ސާފް ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުން، ބަންގްލަދޭޝް އަތުން ބަލިވެ ދިވެހިރާއްޖެއަށް މުބާރާތުގައި ކުރިއަށްދިއުމުގައި ބޮޑު ޗެލެންޖަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ 0-2 ގެ ނަތީޖާއަކުން ބޫޓާނުގެ މައްޗަށް ކުރިހޯދާފައެވެ. ބަންގްލަދޭޝްގެ ފުރަތަމަ މެޗުގައި ލުބުނާނު އަތުން 0-2 އިން ވަނީ ބަލިވެފައެވެ.
ރާއްޖެއާއި ބަންގްލަދޭޝްއިން އިންޑިއާގެ ބެންގަލޫރުގައި މިއަދު ކުޅުނު މެޗުން ރާއްޖޭގެ މައްޗަށް ބަންގްލަދޭޝްއިން ކުރިހޯދީ 1-3 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ރާއްޖެއިންނެވެ. ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ފުރަތަމަ މެޗުގައި ވެސް ލަނޑުޖަހައިދިން ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މިއީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ހަމްޕު ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެކޭ އެއްފަދައިން މިއަދުގެ މެޗުގައި ވެސް ރާއްޖެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އެއާ ހިލާފަށް ބަންގްލަދޭޝް ޓީމުން ރޭވުންތެރިކަމާއެކު މޮޅު ކުޅުމެއް ދައްކަމުންދިޔައިރު، މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދީ ވެސް އެ ޓީމުންނެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރާކިބް ހުސެއިންއެވެ.
މުޅި މެޗަށް ބަލާލާއިރު، ބަންގްލަދޭޝް ޓީމުން ޖުމްލަ 20 ހަމަލާއެއް އުފައްދާފައިވާއިރު ނުވަ ހަމަލާއެއް ގޯލާ ސީދާވާގޮތަށް، އޮން ޓާގެޓަށް ފޮނުވާލާފައިވެއެވެ. ރާއްޖެއިން މުޅި މެޗުގައި ހަތް ހަމަލާއެއް އުފެއްދިއިރު، އޮން ޓާގެޓަށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާއެކެވެ.
ހަމަހަމަ ނަތީޖާއެއްގައި އޮވެ ދެ ޓީމުން ދެވަނަ ހާފު ފެށިއިރު، ދެވަނަ ހާފުގައި ވެސް ބަންގްލަދޭޝް ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ލީޑުނެގުމަށް ބަންގްލަދޭޝް ޓީމުން ކުރަމުންދިޔަ މަސައްކަތުގައި ކާމިޔާބީއާ ހަމައަށް ވާސިލްވީ މެޗުގެ 67 ވަނަ މިނެޓުގައެވެ. ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތާރިގް ކަޒީއެވެ.
މެޗުގައި ބަންގްލަދޭޝް އިން ލީޑުފުޅާކުރީ މެޗުގެ ފުރިހަމަވަގުތުގެ އެންމެފަހު މިނެޓުގައެވެ. އޭރިއާ ތެރެއަށްވަދެ ރާއްޖޭގެ ޑިފެންޑަރުން ބީޓުކޮށްލުމަށްފަހު ވަރަށް ހަމަޖެހިލާފައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝެއިހް މުރްސާލިންއެވެ. އޭނާއަކި ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ކުޅުންތެރިއެކެވެ.
މި މޮޅާއެކު ބަންގްލަދޭޝްއިން މުބާރާތުގެ ސެމީ ފައިނަލުގެ އުއްމީދު ބޮޑުކުރިއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބޫޓާން އަތުން މޮޅުވެގެން އެ ޓީމަށް ސެމީގެ ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑެވެ. ރޭންކިންގާއި މުބާރާތުގައި މިހާތަނަށް ދައްކާފައިވާ ކުޅުމަށް ބަލާއިރު، ބޫޓާންގެ މައްޗަށް ކުރިހޯދުމަކީ ބަންގްލަދޭޝްއަށް އުނދަގޫ ކަމަކަށް ނުވާނެއެވެ.
ރާއްޖެއަށް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ވާދަކުރަން ޖެހޭނީ މި ގުރޫޕުގެ ގަދަބާރު، ލުބުނާނާ ދެކޮޅަށެވެ. މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ލުބުނާނަކީ ފީފާ ރޭންކިންގައި އެންމެ މަތިން ދަރަޖަކުރެވިފައިވާ ޓީމެވެ. ރާއްޖެއާއި ލުބުނާނުން ފުޓުބޯޅައިގެ މައިދާނުގައި މީގެކުރިން ހަތަރުފަހަރަށް ވާދަކޮށްފައިވާއިރު، މި ހަތަރު މެޗުން ވެސް ކުރިހޯދީ ލުބުނާނުންނެވެ. އެންމެފަހުން ރާއްޖެއާއި ލުބުނާނުން މެޗެއް ކުޅެފައިވަނީ 2008 ވަނަ އަހަރުއެވެ. އެ މެޗުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ. ސެމީގެ ޖާގައެއް ހޯދަން ކުރާ މަސައްކަތުގައި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއިން ލުބުނާނާ ދެކޮޅަށް ނުކުންނަން ޖެހުން މިއީ، ރާއްޖެއަށް ކުރިމަތިވާނެ ބޮޑު ޗެލެންޖެކެވެ.
ސާފް ޗެމްޕިއަންޝިޕް 2023 ގައި ރާއްޖެ ބަންގްލަދޭޝް އަތުން ބަލިވިއިރު، މިއީ ކޯޗު ފްރެންޗެސްކޯ މޮރިއެރޯގެ އިރުޝާދުގެ ދަށުން ރާއްޖެއިން ބަންގްލަދޭޝް އަތުން ބަލިވި ދެވަނަ މެޗެވެ. މޮރިއެރޯގެ އިރުޝާދުގެ ދަށުން ރާއްޖެއިން ތިން މެޗު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެފައިވާއިރު، މޮޅުވެވިފައިވަނީ މިދިޔަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުގައެވެ.
މި ގުރޫޕުގެ ޕޮއިންޓު ތާވަލަށް ބަލާލާއިރު، މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ ލުބުނާނެވެ. ދެވަނައިގައި ބަންގްލަދޭޝް އޮތްއިރު ތިންވަނަ ލިބެނީ ރާއްޖެއަށެވެ. ފުލުގައި އޮތީ ބޫޓާނެވެ. ލުބުނާނާއި ބަންގްލަދޭޝް އަދި ރާއްޖެއަށް ތިން ޕޮއިންޓު ލިބިފައިވެއެވެ. ލުބުނާނާއި ބޫޓާނުން މުބާރާތުގައި ކުޅޭ ދެވަނަ މެޗުގައި މިރޭ 7:00 ގައި ބައްދަލުކުރާނެއެވެ.