މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގައި، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރުމަށް އެކުލަވާލައްވާފައިވާ ކޮމިޓީން ނިންމަވާފައިވާ ގޮތަށް އެސްކީމާއި ގުޅޭ ކަންކަން ކުރިޔަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގަވާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމާއި ގުޅޭގޮތުން، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުށައެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. މިކަމާއި ގުޅޭ އިތުރު ތަފްޞީލްތައް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކުރައްވާނެކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. މިޕްރޮގްރާމްގެ ދަށުން ބަންޑާރަ ގޯއްޗަށް އެދި 23،088 މީހުންގެ ފަރާތުން، 15،164 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ.
މި ސްކީމްގެ ދަށުން ހުޅުމާލޭން 1،000 ގޯތި ގުޅީފަޅުން 2،000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދިނުމަށް ހަމަޖެހިފައިވެއެވެ. އެ 5،000 ގޯތީގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރާނީ 3،000 ގޯތިކަމަށް ސަރުކާރުން ހާމަކުރެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދިނުމަށް ހަމަޖެހިފައިވާ 1,000 ގޯއްޗަށްވާ ބިން ކެނޑުމުގެ ތާރީހު ސަރުކާރުން ބުނި ތާރީހަށް ނުނިމި ދިގު ލައިގެން ގޮސް މިހާރު ބުނެފައި ވަނީ މި ޖޫން މަސް ތެރޭގައި ލިސްޓު އިއުލާން ކުރާނެ ކަމަށެވެ.
މި ސްކީމުގެ އިތުރުން "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ދޫކުރުމަށް ކަނޑައެޅި 4000 ފުލެޓަށް އެދި 20،697 މީހުން ފޯމު ހުށަހަޅާފައިވެ އެވެ.