިނަބަޔަކު ވަނީ ސިފަކޮށްފައެވެ.