"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ދޫކޮށްފައިވަނީ ދަތިހާލުގައި އުޅޭ މީހުންނަށްކަމަށް ބުނުމުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ސަރުކާރުން އިޢުލާނުކުރި ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10،314 މީހުން ހިމެނިފައިވެއެވެ. އަދި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.
ސަރުކާރުން ލިސްޓް އެކުލަވާލާފައިވާގޮތުން މުއްސަދިންނާއި ފައިސާވެރިން ހިމެނިފައިވުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާއިރު ލިސްޓްގައި ރައްޔިތުންގެ މަޖިލީހުގެ 9 މެމްބަރަކު ހިމެނެއެވެ. އެއީ ވެރިކަންކުރާ އެމްޑީޕީގެ ފަސް މެމްބަރުންނާއި ރައީސް ނަޝީދު އިސްކޮށް ހުންނަވައި އުފެއްވި ދަ ޑިމޮކްރެޓްސްގެ ހަތަރު މެމްބަރުންގެ އިތުރުން އެމްއެންޕީގެ މެމްބަރެކެވެ.
އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމްގެ ދެމަފިރިންވެސް ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން ސަރުކާރު ދިފާއުކުރެއްވުމަށް ފާޅުގައި އަޑުއުފުލަމުންގެންދަވާ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބް ރައީސް ޑރ. މުހައްމަދު އިޔާޒާއި އަނބިކަނބަލުންނާއި ދަރިން ހިމެނޭ ގޮތަށް ހުށަހެޅި ފޯމަށް ވަނީ ގޯތި ލިބިފައެވެ.
މިކަމަށް މީހަކު އަމާޒުކުރި ފާޑުކިޔުންތަކާއި ގުޅިގެން ސަރުކާރުގެ ވަގުތީ ލިސްޓް ދިފާއުކުރައްވައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވީ މާލޭ ރައްޔިތުންގެ ތެރެއިން ވަރަށް ދަތިހާލުގައި ދިރިއުޅެމުންދާ ފަރާތްތަށް ހިމެނޭހެން 10،000އަށްވުރެ ގިނަ ފަރާތްތަކަށް ބިމުގެ ޔަގީންކަން ލިބިގެންދިއުމަކީ މި ސަރުކާރުން ރައްޔިތުންގެ އަޑު އަހާކަމުގެ އަލިގަދަ ރަމްޒެއްކަމަށެވެ. އަދި މިއީ ނުވާނެކަމެއްކަމަށް ބުނަމުންދިޔަ ފަރާތްތަކަށް ސަރުކާރުން ފިލާވަޅެއްދީފައިވާކަމަށްވެސް އަލީ ޒާހިރުވަނީ ފާހަގަކޮށްފައެވެ. އަލީ ޒާހިރު ވަނީ ޝަރުތު ހަމަވާ މީހުންގެ ތެރޭގައި ގޯތި ނުލިބޭ މީހަކު ނުހުންނާނެކަމަށް ބުނެ މިއީ އީދު ހަދިޔާއެއްކަމަށްބުނެފައެވެ.
އަލީ ޒާހިރުގެ މި ޓުވިޓަށް ރައްދުދިން މާލެއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކުވަނީ އެމީހުން ޝަރުތު ހަމަނުވާނެ އެއްވެސް ސަބަބެއް ނޯންނާނެކަމަށާއި ޝަރުތު ހަމަނުވީ މިކަން ސަރުކާރުން އިންސާފުން ކޮށްފައިނުވުމުގެ ސަބަބުންކަމަށް ބުނެފައެވެ. އަދި ދަތިހާލުގައި އުޅޭ ކިތަންމެ ބަޔަކަށް ގޯތި ނުލިބޭކަން އެފަރާތްތަކުންވަނީ ފާހަގަކޮށްފައެވެ. އަދި ލިސްޓް އަލުންބަލުން ދިރާސާކުރުމަށް ގިނަ ރައްޔިތުން އަންނަނީ ގޮވާލަމުންނެވެ.