ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް އުރީދޫ މަސްރޭސް 2023 މިއަދު އިއުލާނުކޮށްފިއެވެ.
އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ މަސްރޭސް އޯގަސްޓް މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު މިމުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަތަށްކަމަށް އުރީދޫން ބުނެއެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މަސްރޭސް ވަނީ މާލެ، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭގޮތަށް ރާއްޖޭގެ ހަތަރު ސިޓީއެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައެވެ.
ފެށުނީއްސުރެވެސް އުރީދޫ މަސްރޭސް އަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ. މަސްދޯންޏެއްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫ މޯލްޑިވްސް އިން ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރާ ގުޅިގެން އުރީދޫ މަސްރޭސް 2023 އިއުލާނުކޮށް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވަނީ މުޖުތަމައުތަކުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން މަސްވެރިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް މި މުބާރާތުގައި ބައިވެރިވުމަށް ދައުވަތު ދެއްވާފައެވެ.
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސެން ރަޝީދު ހަސަން ވިދާޅުވީ، އަމާޒަކީ، ދިވެހިންގެ އާދަކާދަތައް ދަމަހައްޓަން މުޖުތަމަޢުތައް ބާރުވެރިކުރުވައި، އަންނަން އޮތް ޖީލުތަކަށް ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުވުންކަމަށެވެ. މަސްރޭހަކީ މުބާރާތެއްގެ އިތުރުން، މުޖުތަމަޢުތަކުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކުވައިދޭ، މަސްވެރިކަމުގެ ސަޤާފަތް ދައްކުވައިދޭ ހަރަކާތެއްކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސިޓީގެ އެކި ކަންކޮޅުތަކުން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 1 ދުވަހުގެ ނިޔަލަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭނެއެވެ. ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާއިރު ޓީމުގެ ބައިވެރިންނަށް 150 ރުފިޔާއަށް މަސްރޭސް ކިޓް މޫލީ މެދުވެރިކޮށް ގަނެވޭނެއެވެ. މަސްރޭސް ކިޓުގައި ހިމެނޭނީ މަސްރޭސް ކޯރީ އާއި ޓީޝާޓެވެ. ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 12 މެމްބަރުން ތިބެންވާނެކަމަށް އުރީދޫން ބުނެއެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފަވާ ތާރީހުތައް:
- މާލެ ސިޓީ: 4 އޮގަސްޓް 2023
- ކުޅުދުއްފުށި ސިޓީ: 11 އޮގަސްޓް 2023
- އައްޑޫ ސިޓީ: 18 އޮގަސްޓް 2023
- ފުވައްމުލައް ސިޓީ: 25 އޮގަސްޓް 2023
އުރީދޫ މަސްރޭސް 2023 ގައި ކޮންމެ ސިޓީއަކުން ވެސް އެންމެ މަދުވެގެން 12 ޓީމު ބައިވެރިވާ ގިނަވެގެން 30 ޓީމު ވާދަކުރާނެ އެވެ. 30 ޓީމަށް ވުރެ ގިނައިން ރެޖިސްޓަރ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ އެވެ.
ކޮންމެ ސިޓީއަކަށްވެސް ޖުމްލަ 75،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:
- އެއްވަނަ ޓީމް: 25،000 ރުފިޔާ
- ދެ ވަނަ ޓީމް: 10،000 ރުފިޔާ
- ތިން ވަނަ ޓީމް: 5000 ރުފިޔާ
- އެންމެ މޮޅު މަސްވެރިޔާ: 1000 ރުފިޔާ
- އެންމެ މޮޅު ފިޝަރވުމަން: 1000 ރުފިޔާ
އުރީދޫ މަސްރޭސް 2023 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން މަރުހަބާ ކިޔައެވެ.