ސާފް ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް ސްޓޭޖުގައި ޕާކިސްތާނުން ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެ، މުބާރާތުގައި އެ ޓީމަށް ކުރިއަށް ދިއުމުގެ ފުރުސަތު ގާތްގަނޑަކަށް ގެއްލިއްޖެއެވެ.

ޕާކިސްތާނުގެ ފުޓުބޯޅަ ފެޑެރޭޝަން ހިންގުމުގައި ތިންވަނަ ފަރާތެއްގެ ނުފޫޒު އޮތްކަމަށް ބުނެ ފީފާއިން އެ ގައުމު، ފުޓުބޯޅައިގެ އެންމެހާ ހަރަކާތަކުން ބައިވެރިނުވެވޭގޮތަށް އޮތް ސަަސްޕެންޝަން އުވާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ. ސަސްޕެންޝަނަށްފަހު ޕާކިސްތާނުން ވާދަވެރި މެޗުތަކެއް ކުޅޭ މިއީ ފުރަތަމަ ފަހަރެވެ.

އެހެންނަމަވެސް ފާއިތުވީ ދުވަސްތަކުގެ ތެރޭގައި އެ ގައުމުން އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައިވެއެވެ. ރާއްޖެއާއި، މޮރީޝަސްގެ އިތުރުން ޖަބޫޓީ އަދި ކެންޔާއާ އެކު ޕާކިސްތާނުން އެކުވެރިކަމުގެ މެޗުތަކެއް ކުޅުނުއިރު، މީގެއިން އެއްވެސް މެޗަކުން އެ ގައުމު މޮޅުވެފައެއް ނުވެއެވެ.

މި މުބާރާތުގެ ކުރިން، އެންމެފަހުން ޕާކިސްތާނުން ސާފް ޗެމްޕިއަންޝިޕެއްގައި ކުޅެފައިވަނީ 2018 ވަނަ އަހަރުއެވެ. ރާއްޖެއިން ޗެމްޕިއަންކަން ހޯދި އެ މުބާރާތުގައި ޕާކިސްތާނުން ވަނީ ސެމީ ފައިނަލުގައި ކުޅެފައެވެ. ސެމީގައި ޕާކިސްތާން ބަލިވީ އިންޑިއާ އަތުންނެވެ.

2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ސަސްޕެންޝަނުގެ ސަބަބުން ޕާކިސްތާނަށް ނުކުޅެވުނުއިރު، މިފަހަރުގެ މުބާރާތުގައި ޕާކިސްތާން ލައްވާލީ ވަރުގަދަ ގުރޫޕެއްގައެވެ. އެގޮތުން ގްރޫޕް އޭގައި ޕާކިސްތާނާއެކު ދެން ހިމެނެނީ އެންމެފަހުންގެ ޗެމްޕިއަން އިންޑިއާއާއި ރަނަރަޕް ނޭޕާލްގެ އިތުރުން ސަރަހައްދުން ބޭރު ގައުމެއްގެ ގޮތުގައި ބައިވެރިވި ކުވައިތެވެ.

މުބާރާތުގައި ޕާކިސްތާނުން ކުޅުނު ފުރަތަމަ މެޗުގައި ހޯސްޓު އިންޑިއާ އަތުން ޕާކިސްތާން ބަލިވީ 0-4 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ. ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ކުވެއިތާ ދެކޮޅަށްކުޅެ މިއަދު ޕާކިސްތާން ވަނީ 0-4 އިން ބަލިވެފައެވެ.

މެޗުގައި ޕާކިސްތާންގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ކުވައިތުގެ ކުޅުންތެރިން ވަނީ 10 ވަނަ މިނެޓުގެ ތެރޭގައި ލަނޑެއްޖަހައި ލީޑުނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން އަލް އެނެޒީއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކުވައިތުން އިތުރު ދެ ލަނޑު ޖެހިއިރު މި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ މުބާރަކް އަލް ފަނޭނީއެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ކުވައިތުން މުޅި ގޭމް ކޮންޓްރޯލްކޮށްގެން ކުޅުނުއިރު، މެޗުގެ 69 ވަނަ މިނެޓުގައި އީދު ނަސީރު އަލް ރަޝީދީ ވަނީ ކުވައިތުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މޮޅާއެކު ކުވައިތުން މުބާރާތުގެ ސެމީ ފައިނަލްގެ އުއްމީދު ބޮޑުކުރިއިރު، ލިބުނު ބައްޔާއެކު ޕާކިސްތާނަށް މިވަނީ ގާތްގަނޑަކަށް ފުރުސަތު ގެއްލިފައެވެ. ޕާކިސްތާނަށް ސެމީގެ ޖާގައެއް ލިބެންއޮތް ހަމައެކަނި ފުރުސަތަކީ، ކުރިއަށް އޮތް ދެ މެޗުން އިންޑިއާ ބަލިވެ، ޕާކިސްތާނުގެ ފަހު މެޗުގައި ނޭޕާލްގެ މައްޗަށް ފަރަގު ބޮޑު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިރޭގެ މެޗުން އިންޑިއާ އެއްވަރުވި ނަމަވެސް ނުވަތަ މޮޅުވި ނަމަވެސް ޕާކިސްތާނަށް ކުރިއަށް ދިއުމުގެ ފުރުސަތު އެއްކޮށް ގެއްލުނީއެވެ.

ސެމީގެ ޖާގައެއް ކުވައިތަށް ގެއްލޭނެ ހަމައެކަނި ގޮތަކީ، ނޭޕާލަށް ކުރިއަށް އޮތް ދެމެޗު އެ ގައުމުން ކާމިޔާބުކޮށް، ފަހު މެޗުގައި އިންޑިއާ އަތުން ކުވައިތު ބަލިވެގެންނެވެ. އޭރުންވެސް ލަނޑުގެ ތަފާތުން ނޭޕާލަށް ކުރި ލިބިގެންނޫނީ ކުވައިތަށް ފުރުސަތު ނުގެއްލޭނެއެވެ.

މިރޭ އިންޑިއާ އާއި ނޭޕާލް ބައްދަލުކުރާ މެޗުން އިންޑިއާ މޮޅުވެއްޖެނަމަ، މި ގުރޫޕުން ސެމީގެ ޖާގަތައް ކަށަވަރުކުރާ ޓީމުތަކަށް ވާނީ އިންޑިއާ އާއި ކުވައިތެވެ. މި މެޗު ފަށާނީ ރާއްޖެގަޑިން 19:00 ގައެވެ.

މުބާރާތުގެ ގްރޫޕް އޭގެ އެއްވަނައިގައި މިވަގުތު ކުވެއިތު އޮތީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓާއި ފައިދާ ހަ ގޯލާއި އެކުއެވެ. ދެވަނައިގައި އޮތް އިންޑިއާއަށް އެއް މެޗުން ތިން ޕޮއިންޓާއި ފައިދާ ހަތަރު ލަނޑު ލިބެއެވެ. ތިންވައިގައި ނޭޕާލް އޮތްއިރު ފުލުގައި އޮތީ ޕާކިސްތާނެވެ.