އަޅުވެތިކަމާ ދެކޮޅަށް އެކާވީސް ވަނަ ޤަރުނުގައި ބޭނުންކުރާ އެންމެ ކަށަވަރު ފަރުވާއަކީ، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ޞުލްޙަކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސިފައިންގެ 131 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އަޅުވެތިކަމާއި ދެކޮޅަށް ދޭދޭ ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމާޢާތްތަކާ އެކުގައި ބަދަހިކުރާ އިތުބާރު ހުރި ގާތް އެކުވެރި ގުޅުން މުހިންމު ދައުރެއް އަދާކުރަކަމަށެވެ.

އަދި އެ ގުޅުމުގައި އާރުލާ ވަރަކަށް، އެ ޤައުމެއްގެ ވަށައިގެން ލެވޭ ދިފާޢީ ފާރުގެ ވަރި ބޯވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިގަރުނުގައި އަޅުވެތިކަމުން ސަލާމަތްވުމަށް ކުރަންވީ ކަންތައްތަކާއި ނުކުރަންވީ ކަންތަކުގެ މައްޗަށް ރައީސް ވަނީ ވަރަށް ތަފްސީލީގޮތެއްގައި އަލިއަޅުވާލައްވާފައެވެ.

" މިއަދުގެ ދިވެހި ސިފައިންނަކީ ވެސް ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރުމުގައި ދެމިތިބި ބައެއް. ދުޝްމަނުން މިއަދު ޤައުމާ ތޮޅެން އަންނަނީ ގުރާބުތަކާއި ބަނގަލާބޯޓުތަކާއި ނައުޒޯނގުފަހަރަކު ނޫން. ޤައުމު ދިފާޢުކުރުމަށްޓަކައި މިއަދު ހަދަންޖެހެނީ ކޯއްޓޭތަކާއި ބުރުޒުތަކާއި ކިއްލާތަކެއް ވެސް ނޫން. "
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސާލިހް

ރައީސް ވިދާޅުވީ ޤައުމަށް ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމުގައި ވެސް، އަދި އެ ނުރައްކާތައް ދުރާލައި ދެނެގަތުމުގައި ވެސް، ޤައުމުތަކަށް ކާމިޔާބު ލިބެނީ ސަރަހައްދީ ގުޅުން ދަމަހައްޓައިގެން ކަމަށެވެ. އަދި މިއަދުގެ ބައިނަލްއަޤުވާމީ މުޖްތަމަޢުގައި އެއްވެސް ޤައުމަކީ އެކަހެރިވެގެން، ނުވަތަ އެހެން ޤައުމުތަކާ ނުގުޅި އުޅެވޭނެ ޤައުމެއް ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެން ވެސް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަމުން މިއަންނަނީ އެ ގުޅުން ދަމަހައްޓައިގެން. އެ ގުޅުން ބަދަހިކުރުމަށްޓަކައި ޤާބިލު އަދި ހުޝިޔާރު ޢަސްކަރިއްޔާއެއް އޮތުމަކީ ވެސް އެހާމެ ބޭނުންތެރިކަމެއް. މިނިވަންކަމުގެ ކިތަންމެ ބޮޑު ޔަޤީންކަމެއް އޮތަސް، ސިފައިންނަކީ ކޮންމެ ވަގުތަކު ކޮންމެ ފަދަ ޙާލަތަކަށް ވެސް ފުރިހަމައަށް ތައްޔާރުވެ ލޯހުޅިފައި ތިބެންޖެހޭ ބައެއް."
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސާލިހް

ރައީސް ވިދާޅުވީ މިނިވަންކަން ނިގުޅައިގަތުމަކީ ބޭރުން މެދުވެރިވާ ކަމަކަށް ވިޔަސް، ގިނަ ފަހަރަށް އެކަމުގެ ފެށުން ގުޅިފައި އޮންނަނީ ޤައުމުގެ ދާޚިލީ ހަމަޖެހުމާ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމުގެ ތާރީޚުން ފެންނަން އޮތީވެސް އެ ޙަޤީޤަތްކަމަށާއި މިއަދު ދުނިޔޭގައި ހިނގާ ހަނގުރާމަތަކުން ފެންނަނީ ވެސް އެކަމުގެ ހެކިތައްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްވަނީ މުޅި ދުނިޔެއަށްވެސް އަދި ރާއްޖެއަށްވެސް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާކަމަށް ވިދާޅުވެފައެވެ.

" ދެ ނަން ކިޔަސް، މިއީ މުޅި އިންސާނިއްޔަތާ ދެކޮޅަށް އަތުކޮޅަށް ދަމާލާފައި އޮތް ކަނޑިއެއްގެ ވަރަށް ތޫނު ދެމިޔަ. އެކަމަށް ވެސް ދިވެހި ސިފައިން ތިބީ ތައްޔާރުވެ ފާރަވެރިވެގެން. މި ނުރައްކާތަކުން ރާއްޖެ ރައްކަތެރިކޮށްދިނުމަށް، ދިވެހި ސިފައިން އަންނަނީ ދުރާލައި ގިނަ މަސައްކަތްތަކެއް ކުރަމުން. "
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސާލިހް

ދިވެހި ސިފައިންގެ ޚިދުމަތަށް 131 އަހަރުފުރުނުއިރު މި ހިދުމަތް ރާއްޖޭގައި ރަސްމީގޮތުން ފެށިފައި ވަނީ، އައްސުލްޠާން އިބްރާހީމް ނޫރައްދީންގެ ރަސްކަމުގައި، މީލާދީން 1892 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 21ވަނަ ދުވަހުގައެވެ.