"މިނިކާވަގު" ގެ ނަމުން ދިވެހިން ނަން ދީފައިވިޔަސް، ޒޫލޮޖިސްޓުން ބުނާ ގޮތުގައި އާންމު ގޮތެއްގައި އޮސޮރުމެންނަކީ އިންސާނުންގެ މަސް ނުވަތަ މިނިމަސް ކައިއުޅޭ ޖަނަވާރެއް ނޫނެވެ. މިނިކާވަގު ނުވަތަ އިނގިރޭސިބަހުން ކިޔާ ގޮތުން ނަމަ "ޓައިގަރ" އަކީ އިންސާނުންނާ އެހާ ދޯޅަ ޖަނަވާރެއްވެސް ނުމެނޫނެވެ. އެސޮރުމެން އުޅެން ބޭނުންވާނީވެސް އިންސާނުންނާ ދުރުގައެވެ.

އެކަމަކު ހިއްސާކުރަން މިއުޅެނީ އާދަޔާ ޚިލާފު މިނިކާވަގެއްގެ ވާހަކައެވެ. މިއީ އެތައް ސަތޭކަ މީހުނެއް މަރައިގެން ކެއި މިނިކާވަގެކެވެ. ބުނެވޭ ގޮތުގައި "ޗަމްޕާވަތު" ގެ ނަމުން ނަންދީފައިވާ މި މިނިކާވަގަކީ 19 ވަނަ ގަރުނުގެ ފަހުކޮޅުން 20 ވަނަ ގަރުނުގެ ކުރީކޮޅާ ހަމައަށް ދިރިއުޅުނު އަންހެން ބެންގާލް ޓައިގަރއެކެވެ. މިއީ ހަތް އަހަރުގެ ތެރޭގައި އެތައް ސަތޭކަ ބަޔަކު މަރައި، މިނިމަސް ކައިގެން އުޅުން މިނިކާވަގެކެވެ.

އަންހެން ބެންގާލް ޓައިގަރ އެއް --- ފޮޓޯ: ބީ.އެން.ޕީ

ނޭޕާލާއި އިންޑިއާގައި ދިރިއުޅުން "ޗަމްޕާވަތު" ވަނީ 436 މީހަކު މަރައިގެން ކައިފައެވެ. މިއީ 19 ވަނަ ގަރުނުން ފެށިގެން މިހާތަނަށް އައިއިރު ދުނިޔެ ދުށް އެންމެ ނުރައްކާ މިނިކާވަގު ކަމަށް ބުނެވެއެވެ.

މިނިކާވަގުގެ ވައްތަރުތަކުގެ ތެރެއިން ބެންގާލް ޓައިގަރ އަކީ ބަރުދަނުގައި 136 ކިލޯއާއި 272 ކިލޯއާ ދެމެދުގެ މިންވަރެއް ހުންނަ، ދިގުމިނުގައި 6 ފޫޓާއި 11 ފޫޓާ ދެމެދުގެ މިންވަރެއް ހުންނަ ބިޔަ މިނިކާވަގެކެވެ. އެހެން މިނިކާވަގުންނާވެސް އެއްފަދައިން އެސޮރުމެންގެ ގައިގައި ހުންނަނީ ކަޅު، ހުދު އަދި އޮރެންޖު ކުލައެވެ. މިއީ އެހެން ޖަނަވާރުންނާ ވަރަށް އެކަހެރިކޮށް ދިރިއުޅޭ ވައްތަރެއްގެ މިނިކާވަގެކެވެ. ބެންގާލް ޓައިގަރއެއްގެ ބޮޑު ދަތުގައި 3.5 އިންޗި ހުންނަ ކަމަށް ވެއެވެ.

އަދުގެ ދުނިޔޭގައި ބެންގާލް ޓައިގަރ ވަރަށް މަދެވެ. މިބާވަތުގެ މިނިކާވަގު ފެންނާނީ އިންޑިއާ، ބޫޓާން، ބަންގްލަދޭޝް އަދި ނޭޕާލުންނެވެ. ދިގު ރާސްތާއަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބެންގާލް މިނިކާވަގަކަށް ގަޑިއަކު 40 މޭލުގެ ބާރު މިނުގައި ދުވެވެއެވެ.

"ޗަމްޕާވަތު" ގެ ނަމުން ނަންދީފައިވާ މިނިކާވަގު އިންސާނުން މަރަން ފެށީ 20 ވަނަ ގަރުނުގެ ކުރީކޮޅު ނޭޕާލުގައި ކަމަށް ލިޔެކިޔުންތަކުން އެނގެއެވެ. އެ ގަރުނުގެ ކުރީކޮޅުގެ އަހަރުތަކުގައި 200 އެއްހާ މީހުން މަރައިގެން އެސޮރު ކައިފައިވާ ކަމަށް ތާރީޚީ ލިޔުންތަކުގައި ބުނެފައި ވެއެވެ.

މިކަމުގެ ބިރު ރަށުތެރޭގައި ބޮޑުވެ، 1903 ވަނަ އަހަރު އެ ސަރަހައްދުގެ މީހުންވަނީ އަސްކަރިއްޔާގެ އެހީތެރިކަމަށް ގޮވާލާފައެވެ. މިކަމާ ގުޅިގެން ނޭޕާލްގެ ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެމިނިކާވަގުވަނީ އެ ސަރަހައްދުން ބޭރުކޮށްފައެވެ. ނޭޕާލުގައި އޮތް އެ ނުރައްކާ އެހިސާބުން ނިމުމަކަށް އައީއެވެ.

ދެން "ޗަމްޕާވަތު" މިސްރާބުޖެހީ އިންޑިއާއަށެވެ. އެހިސާބުން

ޖިމް ކޯބެޓް އޭނާ ޝިކާރަކުރި ޖަނަވާރެއް ކައިރީ ހުއްޓިލައިގެން | ފޮޓޯ: ނިއުޔޯކްޕޯސްޓް

އެސޮރުގެ ޝިކާރައަކަށް އިންޑިއާގެ މީހުން ވާން ފެށިއެވެ. އިންޑިއާގެ ކުމާރަން ޑިސްޓްރިކްޓްގައި ދިރިއުޅެ މިނުރައްކާ މިނިކާވަގުވަނީ ހަތަރު އަހަރުގެ ތެރޭގައި 236 މީހުން މަރައިގެން ކައިފައެވެ. އޭރު މީހުން ހީކުރާ ގޮތުގައި މިނިކާވަގު ކާނާ ހޯދަނީ ރޭގަނޑުގެ ކަނުއަނދިރީގައެވެ. އެކަމަކު، "ޗަމްޕާވަތު" މީހުން މަރައިގެން ކައި އުޅުނީ ރޯމާދުވާލުގައެވެ.

މި ހަމަލާތައް 1907 ވަނަ އަހަރާ ހަމައަށް ދެމިގެން ދިޔައެވެ. ޖިމް ކޯބެޓް ނަމަކަށް ކިޔާ އިނގިރޭސި ޝިކާރަވެރިޔާ އެސޮރު މަރާލުމާ ހަމައަށެވެ.