ރާއްޖެއަކީ ފާއިތުވީ 20 އަހަރަށް ބަލާއިރު، ފުޓުބޯޅައިގައި ކުރިއެރުންތަކަކާއި ކާމިޔާބީތަކެއް ހޯދާފައިވާ، މިގައުމުގެ ރައްޔިތުން، ގައުމީ ފުޓުބޯޅަ ޓީމާމެދު ފަހުރުވެރިވާފަދަ ނަތީޖާތަކެއް ނެރެފައިވާ ގައުމެކެވެ.
މި ކާމިޔާބީތައް ހޯދުމުގައި އެކި މިންވަރަށް ހިއްސާވި އެތައް ކުޅުންތެރިންތަކަކާއި ކޯޗުންތަކެއް އަޅުގަނޑުމެން ދެކެފީމެވެ. ބައެއް ކުޅުންތެރިންނަކީ އެ ކުޅުންތެރިންތަކެއްގެ ހައްގުގައި ދިވެހިން "ފިދާވާނެހާ" ލޯތްބާއި އިހުތިރާމް ހޯދާފައިވާ ކުޅުންތެރިންތަކެކެވެ.
ސަރަހައްދީ ފުޓުބޯޅައިގައި ލެޖެންޑެއްގެ ދަރަޖަ ލިބިފައިވާ، ގައުމީ ބަތަލެއްގެ ގޮތުގައި ދިވެހިން ދެކޭ އަލީ އަޝްފާޤް (ދަގަނޑޭ) އާއި، ދިވެހި ޓީމުގެ އައްޑަނައިގެ ގޮތުގައި ދިވެހިން ދެކޭ ކީޕަރު އިމްރާން މުހައްމަދުއާއި، ސޮބާހު މުހައްމަދާއި މުހައްމަދު ޖަމީލް (ޖަމްބެ) ގެ ޑުއޯގެ ވާހަކަ، ފުޓުބޯޅައިގެ ދުވަސްވަރެއްގައި ދިވެހިން ނުދައްކާ ނުދާނެއެވެ. މުހްތާރު ނަސީރު (ޓޫކިލޯ) ގެ ހިތްގައިމު ލަނޑުން، "މިއޮށް ކުޑަ ރާއްޖެ އަރައި، އެއޮށް ބޮޑު އިންޑިއާ 0-1 އިން ބަލިކުރި" ވާހަކަ ނުދައްކާ ދުވަހެއް ނުދާނެއެވެ.
އެހެންނަމަވެސް ދައްކަން މި އުޅެނީ، މި ހުރިހާ ކުޅުންތެރިންތަކެއްގެ ތެރެއިން، "އަންސަންގް ހީރޯ" އެއްގެ ވާހަކައެވެ. އެ ކުޅުންތެރިއަކު "މިސް" ވާކަމަށް އެތައް ދިވެހިން ބުނަމުންދާ ކުޅުންތެރިއެއްގެ ވާހަކައެވެ. އިބްރާޙީމް ފަޒީލް ގެ ވާހަކައެވެ. ދިވެހި ޓީމުގެ މެދުތެރެ ބެލެހެއްޓުމުގައި، 20 ވަނަ ގަރުނުން ފެށިގެން މިއަދާ ހަމައަށް އައި އިރުވެސް އެފަދަ ދެވަނަ ކުޅުންތެރިއަކު ފެނިފައި ނުވާ، އޮއްޕޮގެ ވާހަކައެވެ.
މިޑްފީލްޑަރެއްގެ އިތުރުން ފޯވަޑެއްގެ ގޮތުގައި ވެސް ތަފާތު ދައްކާފައިވާ އޮއްޕޮ، ޕްރޮފެޝަނަލް ފުޓުބޯޅައަށް ނުކުތީ 1999 ވަނަ އަހަރުގެ ތެރޭގައެވެ. އެންމެ 16 އަހަރުގައި ފުރަތަމަ ޑިވިޝަނުގައި އެންމެ މެޗެއްވެސް ނުކުޅެ، ސީނިއަރ ގައުމީ ޓީމަށް ކުޅެންފެށި އޮއްޕޮ ދިވެހިންގެ ހިތުގައި ހާއްސަ މަގާމެއް ހޯދާފައިވާއިރު، މިއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޕްލޭމޭކަރު ކަމަށް ވެސް ބައެއް މީހުން ބުނެއެވެ.
އޮއްޕޮއަށް ހިތުގައި ދެވިފައިވާ މަގާމު ހިއްސާކޮށް ދިވެއްސަކު ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައިވާ ވާހަކަތަކެއް ހިއްސާކޮށްލާނަމެވެ.
