ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ އާއިލީ ގެކޮޅު ގ.ކެނެރީގެއަށް ބަދަލުވެވަޑައިގެންފިއެވެ.

ރައީސް ނަޝީދު ކުރިން ދިރިއުޅުއްވަމުން ގެންދެވީ މަޖިލީހުގެ ރައީސް ހުންނެވުމަށް ސަރުކާރުން ހަމަޖައްސަވާދެއްވި މ. މުރައިދޫގޭގައެވެ. ސަރުކާރުން ރައީސް ނަޝީދު މުރައިދޫގެއަށް ބަދަލު ކުރެއްވީ 2021 ވަނަ އަހަރުގެ މޭމަހު އެމަނިކުފާނު އަވަހާރަކޮށްލުމަށް ދެވުނު ބޮމުގެ ހަމަލާއަށްފަހު ސަލާމަތީ ސަބަބުތަކަށްޓަކާ މަޖިލީހުގެ ރައީސް ހުންނަވާނެ ވަކި ގެއެއް ބޭނުންވާނެކަމަށް ސަލާމަތީ ބާރުތަކުން ލަފާ ދެއްވުމާއި ގުޅިގެންނެވެ.

އެހެންނަމަވެސް ސަރުކާރު ހިންގާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ އެމަނިކުފާނުގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައެވެ. އަދި މިހާރު ރައީސް ނަޝީދުވަނީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅު ފެއްޓެވި ޕާޓީން ވަކިވެވަޑައިގެންފައެވެ.

އަދި އިތުބާރުނެތްކަމުގެ މައްސަލައިގެ ނޯޓިސް މި މަހުގެ 26 ވަނަ ދުވަހަށް ހަމަވާނެކަމަށާއި މިމަހުގެ 26 ވަނަ ދުވަހު މ.މުރައިދޫގެއިން ގ.ބޭރުވެލިއަށް ބަދަލުވާނެކަން ރައްޔިތުންގެ މަޖިލިހުގެ އަމީންއާންމު އަލްއުސްތާޒާ ފާތިމަތު ނިއުޝާއަށް އެމަނިކުފާނުވަނީ އަންގަވައިފައެވެ.

އިތުބާރުނެތްކަމުގެ މައްސަލައިގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުވެރިވެވަޑައިގެން ހުންނެވުމަށްފަހު މަޖިލީހުގެ ރިޔާސަތާ ރައީސް މުހައްމަދު ނަޝީދުވަނީ މިހާރު ހަވާލުވެވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލިސް ހުއްޓިފައި އޮތުމަކީ ރާއްޖޭގެ ގިނަ ރައްޔިތުން ކަންބޮޑުވާކަމެއް ކަމަށާއި އެހެންކަމުން ރިޔާސަތާއި ހަވާލުވެވަޑައިގަތީ ދިވެހި ރައްޔިތުންގެ މަސްލަހަތަށްޓަކައި ކަމަށެވެ.

ނަޝީދު މިހާރު ދިރިއުޅުއްވާ ކެނެރީގެ ހުންނަނީ ހަނި މަގެއްގައިކަމުން އެމަނިކުފާނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާކަން އެމަނިކުފާނަށް ދިން ހަމަލާއަށްފަހު ސިފައިން ފާހަގަކުރިއެވެ. ރައީސް ނަޝީދު ކެނެރީގެއަށް ބަދަލުވެވަޑައިގަތުމުން ދެން އެމަނިކުފާނުގެ ސެކިއުރިޓީއަށް އަންނާނެ ބަދަލެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އިތުބާރުގެ މައްސަލައިގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ސަރުކާރުން ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ނުބެލެހެއްޓި ނަމަވެސް ރާއްޖޭގައި ވެރިކަންކުރެއްވި ކުރީގެ ރައީސެއްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ޤާނޫނުން ދައުލަތަށް ލާޒިމުކުރާ ކަމެކެވެ.