މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އަމީރުލްޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މައްކާއަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ޙައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަނޑައަޅުއްވާފައެވެ.

ދިވެހި ޙައްޖާޖީންގެ އެންމެހާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ހުރިހާ އިންތިޒާމުތަކެއް ވީހާވެސް ފުރިހަމައަށް ގެންދިޔުމަށް ބާރު އެޅުމަށްޓަކައި ސަރުކާރުން ކޮންމެ އަހަރަކުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވަނީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑަށެވެ. މި ތިން ކުންފުންޏަށް ވެސް 90 ކޯޓާ އިސްލާމިކް މިނިސްޓްރީންވަނީ ދީފައެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދާ ހުރިހާ ދިވެހިންވެސް މިހާރު މައްކާގައި ތިބިއިރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މިއަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 27 ވާ އަންގާރަދުވަހެވެ.

އަމީރުލްހައްޖަކީ އެ އަހަރެއްގައި ހައްޖަށް ވަޑައިގަންނަވާ ބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، ސަރުކާރުގެ ފަރާތުން ވަޑައިގަންނަވާ ބޭފުޅެކެވެ.