މިއަހަރުގެ ބޮޑު ޢީދު ނަމާދަށް މާލޭ ސަރަހައްދުން ބަންދުކުރާ މަގުތައް އިޢުލާންކޮށްފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ 1444 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވާތީ ބަންދުކުރަން ހަމަޖެހިފައިވާ މަގުތަކާއި ބަންދުކުރާ ސަރަހައްދުގެ ޗާޓުތައް ވެސް ސޯޝަލްމީޑިއާގައި ހިއްސާކޮށްފައެވެ.
އެގޮތުން އުޅަނދުފަހަރު ދުއްވުން މަނާ ތަންތަނާއި ޕާކުކުރުން މަނާ ތަންތަންވެސްވަނީ ޗާޓުތަކުގައި ފާހަގަކޮށްފައެވެ.
އޭގެ ތެރޭގައި ސްޓޭޑިއަމް ސަރަހައްދު ބަންދު ކުރާނެ ގޮތާއި، އިސްލާމީ މަރުކަޒު ސަރަހައްދު ބަންދު ކުރާނެ ގޮތާއި، ކިންގް ސަލްމާން މިސްކިތް ސަރަހައްދު ބަންދު ކުރާނެ ގޮތް ހާމަކޮށްފައިވެއެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ މާލެ ސަރަހައްދުގައި ބޮޑު އީދު ނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ލިސްޓުގައިވާ ގޮތުން މާފަންނު ސްޓޭޑިއަމްއާއި ހުޅުމާލޭ ސިންތެޓިކް ޓްރެކާއި ހުޅުމާލެ 2ވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމްގެ އިތުރުން ވިލިމާލެ ބޯޅަދަނޑުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނެއެވެ.
މީގެ އިތުރުން މާލެ، ހުޅުމާލެ، ވިލިމާލެ އަދި ހުޅުލެ ހިމެނޭހެން އިތުރު 25 މިސްކިތެއްގައި އީދު ނަމާދުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
ބަރަކާތްތެރި ހައްޖުމަހުގެ ފުރަތަމަ ދިހައިގެ ފަހު ދުވަސްތައް މިހާރު ގުނަމުންދާއިރު މި އަހަރުގެ ބޮޑު އީދު ދުވަސް ދިމާވަނީ އަންނަ ބުދަ ދުވަހަށެވެ.