ރިޔާސީ އިންތިހާބަށް ނަން ހުށަހެޅޭނެ މުއްދަތު އިތުރު ކުރުމާއި ބެހޭ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީގު ކުރައްވައިފިއެވެ.
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 4 ވަނަ އިޞްލާޙް ގެނައުމުގެ މި ބިލަކީ، މިމަހުގެ 19 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މިޤާނޫނަށް އިޞްލާޙް ގެނެސްފައިވަނީ، 5 ވަނަ މާއްދާގެ (ރ) އަށެވެ. އެގޮތުން އެމާއްދާއަށް ގެނެސްފައިވާ މައިގަނޑު އިޞްލާޙަކީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމަށް ކުރިން ދީފައި އޮންނަ 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމެވެ.
އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނަށް 4 ވަނައަށް ގެނެސްފައިވާ އިސްލާޙްތަކަކީ، އެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް އަކުރެއް އިތުރު ކުރުމާއި، އެޤާނޫނުގެ 45 ވަނަ މާއްދާގެ ފަހަތަށް، މާއްދާއެއް އިތުރު ކުރުމެވެ. މިގޮތުން މިޤާނޫނަށް ގެނެވުނު މައިގަނޑު އިސްލާޙަކީ، ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހުންގެ ތެރެއިން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި، ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް އެދޭނަމަ، އެކަން ކުރާނެ ގޮތް ބަޔާންކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 3 ވަނަ އަދި 4 ވަނަ އިޞްލާޙް ގެނައުމުގެ ބިލްތައް ތަޞްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނުތައް ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރު ޝާއިޢު ކުރައްވާފައެވެ.
ބިލުތައް ތަސްދީގުކުރައްވައި ގެޒެޓްގައި ޝާއިއުކުރެވިފައިވުމުން މި ޤާނޫނުތަކަށް ޢަމަލުކުރަން ވަނީ ފެށިފައެވެ.