ޢީދުގެ އެންމެ މަތިވެރި މަގްސަދަކީ، އެކަކު އަނެކަކަށް މަޢާފްކޮށް ހިތްހެޔޮކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބާގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޢީދު ދުވަހުގެ މުނާޞަބަތުގައި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނަށާއި، މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް މައްކާއަށް ދަތުރުކޮށް މިވަގުތު މައްކާގެ މާތް ބިމުގައި ތިބި، ލޮބުވެތި އަޚުންނާއި އުޚުތުންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް ޢީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، އެމަނިކުފާނު ވަނީ ޢީދުގައި އުފާ ފާޅުކުރާއިރު، މައިންބަފައިންނާ ބައްދަލުކޮށް، އިޙްތިރާމާއި އޯގާތެރިކަމާއެކު ޢީދުގެ ތަހުނިޔާ ކިޔައި ގުޅުން ބަދަހިކުރުމަށާއި، އަނބިދަރިންނަށް ހަދިޔާ ދީ ލޯތްބާއި ކުލުނާއެކު ޢީދުގެ އުފާ ފާޅުކުރުމަށާއި، ގާތްތިމާގެ މީހުންނަށާއި ރައްޓެހި ރަޙުމަތްތެރިންނަށް ޒިޔާރަތްކޮށް، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު ޢީދުގެ ތަހުނިޔާ ބަދަލުކޮށް އުފާވެރި ހިނިތުންވުމަކާއެކު ކޮންމެ މީހަކާ ވެސް ބައްދަލުކޮށް، މުޖްތަމަޢުގައި ހިތްހަމަޖެހުމާއި އަމާންކަން ފެތުރުމަށް މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ފަޤީރުންނާއި މިސްކީނުނަށް އެހީތެރިވުމަށާއި، ފޯރުންތެރިކަމުގެ އަހުލުވެރިން އިސްނަގައި، ނިކަމެތިންނަށް އެހީތެރިވުމަށްވެސް ބަރުއަޅުއްވާފައެވެ.

" އަޟްޙާ ޢީދާ ގުޅިފައިވާ ޙައްޖުގެ މަތިވެރި އަޅުކަމުގައި ހިމެނޭ ކޮންމެ ކަމަކުން ވެސް ރަމްޒުކޮށްދެނީ، އިންސާނީ ދަރިފަސްކޮޅުގެ މެދުގައި އޮންނަންވީ ގާތް ގުޅުމާއި، އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުންދީ، ހެޔޮ ފޯރުވައި އުޅުމުގެ މުހިންމު ކަމެވެ. ޙައްޖުގެ އަޅުކަމުން ލިބިދޭ އެންމެ މަތިވެރި ޢިބްރަތަކީ، އެންމެހައި އިންސާނުންގެ ހަމަހަމަކަމާއި، އިންސާނީ ކަރާމާތްތެރިކަމުގެ އަގު މާތް ކަމެވެ. މިފަދަ މަތިވެރި އަޅުކަމަކާ ވިދިގެން އަންނަ މި އުފާވެރި ޢީދު ދުވަހުގައި، މި މަތިވެރި ފިލާވަޅުތަކުން އަޅުގަނޑުމެން ޢިބްރަތް ޙާޞިލުކުރަންޖެހޭނެއެވެ."
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވައިލައްވާފައި ވަނީ، ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވެ، ރަޙްމަތްތެރިކަމާއި އޯގާތެރިކަމާއެކު، އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުމަށް ވިދާޅުވަމުންނެވެ. އަދި މިއަދުގެ މުނާޞަބަތުގައި ހުރިހާ ރައްޔިތުންވެސް ހިތްތަކުގައި ކުޑަނަމަވެސް ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަމެއް ނުބޭއްވުމަށް ޢަޒުމް ކަނޑައަޅައި އެގޮތުގައި ދެމިހުރުމުގެ މަސައްކަތް ފެށުމަށް އެމަނިކުފާނު ވިދާޅުވިއެވެ.