ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން އަންނަނިކޮށް ރޭޕްގެ ޝިކާރައަކަށްވި ޗައިނާގެ ފަތުރުވެރިޔާ އިންސާފު ހޯދައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރޭޕްކޮށްފައިވަނީ ދަ ރިޓްޒް-ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްގައި ހުރި ޗައިނާއަށް ނިސްބަތްވާ އޮސްޓްރެލިއާގެ ސިޑްނީގައި ތައުލީމު އުނގެނެމުންދާ ފަތުރުވެރިއެކެވެ. މި ފަތުރުވެރިޔާ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސް ހުއްޓާ އޭނާ ރޭޕްކުރީ ދިވެހި ބަޓްލާއެެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މީގެ ކުރިން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ކ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު ރޭޕްކުރި މައްސަލައެއް މިހިނގާ ޖޫންމަހުގެ ހަ ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި ސުވާލުކުރަން ޖެހޭ މީހުންނާ ސުވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ހާދިސާގައި ފަތުރުވެރިޔާގެ ހަށިގަނޑަށް ލިބުނު އަނިޔާތަކުގެ މަންޒަރު ފެންނަ ފޮޓޯތައް މީސްމީޑިއާގައި އޭނާވަނީ އާއްމުކޮށްފައެވެ.

ފަތުރުވެރިޔާއަށް ދިމާވި ހާދިސާގައި އިންސާފު ހޯދައިދިނުމަށްއެދި ރައީސް ސާލިހަށާއި ރައީސް ނަޝީދަށް އޭނާ ފޮނުވި ސިޓީގައިވަނީ އިންސާފާއި އެހީތެރިކަން ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކުރި ނަމަވެސ އަޅުގަނޑަށް އިންސާފު ލިބުމުން މަހުރޫމުވެފައިވުމަކީ އަންހެނެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް މާޔޫސްވާކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ފުލުހަށް ހުށަހަޅާފައިވާ މައްސަލައިގެ ރިފަރެންސް ނަންބަރު ހިއްސާކޮށް ފޮނުވި ސިޓީގައި ފަތުރުވެރިޔާވަނީ އިންސާފު ހޯދުމަށް ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކުގެ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރަމުން އަންނަކަމަށާއި ނަމަވެސް އެކަމުގައި އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ބުނެފަައެވެ.

ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ބިދޭސީން ރޭޕުކުރުމަކީ މަދުން ނަމަވެސް ހިނގަމުން އަންނަ ކަމެކެވެ. ބައެއް ރިސޯޓުތަކުގައި ދިވެހިންވެސް ރޭޕްކުކޮށްފައި އެބަ ހުއްޓެވެ. އަދި ރޭޕް ނޫނަސް، ސީނިއަރ މެނޭޖްމަންޓުގެ ފަރާތުން، ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް އެކިވަރުގެ ޖިންސީގޯނާ ކުރާ މައްސަލަތައް ވެސް ފެންމަތިވެއެވެ.

ފަތުރުވެރިންނާއި މަސައްކަތްތެރިންގެ ރައްކާތެރިކަން ބައެއް ރިސޯޓުތަކުގައި އެންމެ ފުރިހަމައަށް ނުދެވޭކަަން ފާހަގަކޮށްލެވެއެވެ.

މި ހާދިސާގައި ސަރުކާރުގެ ބަހެއް ނުލިބޭތީއާއި ޗައިނާފަދަ ރާއްޖޭގެ ފަތުރުވެރިކަމަށް ބިނާކުރަނިވި ފައިދައެއްލިބޭ ގައުމެއްގެ ފަތުރުވެރިން ރާއްޖެއައުމުގައި ބުރުލެއް އަރާފާނެތީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބަޔަކުދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ މުޅި ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކޮށް ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މޫނުމަތި ހަޑިވިޔަ ނުދިނުމަށް ސަރުކާރުން ބަހެއް ބުނުމަށްވެސް އެފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

މިކަމާ ގުޅިގެން ވީނިއުސްއިން ސަރުކާރުގެ ބަހެއް ހޯދުމަށް މަސައްކަތްކުރިނަމަވެސް އެ މައުލޫމާތު ލިބޭގޮތްވަނީ ނުވެފައެވެ.