ނ. މަނަދުއަށް އުފަން މަޝްހޫރު ނެށުންތެރިންގެ ގްރޫޕެއް ކަމަށްވާ "ހިޔަލަ" އިން މި އަހަރުގެ ޢީދާ ދިމާކޮށް ހާއްސަ ވީޑިއޯ ލަވައެއް ނެރެފިއެވެ.

"ސަގާފީ ތަރާނާ" ގެ ނަމުގައި މިދިޔަ އަހަރުވެސް ހިތްގައިމު ވީޑިއޯ ލަވައެއް ނެރެފައިވާ ހުނަރުން ފުރިގެންވާ ހިޔަލަ ގްރޫޕުން މިއަހަރު ނެރުން ލަވައިގެ ނަމަކީ "ކޯޑި" އެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގައި ޢީދުގައި ކުޅޭ ސަޤާފީ ކުޅިވަރެއް ކަމަށްވާ ކޯޑިއާ ގުޅުވައިގެން ތައްޔާރުކުރި މިލަވައަކީ ވާހަކަ ކިޔައިދޭ ކޮންސެޕްޓަކަށް ގެނެސްދިން ލަވައެކެވެ.

މާލޮސްމަޑުލު އުތުރުބުރީ ރަސްގެތީމުގައި މަންޒަރުތައް ނަގާފައިވާ މިލަވައިން ފެނިގެންދަނީ ހިޔަލައިގެ ހުނަރުވެރިންނާއި ރަސްގެތީމްގެ ބައެއް ރަށްވެހިންނެވެ.

މުޅި ލަވަ ބިނާކޮށްފައިވަނީ ކޯޑިއާއި ލޯބީގެ ކުޅިގަނޑަކަށެވެ. ޒުވާން ފިރިހެނަކު ޢީދަށް ރަށަކަށް ކުރި ދަތުރެއްގައި ދިމާވާ އަންހެން ކުއްޖަކަށް ހިތްކިޔާ ހިސާބުން ހިނގާ ކަންތައްތަކެވެ.

https://youtu.be/odkVsRJtEm8

މައުލޫމާތު ލިބޭ ގޮތުގައި މިލަވައިގެ މަސައްކަތަކީ ޖުމުލަ ތިން މަސްދުވަހުގެ ބުރަ މަސައްކަތެކެވެ.

ލަވައިގެ މަންޒަރުތައް ނެގުމަށް ރަސްގެތީމްގައި ޖުމުލަ ފަސް ދުވަސް ހޭދަކުރިއެވެ. ހިޔަލަ ގުރޫޕުން މިއަހަރުގެ ޢީދުގައި ފުރަތަމަ ޕަފޯމްކުރާ މަންޒިލަކީވެސް ރަސްގެތީމެވެ.

އަމިއްލަ ރާގުގެ މިލަވައިގެ ވީޑިއޯ ކޮންސެޕްޓްގެ ވެރިޔަކީ މަނަދޫ އަބްދުﷲ ޝާހިދެވެ.

މި ލަވައިގެ ޅެމާއި ރާގަކީވެސް އޭނާގެ ހުނަރެވެ. އަދި އޭނާއާއެކު މިލަވަ ޑައިރެކްޓުކުރީ އަޙުމަދު އަބްދުﷲއެވެ. ސިނެމެޓޮގްރަފީ އާއި ވީޑީއޯ އެޑިޓިން އަދި މިކްސިންގެ މަސައްކަތް ކުރީ ވިޝާލް އާމިރުއެވެ.

މި ލަވައިގެ އޯޑިއޯ ޕްރޮޑަކްޝަންގެ މަސައްކަތްކުރީ އެރާ ރިކޯޑްސް އިންނެވެ.

"ކޯޑި" ލަވަކިޔާފައި ވަނީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އަދި ބޮޑުބެރު ލަވަކިޔުންތެރިޔާ ހަމްދާން ސަލީމް (އަންނަ) އެވެ.

ހިޔަލައިގެ ފާހަގަކޮށްލެވޭ އެހެން އުފެއްދުންތަކަށް ބަލާއިރު "އަންހެން ދަރިންގެ ހައްގުގައި"، "ޢީދު ބޮލަށް ގޮން" ފަދަ ވީޑިއޯ ލަވަތައް ފާހަގަކޮށްލެވެއެވެ.

ގިނަ ބައެއްގެ މެދުގައި މަގުބޫލް މަނަދޫ "ހިޔަލަ" ގްރޫޕުން އަންނަނީ ރަށްރަށުގައްޔާއި ރިސޯޓާ އަދި އެހެން ބޮޑެތި ޝޯތަކުގައި ވެސް ޕާފޯމްކުރަމުންނެވެ.