ސާފް ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް ސްޓޭޖުގައި ވަރުގަދަ ލުބުނާނާ ދެކޮޅަށް ރާއްޖެ ޓީމުގެ ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކިނަމަވެސް ބަލިވެއްޖެއެވެ.

މުބާރާތަށް ތައްޔާރުވުމަށް ވެސް އަދި ފަހުގެ ތާރީޚެއްގައި ވެސް ރާއްޖޭގެ ގައުމީ ޓީމުން ވާދަވެރި މެޗެއް ނުކުޅެ މި މުބާރާތާ ކުރިމަތިލިއިރު، ފުރަތަމަ ދެ މެޗުގައި ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. ފުރަތަމަ މެޗުގައި 0-2 އިން ބޫޓާން އަތުން ރާއްޖެ މޮޅުވި ނަމަވެސް، އެ މެޗުގައި ދެއްކި ކުޅުމާއި މެދުވެސް އަދި ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން 1-3 އިން ބަލިވިއިރު އެ މެޗުގައި ދިވެހި ޓީމުން ދެއްކި ކުޅުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

އެގޮތުން ކުޅުންތެރިންގެ ފިޓްނަސް މައްސަލަތަކެއް ހުރިކަމާއި، ދަނޑުމަތީގައި އެކި ޑިޕާޓްމަންޓުތަކުގެ ގުޅުން ހީނަރުކަން އަދި ޑިފެންސްލައިނުން ވެސް ގޯސްތަކެއް ހަދާކަން ގިނަބަޔަކު ފާހަގަކުރިއެވެ. މިއާއެކު އެކި މީހުން އެކިގޮތަށް މިކަމަށް ފާޑުކިޔަމުންދިޔައިރު، ލުބުނާނާ ދެކޮޅަށް މިއަދު ރާއްޖެ ޓީމުން ނުކުތީ ޕްރެޝަރުގައި އޮވެމެއެވެ.

ފާޑުކިޔުންތަކުގެ އިތުރުން، މި މެޗުގެ ނަތީޖާގެ ސަބަބުން ރާއްޖެ މުބާރާތުން ކެޓުމުގެ ފުރުސަތު އޮތްއިރު، އަމިއްލަ ބާރުގައި ސެމީއަށް ދިއުމަށް ލުބުނާނުގެ މައްޗަށް ތިން ލަނޑުގެ ތަފާތަކުން ރާއްޖެ މޮޅުވާން ޖެހެއެވެ. އެހެންނޫންނަމަ ދެން ޖެހޭނީ މިރޭ ބޫޓާނާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުގެ ނަތީޖާއަށް އިންތިޒާރުކުރާށެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ފީފާ ރޭންކިންގައި އެންމެ މަތިން ދަރަޖަކުރެވިފައިވާ ލުބުނާނާ ދެކޮޅަށްކުޅެ ރާއްޖެ ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ، ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ލުބުނާނުގެ ހަސަން މާތޫކު، ހިލޭޖެހުމަކުން ކާމިޔާބުކުރި ލަނޑެކެވެ.

މުޅި މެޗުގައި ރާއްޖެ ޓީމުން ކުޅެފައިވާ ކުޅުމަށް ބަލާއިރު، ކުރީ މެޗުތަކަށްވުރެ ހާސްބައި ރަނގަޅެވެ. އެގޮތުން މި މެޗުގައި މެދުތެރެއިން ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ރަނގަޅު ބޯޅަތަކެއް ސަޕްލައިކޮށްފައިވާއިރު މުޅި މެޗުގައި ޖުމްލަ 12 ހަމަލާއެއް ގޯލާ ދިމާލަށް ފޮނުވާލާފައިވެއެވެ. ލުބުނާނުގެ ކުޅުންތެރިންނަށް ފޮނުވާލެވުނީ 11 ހަމަލާއެކެވެ.

ރާއްޖެ ޓީމުގެ އެންމެފަހަތުން ކެޕްޓަން ސަމޫހު އަލީ އާއި، އަހްމަދު ނޫމާނު އަދި ސިފާއުގެ ފަރާތުން ޑިފެންސިވް މޮޅު ކުޅުމެއް ފެނިގެންދިޔައިރު ފުލް ބެކަށް ކުޅުނު ހައިޝަމް އާއި ޝިފާޒްގެ ފަރާތުން ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ރާއްޖޭގެ ގޯލާ އަމާޒުކޮށް އޮން ޓާގެޓަށް ލުބުނާނުގެ ކުޅުންތެރިން ފޮނުވާލި ހަ ހަމަލާގެ ތެރެއިން ފަސް ހަމަލާގައި ކީޕަރު ހުސެއިން ވަނީ ހުށިޔާރުކަން ދައްކާފައެވެ. މުޅި މުބާރާތުގައި ވެސް ހުސެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

އެޓޭކިންގް ވިސްނުމެއްގައި ކުރިއަށް ޖެހިގެން ރާއްޖެއިން މި މެޗު ކުޅުނުއިރު، ނުވި ހަމައެކަނި ކަމަކީ ލަނޑެއް ކާމިޔާބުކުރުމެވެ.

ލުބުނާނު އަތުންވީ ބައްޔާއެކު ރާއްޖެއަށް މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވިއިރު، މިހާރު ރާއްޖެއަށް އޮތް ހަމައެކަނި ފުރުސަތަކީ، މިރޭ ބޫޓާނުން ތިން ލަނޑުގެ ފަރަގަކުން ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދުމެވެ.

ގުރޫޕު ސްޓޭޖާ ހަމައިން ރާއްޖެއަށް މިފަހަރުގެ މުބާރާތުން ވަކިވާން ޖެހިއްޖެނަމަ، މިއީ 1997 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެއިން ވާދަކުރަން ފެށިފަހުން ވެސް، ގްރޫޕް ސްޓޭޖާ ހަމައިން ރާއްޖެ ކަޓާނެ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް 2021 ވަނަ އަހަރު ރައުންޑް ރޮބިން އުސޫލުން ލީގު ބުރެއްކުޅެ، ފައިނަލާ ހަމައަށް ނުގޮސް ރާއްޖެ ކަޓާފައިވެއެވެ.

ދެ ފަހަރަށް މި މުބާރާތް ކާމިޔާބުކޮށް، އިންޑިއާއަށްފަހު މި މުބާރާތުގެ ގަދަ ބާރުގެ ގޮތުގައި އޮތް ރާއްޖެ، މިވަގުތު މިވަނީ ބޫޓާނަށް ބަރޯސާވާން ޖެހިފައެވެ.