ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓަށް ގެނައި އިސްލާހެއްގެ ދަށުން، އެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި އުޅުން ހުއްދަކޮށްފައިވާކަމަށް މީޑިއާތަކުގައި ރިޕޯޓުކުރުމުން އެކަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ދޮގުކޮށްފިއެވެ.

ޑީޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ޝަރުއީ ދާއިރާގެ މުވައްޒަފުންނަކީ އަބަދުވެސް ސިޔާސީ ހަރަކާތްތަކުން އެއްކިބާވެ ތިބެންޖެހޭ ބައެއް ކަމަށާއި އަލަށް އަމަލުކުރަންފެށި ކޯޑް އޮފް ކޮންޑަކްޓުގެ ދަށުން އެކަން ބަދަލުކޮށްފައިނުވާ ކަމަށެވެ.

2011 ވަނަ އަހަރު އެކުލަވާލި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން، މުވައްޒަފުންނަށް މަނާ ސިޔާސީ ކަންކަމުގެ ލިސްޓެއް ބަޔާންކޮށްފައިވާއިރު އައު ކޯޑް އޮފް ކޮންޑަކްޓްގައި ސިޔާސީ ހުރިހާ ހަރަކާތެއް ހިމެނޭ ގޮތަށް ސިޔާސީ ކަންކަން ޖުމްލަކޮށް މަނާ ކުރެވިފައިވާ ކަމަށް ޑީޖޭއޭގެ ބަޔާނުގައިވެއެވެ. ކުރިން މި ގަވާއިދު އެކުލަވާލާފައިވަނީ ސިޔާސީ ހަރަކާތްތައް ހިންގާ ވައްޓަފާޅިއަށް އަންނަ އަވަސް ބަދަލުތަކަށް ރިއާއަތްކޮށް، އެ ކަންކަމަކީ މަނާވެގެންވާ ކަންކަމުގެ ތެރޭގައި ހިމެނޭކަން ކަށަވަރުކުރުމުގެ މަގުސަދުގައިކަމަށް ވެސް ޑީޖޭއޭއިން ބުނެއެވެ.

އަލަށް އެކުލަވާލި ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން ވެސް ޝަރުއީ ދާއިރާގެ މުވައްޒަފުން ވަކި އަތަކަށް ޖެހުމާ މެދު ސުވާލު އުފެދިދާނެ އެއްވެސް ކަމެއް ކުރުން މަނާކޮށްފައިވާނެކަމަށާއި މީގެތެރޭގައި ސިޔާސީ ކަންކަމާއި އެ ނޫން އިޖުތިމާއީ ހަރަކާތްތައް ވެސް އިސްތިސްނާވެފައިނުވާނެކަމަށް ބަޔާނުގައިވެއެވެ.

ޑީޖޭއޭއިންވަނީ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމާއި ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި ވޯޓުލުމަކީ އެއްވެސް އިރެއްގައި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މަނާކަމެއް ނޫންކަން ފާހަގަކޮށްފައެވެ. އަދި މި ކޯޑުގެ ދަށުން ޝަރުއީ ދާއިރާގެ މިނިވަންކަމާއި މުވައްޒަފުން ވަކި އަތަކަށް ނުޖެހި ދަމަހައްޓަކައި ޕްރޮފެޝަނަލް ބަޔަކަށް ހެދޭނެކަމަށް ޑީޖޭއޭއިން އުއްމީދުކުރެއެވެ.

ޝަރުއީ ދާއިރާއަށް މި ގެނައި ބަދަލާއެކު ސަރުކާރަށް ބޮޑެތި ފާޑިކިޔުންތަކެއް އަމާޒުވެފައިވާއިރު އުސޫލު ބަދަލުކުރީ ސަރުކާރުގެ ކެމްޕެއިން ހަރަކާތްތަކުގައި އެ މުވައްޒަފުން ބޭނުންކުރުމަށްކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.