ހިޔާ ސްކީމުގެ ސިވިލް ސަރވިސް ކެޓަގަރީން 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓްދިނުމަށާއި އެކި ސަބަބުތަކާހެދި ހުސްވެފައިވާ 145 ފްލެޓް ދޫކުރުމާމެދު ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮތްތަކެއް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަންކަމަށް ގޮތްތަކެއް ނިންމަވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޝްވަރާކުރެއްވުމަށްފަހުގައެވެ.

ވަޒީރުން މަޝްވަރާކުރައްވާފައި ވަނީ ހިޔާ ސްކީމުގެ ސިވިލް ސަރވިސް ކެޓަގަރީގެ ދާއިމީ ލިސްޓުގައި 50 ޕޮއިންޓަށްވުރެ ދަށުން މާރކްސް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލުނުކުރާގޮތަށް ސަރުކާރުން ކުރިން ނިންމަވާފައިވާ ނިންމެވުމާއެކު އެކެޓަގަރީން ފްލެޓް ހަވާލުނުކޮށް ތިބި 45 ފަރާތަކަށް ފެލެޓް ހަވާލުކުރުމާ މެދު ގޮތެއް ނިންމެވުމަށެވެ. ސިވިލް ސަރވިސް ކެޓަގަރީ ފިޔަވައި ހިޔާ ސްކީމުގެ އެހެން އެއްވެސް ކެޓަގަރީއެއްގައި ދާއިމީ ލިސްޓްގައި 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބުނު ފަރާތްތަކުގެ ގޮތުގައި ނަން ހިމަނާފައި ނުވުމާއި ސިވިލްސަރވިސް ކެޓަގަރީއަކީ މިނިސްޓްރީތަކާއި މާލެ ސިޓީ ކައުންސިލު ހިމެނޭގޮތަށް ކޮންމެ އޮފީހަކަށް ވަކި ޢަދަދެއް ކަނޑައަޅައިގެން އެ އޮފީސްތަކުގެ ފަންނީ، އިދާރީ އަދި ސަޕޯޓް ސަރވިސްގައި މަސައްކަތްކުރާ ފަރާތްތަކަށް ޢަދަދު ކަނޑައަޅައިގެން ކުރިޔަށް ގެންގޮސްފައިވާ ކެޓަގަރީއަކަށް ވާތީ ވަޒީރުންގެ މަޖިލީހުގައި ނިންމަވާފައި ވަނީ ދާއިމީ ލިސްޓުގައި ހިމެނިފައިވާ އެ 45 ފަރާތައް ފްލެޓް ހަވާލުކުރުމަށެވެ.

މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ އެކި ސަބަބުތަކާހެދި ހުސްވެފައިވާ ހިޔާ ސްކީމުގެ145 ފްލެޓް، ރިޒާވް ލިސްޓުން މާރކްސް ތަރުތީބުން ދިނުމަށްވެސް ނިންމަވާފައެވެ.

ހިޔާއިން ހުސްވެފައިވާ 145 ފްލެޓް ދޫކުރާނެ ގޮތަތަކެއް ކަނޑައަޅައިފައިވާއިރު ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް ދާއިމީ ލިސްޓުން ބޭރުން ހިޔާ ފްލެޓްތައް ބަހާކަމުގެ ޝަކުވާ ބޮޑުވެ، މި މައްސަލައިގައި ސަރުކާރުން ގެންގުޅެނީ 100 އިންސައްތައިގެ ކޮރަޕްޝަން ޕޮލިސީއެއް ކަމަށް އާއްމުންގެ އެކުވެރި ގުޅުމުން ވަނީ މީގެ ކުރިން ބުނެފައެވެ.

މިކަމާއި ގުޅިގެން ބައެއް އާއްމުންގެ ޝަކުވާތައްވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަވާއިރު ބައެއް މީހުން ތުހުމަތުކުރާގޮތުގައި ފްލެޓްތައް ބަހަނީ ސަރުކާރުގެ އޭޖެންޓުންތަކެކެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި ވަކި ވަރަކަށް ސަރުކާރަށް ވޯޓު ހޯދައިދޭނަމަ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ފްލެޓް ލިބޭނެކަމުގެ ޔަގީންކަން އޭޖެންޓުން ދެމުން އަންނަ ކަމަށް އާއްމުން ތުހުމަތުކުރެއެވެ.

މިކަމާއި ގުޅިގެން ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްވަނީ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށައަޅުއްވާފައެވެ. އެހެންނަމަވެސް އެމައްސަލަވަނީ ސަރުކާރުގެ ތާއީދާއެކު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައެވެ.