ޖުމްހޫރީ ޕާޓީގެ ފަރާތުން ސަރުކާރުގެ ސިޔާސީ މަޤާމްތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނަށް އަދިވެސް ސަރުކާރުން ދަނީ ވަޒީފާގެ ބިިރު ދައްކައި ނުފޫޒް ފޯރުވަމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަޤާމްތަކުގައި ތިއްބެވި ބޭފުޅުން ޕާޓީ ދޫކޮށް ވަޑައިގަތުމަކީ އައު ކަމެއް ނޫން ކަމަށެވެ. އަދި އެއީ މިއަދު އެބޭބޭފުޅުން ނިންމެވި ނިންމެވުމެއްވެސް ނޫން ކަމަށް އިލްހާމް ވިދާޅުވިއެވެ.
އިލްހާމްވަނީ މިދިޔަ ރަމަޟާން މަހުވެސް އެބޭފުޅުން ޖުމްހޫރީ ޕާޓީ ދޫކުރެއްވިކަމަށް ސަރުކާރު ބާރުފޯރުވާ ނޫސްތަކުން ބޮޑެތި ޚަބަރު ހެދި ކަމަށެވެ. އަދި މިކަމަކީ އައު ކަމެއްނޫންކަން ފާހަގަކުރައްވައި އިލްހާމް ވަނީ ބަލިކަށިވެ، ގޮތްހުސްވީމަ، ރައްޔިތުން މާޔޫސްކުރުވަން ކުރީ ސަރުކާރުތަކުންވެސް މިފަދަ މީޑިއާ ސްޓަންޓް ޖައްސާކަން ފާހަގަކުރައްވާފައެވެ.
ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ކޯލިޝަން ހިއްސާވާ ޕާޓީއަކަށް ވާއިރު ޕާޓީގެ 25 އިންސައްތަ ހިއްސާއަށްވާ 350 މަގާމް ދޭންޖެހޭނެ ކަމަށް އިލްހާމް ވިދާޅުވިއެވެ. އެހެންނަމަވެސް ޕާޓީގެ ހިސާބުތައް ދައްކާގޮތުން ސަރުކާރުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ ބޭފުޅުންގެ އަދަދު 4 އަށްވެސް ނާރާކަން އިލްހާމް ފާހަގަކުރެއްވިއެވެ.
ސިޔާސީ މަޤާމްތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނަށް އަދިވެސް ސަރުކާރުން ދަނީ ވަޒީފާގެ ބިިރުދައްކައި ނުފޫޒް ފޯރުވަމުންކަން ފާހަގަކުރައްވައި އިލްހާމް ވިދާޅުވީ ސަރުކާރުން ކިތެއްމެ އުނދަގޫކޮށް ދަތިހާލެއްޖެއްސިޔަސް ﷲގެ ވާގިފުޅާއެކު ޖުމްހޫރީ ޕާޓީ ދާނީ ކުރިއަށްކަން ފާހަގަކުރައްވައި މިއަހަރުގެ އިންތިހާބު ކާމިޔާބު ކުރާނީ ރައްޔިތުންގެ ސީދާ ވޯޓުން ކަމަށް ވިދާޅުވެފައެވެ.
މީގެ ކުރިން ސަރުކާރުގައި ތިއްބެވި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ބޭފުޅުން، މަޤާމު ދިފާޢުކުރެއްވުމުގެ ނިޔަތުގައި ޖުމްހޫރީ ޕާޓީ ބަދުނާމު ކުރައްވަމުން ގެންދަވާތީ އެކަން އެގޮތަށް ނުކުރެއްވުމަށާއި ކަމުގެ ހަޤީޤަތާއި އޮތްގޮތް ހާމަކުރުމަށްފަހު ޕާޓީން ވަކިވާކަން ޢިއުލާން ކުރެއްވުމަށް އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްވެސްވަނީ އެދިވަޑައިގެންފައެވެ.
ޖުމްހޫރީ ޕާޓީން އިންތިހާބުގައި ވާދަކުރުމަށް ނިންމުމުން ރައީސް ސާލިހު ނިސްބަތްވާ އެމްޑީޕީގެ ނުރުހުން ޖުމްހޫރީ ޕާޓީއަށް އަމާޒުވެ ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބޭފުޅުން މަގާމުތަކުން އިސްތިއުފާދޭންވެސް އަންނަނީ ގޮވާލަމުންނެވެ.