އެޓްލާންޓިކް ކަނޑުގެ އަޑީގައިވާ ޓައިޓޭނިކް ބޯޓުގެ ބައިތައް ބަލާލުމަށް ފީނި "ޓައިޓަން" ގެއްލުން ހާދިސާއަށް މުޅި ދުނިޔޭގެ ކަޅި އަމާޒުވެފައިވާއިރު، މިހާދިސާއާ ގުޅިގެން މީޑިއާގައިވެސް ގިނަ ވާހަކަތަކެއްދަނީ ހިއްސާކުރަމުންނެވެ.

މިހާދިސާ ކަވަރުކުރުމަށް ގިނަ ނޫސް ރިޕޯޓުތަކެއްވެސް ޝާއިއުކޮށްފައިވާ މިދަނޑިވަޅުގައި، ބައެއް ނޫސްތަކުން ރިޕޯޓުތައް ގެނެސްދީފައިވާ ގޮތާ ގުޅިގެން ފާޑުކިޔުންވެސް އަމާޒުވެފައި ވެއެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ "ޓައިޓަން"އަކީ ސަބްމެރިންއެއް ކަމަށް ނޫސް ރިޕޯޓުތަކުގައި ބުނެފައިވާތީއެވެ.

ހަގީގަތުގައި "ޓައިޓަން"އަކީ ސަބްމެރިންއެއް ނޫނެވެ. އެ އުޅަނދަކީ ސަބްމާސިބަލް އެކެވެ. ބޭރުގެ ބައެއް ނޫސްތަކުންވެސް ވަނީ މި ކުށްބަސް ފާހަގަކޮށް، ރަނގަޅުގޮތް ބުނެ ދިނުމަށް ރިޕޯޓުތައް ޝާއިއުކޮށްފައެވެ.

ސަބްމެރިން އާއި ސަބްމާސިބަލްގެ ތަފާތަކީ ކޮބާ؟

ސަބްމެރިންއަށް ދަތުރު ފަށާ މަންޒިލަކަށް އަމިއްލަ ބާރުގައި އެނބުރި އައުމުގެ ގާބިލުކަން ލިބިގެންވެއެވެ. އޭގެ މާނައަކީ ސަބްމެރިންއަށް ކަނޑުގެ އަޑިއަށް ފީނައި، ފީނަން ފެށި މަންޒިލަށް އަމިއްލައަށް އެނބުރި އާދެވިދާނެއެވެ. ޑްރޯނެއް އަނބުރާ އެރުވިތަނަށް އަންނަ ބީދައިންނެވެ. މިއާ ޚިލާފަށް ސަބްމާސިބަލްއަކަށް ލޯންޗްކުރުމަށާއި ފީނަން ފަށާ މަންޒިލަށް އަނބުރާ ގެނައުމަށް އިތުރު އުޅަނދެއް ބޭނުންވެއެވެ. އޭގެ މާނައަކީ ސަބްމެރިންއާ ހިލާފަށް ކަނޑުގެ އަޑިއަށް ފީނަައި، އަމިއްލަ ސްޓީމްގެ ދަށަށް އެނބުރި އައުމުގެ ގާބިލްކަން ސަބްމާސިބަލްގައި ނެތެވެ.

"ޓައިޓަން" ސަބްމާސިބަލްއާއި މީހުނަށް ވީކަމަށް ލަފާކުރެވޭގޮތް

އެޓްލާންޓިކް ކަނޑުގެ އަޑީގައިވާ ޓައިޓޭނިކް ބޯޓުގެ ބައިތައް ބަލާލުމަށް ދަތުރުކުރި "ޓައިޓަން" ސަބްމާސިބަލްގައި، ތިބި ފަސް މީހުން ވެސް މަރުވެފައިވާކަަމަށް އިޢުލާންކޮށްފައިވާއިރު، އޭގެ ފަހަތުގައިވަނީ ބާރުގަދަ އިމްޕްލޯޝަނެއްކަމަށް އެމެރިކާގެ ނޭވީއިން ލަފާކުރެއެވެ.

އިމްޕްލޯޝަނަކީ ފަޅިސިކުންތެއްގެ ތެރޭގައި އެއްޗެއް ގޮވައި ފުނޑުފުނޑުވުމެވެ. މި އިމްޕްލޯޝަން ހިނގީ ސީދާ ކޮންއިރަކު އަދި ކޮންތާކުކަމެއް ސާފެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު ބުރާސްފަތި ދުވަހު ވިދާޅުވީ، އެމެރިކާގެ ނޭވީ އެކޯސްޓިކް ސިސްޓަމަށް އާދީއްތަ ދުވަހު ގޮވުމެއްގެ އަޑު ދެނެގަނެވިފައިވާކަމަށާއި އެއީ ޓައިޓަންގެ ނުރައްކާތެރި އިމްޕްލޯޝަންކަމަށް ބެލެވޭ ކަމަށެވެ.

