ސަރަހައްދީ ފުޓުބޯޅައިގެ އެންމެ ހައިބަތު ބޮޑު މުބާރާތް، ސާފް ޗެމްޕިއަންޝިޕުގެ ގުރޫޕު ސްޓޭޖާ ހަމައިން ދިވެހިރާއްޖެ ފުރަތަމަ ފަހަރަށް ކަޓައިފިއެވެ.

1997 ވަނަ އަހަރުން ފެށިގެން ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރަމުން އަންނަ ރާއްޖެއިން، އެންމެފުރަތަމަ މުބާރާތުގައި ވެސް ރަނަރަޕްކަން ހޯދާފައިވެއެވެ. ސާފް ޗެމްޕިއަންޝިޕުގެ 12 މުބާރާތެއްގައި ރާއްޖެއިން ކުޅެފައިވެއެވެ. މީގެތެރެއިން ފަސް މުބާރާތެއްގެ ފައިނަލުގައި އެއްކޮޅުން ރާއްޖެ ވާދަކޮށްފައިވެއެވެ. ދެ ފަހަރެއްގެ މަތިން މުބާރާތުގެ ތަށި އުފުލާލާފައިވެއެވެ.

މި މުބާރާތުގެ ދެވަނައަށް އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް ރާއްޖެއިން، މި ފަހަރުގެ މުބާރާތާ އަލްވަދާއުކީ، ރާއްޖެ ހިމެނޭ ގުރޫޕު ބީގައި ކުޅުނު ފަހު މެޗުގައި، ބަންގްލަދޭޝްއިން ބޫޓާންގެ މައްޗަށް ހޯދި މޮޅާއެކުއެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެއިން ގުރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވެއެވެ. މޮޅުވެވުނީ ފުރަތަމަ މެޗުގައި ބޫޓާނާ ދެކޮޅަށް ކުޅެއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، ފުރަތަމަ ދެ މެޗާ ހިލާފަށް ރާއްޖެ ޓީމުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، 0-1 ގެ ނަތީޖާއަކުން ލުބުނާނު އަތުން ވަނީ ބަލިވެފައެވެ. މި ބައްޔާއެކު ރާއްޖެއަށް ސެމީގެ ޖާގަ ހޯދުމުގެ ފުރުސަތު ހަނިވިއިރު، އޮތް ހަމައެކަނި ފުރުސަތަކީ ފަހު މެޗުގައި ބޫޓާނުން ބަންގްލަދޭޝްގެ މައްޗަށް ތިން ލަނޑުގެ ލީޑެއްގައި އޮވެ މޮޅުވުމެވެ.

ބޫޓާނުން ރަނގަޅަށް ފެށި މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގި ނަމަވެސް، އެ ޓީމު ބަންގްލަދޭޝް އަތުން ބަލިވީ 1-3 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ބޫޓާނަށް ލަނޑުޖަހައި ލީޑުނަގައިދިނީ، ސެންޑާ ޑޯރްޖީއެވެ. ބޫޓާނުގެ ލަނޑަށްފަހު ބަންގްލަދޭޝްއިން ކުޅުން ރަނގަޅުކުރިއިރު 21 ވަނަ މިނެޓުގައި ލަނޑެއްޖަހައި ނަތީޖާ ހަމަހަމކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝޭހް މުރްސަލީންއެވެ. މެޗުގައި އެ ޓީމުން އިތުރު ދެ ލަނޑު ޖެހިއިރު، 30 ވަނަ މިނެޓުގައި ބަންގްލަދޭޝަށް ލީޑުލިބުނީ، ބޫޓާނުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ބަންގްލަދޭޝްއިން ލީޑުފުޅާކުރި ލަނޑު، މެޗުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރާކިބް ހުސެއިންއެވެ.

މި މެޗަށްފަހު ގުރޫޕު ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެ ނިމުނުއިރު، ގްރޫޕް ބީއިން އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ލުބުނާނެވެ. ދެން ސެމީގެ ޖާގަ ލިބުނު ބަންގްލަދޭޝަށް ލިބެނީ ދެވަނައެވެ. ގްރޫޕް އޭއިން އެއްވަނައިގެ ގޮތުގައި ކުވައިތު ސެމީއަށް ދަތުރުކުރިއިރު އެންމެފަހުންގެ ޗެމްޕިއަން އިންޑިއާ ސެމީއަށް ދަތުރުކުރީ ދެވަނައިގެ ގޮތުގައެވެ.

ސެމީގެ ފުރަތަމަ މެޗުގައި ކުޅޭނީ ކުވައިތާއި ބަންގްލަދޭޝެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އިންޑިއާއާއި ލުބުނާނެވެ. މި މެޗުތައް ކުޅޭނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ.