ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ބައްދަލުކުރެއްވުމަށް، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެކިފަހަރުމަތިން މަސައްކަތްކުރި ނަމަވެސް، އެކިފަހަރު އެކި އުޒުރު ދައްކަވާ، ރައީސްއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ދެއްވާފައިނުވާތީ އެންމެފަހުން ރައީސް އޮފީހުގައި ހުރެ ޕީޕީއެމުން ރައީސްގެ އެޕޮއިންޓްމަންޓަކަށްއެދި ސިޓީ ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވަން ރައީސް އޮފީހަށް 4 ދުވަސް މަތިން ވަޑައިގަތުމުންވެސް ބައްދަލުވެފައިނުވާތީ އެމަނިކުފާނުގެ އެޕޮއިންޓްމަންޓަކަށް ޕީޕީއެމްގެ އިސް ބޭފުޅުން ވަނީ ލިޔުމުން ހުށައަޅުއްވާފައެވެ. މި ގޮތައް އަމަލުކުރީ ރަސްމީ ޕްރޮޓޮކޯލްއިން ރައީސް ސޯލިހަށް ސިޓީ ލިބިވަޑައިނުގަންނަވާކަމަށް ރައީސް އޮފީހުން ބުނާތީކަމަށް ޕީޕީއެމް މައުލޫމާތުދެއެވެ.

ސިޓީގައިވަނީ ރައީސްގެ އެޕޮއިންޓްމަންޓަކަށް އެދުނީ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުގެ ސަބަބުންކަމަށް ބުނެފައެވެ.

ސިޓީގައި ވަނީ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުން ލަސްވާކަމަށާއި މިނިވަންކަން ގެއްލި މަޖިލިސް ހުއްޓިފައި އޮތުމަކީ އެކަމާމެދު ސަރުކާރު ޖަވާބުދާރީވާންޖެހޭ ކަމެއްކަމަށް ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ބައްދަލުކުރެއްވުމަށް އެމަނިކުފާނުގެ އެޕޮއިންޓްމަންޓަކަށް އިދިކޮޅު ޕީޕީއެމް އިން އެދިފައިވާއިރު މީގެ ކުރިން ކޯލިޝަނުންވަނީ ޖަލުގައި ހުންނެވި އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ސަރުކާރުން އަނިޔާކުރާ ކަމަށް ބުނެ އެކަމުގެ ތަފުސީލު ހިއްސާކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ވެސް ހާޒިރުވެފައެވެ.