ތެދެކެވެ. އެއީ ހަމަ އަސްލުގައި ވެސް ދިވެހިރާއްޖޭގެ އަންސަންގް ހީރޯއެވެ. ދިވެހި ފުޓުބޯޅައަށް އެތައް ކާމިޔާބީއެއް ހޯދައިދީ، ދަގަނޑޭއާ އެއް ދުވަސްވަރެއްގައި ކުޅެ އިންޑިވިޖުއަލް ކާމިޔާބީތަކެއް ހޯދިނަމަވެސް، ކަމާބެހޭ ފަރާތްތަކުން "އެއްވެސް ރެކޮގްނިޝަން" އެއް ނުދިން ހީރޯއެވެ. ދަގަނޑޭ ނަގާފައި މި ޖީލު ދުށް އެންމެ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިޔާއަށް، ޝަރަފުވެރިކަމާއެކު ގައުމީ ޓީމުން ރިޓަޔަރކުރުމުގެ ފުރުސަތު ދީފައިނުވެއެވެ. ކުޑަމިނުން، ފަހު މެޗެއްގެ ގޮތުގައި ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ހުއްޓިލުމުގެ ފުރުސަތު ވެސް ލިބިފައެއް ނުވެއެވެ.
އޮއްޕޮގެ ވާހަކަ މި ދުވަސްވަރު މާގަދައަށް ދެކެވެމުން މިދަނީ، އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2023 މުބާރާތުގައި، ދިވެހި ޓީމުން ނެރެފައިވާ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. ފުރަތަމަ މެޗުގައި ބޫޓާން އަތުން މޮޅުވި ނަމަވެސް، ޓީމަށް އެކަށީގެންވާ ވަރުގެ ކުޅުމެއް ދެއްކިފައިނުވާކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުންވީ ބައްޔަކީ، ދިވެހިންނަށް "ހަޖަމު ކުރަން" އުނދަގޫ ބައްޔަކަށް މިވަނީ ވެފައެވެ. އެއީ ފާއިތުވީ 20 ވަރަކަށް އަހަރުގެ ތެރޭގައި ސާފް ޗެމްޕިއަންޝިޕުގައި ފުރަތަމަ ފަހަރަށް ބަންގްލަދޭޝް އަތުން ބަލިވި މެޗެވެ.
މެޗު އެނެލިސްޓެއްގެ ގޮތުގައި ގައުމީ ޓީވީން ގެނެސްދިން ލައިވް ކަވަރޭޖުގައި ބައިވެރިވާ ފަރާތްތަކުންނާއި، ފުޓުބޯޅަ އާއިލާގެ އެތައް ބަޔަކު ދެއްކި އެއް ވާހަކައަކީ، ގައުމީ ޓީމުގެ މެދުތެރެ އޯގަނައިޒްޑް ނޫންކަމަށް ބުނާ ވާހަކައެވެ. މެދުތެރޭގައި ކުޅޭ ކުޅުންތެރިންނާއި ފޯވާޑް ލައިނާ އޮތް ގުޅުން ކުޑަ ވާހަކައެވެ.
ދިވެހިރާއްޖެއަކީ ހުނަރުން ފުރިފައިވާ ފުޓުބޯޅަ ކުޅުންތެރިންތަކެއް ތިބި ގައުމެއް ނަމަވެސް، އެކަށީގެންވާ ތަމްރީން ނުލިބި، ތައްޔާރުވާނެ ފުރުސަތުތައް މަދުވުމުން، އެ ކުޅުންތެރިންނަށް މެޗުތަކުގައި "އެންމެ ބެސްޓް" ނުދެއްކޭކަމަށް ގިނަބަޔަކު އިއްތިފާގުވެއެވެ. މުބާރާތުގައި މިހާތަނަށް ނެރެވުނު ނަތީޖާތަކާ ގުޅިގެން ބައެއް މީހުން ކުޅުންތެރިން ގޯސްކުރާއިރު އަނެއްބަޔަކު ގޯސްކުރަނީ ކޯޗެވެ. ގިނަބަޔަކު ގޯސްކުރީ، ފުޓުބޯޅަ އެސޯސިއޭޝަން ހިންގަން ތިބި ފަރާތްތަކެވެ. އެކި މީހުން ފާޅުކުރީ އެކި ހިޔާލެވެ.
މި ރިޕޯޓަކީ ގައުމީ ޓީމަށް ދިމާވެފައިވަނީ ކޮން މައްސަލައެއްކަމާއި އިހުމާލުވީ ފަރާތް ހޯދަން ލިޔާ ރިޕޯޓަކަށް ނުވާތީ، އެ ވާހަކަ ކުރުކޮށްލާނަމެވެ.
16 އަހަރުގައި އޮއްޕޮ ފެށި ދަތުރު އޭނާ ނިންމާލިއިރު، އޭނާ އެންމެފަހުން ގައުމީ ޓީމަށް މެޗެއް ކުޅެފައިވަނީ 2014 ވަނަ އަހަރުއެވެ. ފާހަގަކުރަން ޖެހޭ ފެންވަރުގައި އޮއްޕޮގެ ނަން، ކަމާބެހޭ ފަރާތްތަކުން ފާހަގަ ނުކުރި ނަމަވެސް، އެއީ ހަމަ ދިވެހިންގެ ހީރޯއެކެވެ. ގައުމީ ޓީމަށް އޭނާ ކުޅުން ހުއްޓާލިތާ އެތައް އަހަރެއްވެފައިވާއިރު ވެސް، އޮއްޕޮގެ ނަން ދިވެހިންގެ ދުލާއި ގަލަމުން ލިޔުން މިއީ އެކަމުގެ އެންމެ ބޮޑު ހެއްކެވެ.