ސަބްމާސިބަލްގައި ތިބި މީހުންނަކީ އޯޝަންގޭޓްގެ ސީއީއޯ، ޕައިލެޓް ސްޓޮކްޓަން ރަޝްއާއި އިނގިރޭސި އެޑްވެންޗަރަރ ހާމިޝް ހާޑިންގާއި ޕާކިސްތާނުގެ މަޝްހޫރު ވިޔަފާރިވެރިޔާ ޝަހުޒާދާއާއި އޭނާގެ ދަރިފުޅު ސުލައިމާން ދާއޫދެވެ. އަދި ފްރާންސްގެ ކަނޑުއަޑީގެ އެކްސްޕްލޯރަރ ޕޯލް-ހެންރީ ނާޖިއޯލެޓްވެސް އޭގައި ދަތުރުކުރިއެވެ.

ޓައިޓޭނިކް ބޯޓުގެ ބައިތައް ބަލާލުމަށް ފީނި "ޓައިޓަން"

ޓައިޓޭނިކް ބަލަން ދިޔަ "ޓައިޓަން" ގެ ޚަބަރެއް ނުވެގެން ހޯދަމުން، އެ ސަބްމާސިބަލް ކަނޑު އަޑީގައި އޮވެ ގޮވައި ސުންނާފަތިވެ އޭގައި ތިބި މީހުން މަރުވެފައިވާކަމަށް ބެލެވޭއިރު، އެ މީހުންގެ ހަށިގަނޑުތައް ނުނެގޭނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

"ޓައިޓަން"ގެ ބައިތަކެއް ފެނުނީ އޭގައި ހުންނާނެކަމަށް ބެލެވޭ އޮކްސިޖަން ހުސްވެ، ފަސިންޖަރުންގެ ފުރާނައަށް ނުރައްކާވެދާނެކަމަށް ލަފާކުރި ވަގުތު ހަމަވި ފަހުންނެވެ. އުޅަނދު ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވި އެމެރިކާގެ ކޯސްޓްގާޑުން ބުނީ، އުޅަނދުގެ ބައިތައް ފެނުނީ ޓައިޓޭނިކާ މާ ދުރުނޫން ހިސާބަކުން ކަމަށެވެ. 22 ފޫޓުގެ "ޓައިޓަން"ގެ ބައިތަކެއް ކަނޑުގެ އަޑިން ފެނިފައިވާ ކަމަށާއި، އޭގެ ތެރޭގައި އުޅަނދުގެ ފަހަތްކޮޅުގެ ބައިތައްވެސް ހިމެނޭކަމަށް އެމެރިކާ އަސްކަރިއްޔާގެ އޮފިޝަލުން ވިދާޅުވެއެވެ.

ވަގުތު ހަމަވިފަހުން އެމެރިކާގެ ތަޖުރިބާކާރުން ވަނީ އެ ސަބްމާސިބަލް ހަލާކުވާނެކަމަށް ލަފާކުރެވޭ ގޮތުގެ ސިމިއުލޭޝަން ވީޑިއޯއެއް ތައްޔާރުކޮށް، އާންމުކޮށްފައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން ސަބްމާސިބަލް ގޮވައި ހަލާކުވީ ކަނޑުގެ އަޑީގެ ޕްރެޝަރަށް ކެތް ނުވެގެންނެވެ. އަދި އުޅަނދު ހަލާކުވި ހިސާބުގައި ހުރި ޕްރެޝަރަކީ ޓައިޓޭނިކްގެ ބައިތައް ހުރި ހިސާބުގައި ހުންނާނެ ޕްރެޝަރަށްވުރެ ދަށް ޕްރެޝަރަކަށް ވާއިރު، "ޓައިޓަން"އަކީ އެވަރު ކަމަކަށް ގާބިލް އުޅަނދެއް ނޫންކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެ ފަރާތްތަކުން ލަފާކުރާ ގޮތުގައި، ސަބްމާސިބަލް ގޮވާފައިވަނީ އެތެރޭގެ ޕްރެޝަރ ބޮޑުވެގެންނެވެ.

"ޓައިޓަން" ގޮވުމާއެކު އޭގައި ތިބި މީހުންގެ ހަށިގަނޑުތައް ވެސް ކުދިކުދިވާނެކަމަށާއި އަދި ނެގޭނެ ހަށިގަނޑުގެ ބައިތަކެއް ނުހުންނާނެ ކަމަށް ވެއެވެ.

މީގެ 111 އަހަރު ކުރިން ފެތުނު އާރް.އެމް.އެސް ޓައިޓޭނިކްގެ ބައިތައް ބެލުމަށް ފަތުރުވެރިންނާއެކު ފީނި "ޓައިޓަން"ގެ ނަން ދީފައިވާ ސަބްމާސިބަލްގައި ދަތުރުކުރި ފަސް މީހުން މަރުވެފައިވާކަން އިޢުލާންކޮށްފައިވަނީ އެ އުޅަނދު ހޯދުމަށް ފަސް ދުވަސް ވަންދެން ކުރަމުން ދިޔަ މަސައްކަތްތަކަށް ފަހުއެވެ.