މިއަހަރުގެ އަޟްޙާ ޢީދު އަހަރެމެންނާ ބައްދަލުކުރީ ރާއްޖޭގެ ވެރިކަމުގެ އައު ދައުރަކަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިޚާބުކުރަން ބާއްވާ ރިޔާސީ އިންތިޚާބު ބޯމަތިވެފައި އޮއްވައެވެ. ބޮޑު ޢީދު އައީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނުވަވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ އިންތިޚާބަށް ދެމަހާއި ބަރާބަރު 12 ދުވަސް އޮއްވައެވެ. ބައެއް ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓުން އިޢުލާންކޮށް ރިޔާސީ ޓިކެޓް ހަވާލުކޮށް، ނުވިތާކަށް ކެމްޕެއިންވެސް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
އެހެންކަމުން ގިނަ ބަޔަކު ހީކުރީ މިއަހަރުގެ ބޮޑު ޢީދުގައިވެސް އޮންނާނީ ސިޔާސީ ވާދަވެރިކަން ކަމަށެވެ. އަދި އެކަމާ ހުރެ ރާއްޖޭގެ ރަށްރަށުގައި ޢީދު ފޯރި ވަރަށް ލޮނުމަޑުވާނެ ކަމަށެވެ. ވާހަކަދެއްކި ގިނަ މީހުން އެކަން ފާހަގަކުރިއެވެ. ޚުދު އަހަރެންވެސް ހީކުރީ ހަމަ އެހެންނެވެ. އެކަމަކު ކަންވީ ދިމާ އިދިކޮޅަށެވެ. މިފަހުގެ ތާރީޚެއްގައި ބޮޑު ޢީދެއްގައި އެންމެ ފޯރިނެގީ މިފަހަރު ކަމަށް ބުނެވިދާނެއެވެ. ދުރާލާ އިންތިޒާމްކުރެވިގެން ރަށްރަށުގައި ކުލަގަދަކޮށް ޢީދު ފާހަގަކޮށްފިއެވެ. ފާއިތުވި ތިން ދުވަހު ފެނިގެންދިޔައީ އެ މަންޒަރެވެ. ފަރުދީ ފެންވަރުގައްޔާއި ޖަމާއަތުގެ ފެންވަރުގައެވެ. އަވަށު ފެންވަރުގައްޔާއި ރަށު ފެންވަރުގައެވެ.
ކޮންމެވެސް ވަރަކަށް ސިޔާސީ ކުލަވަރު ފެނުން ކަމުގައިވިޔަސް އަދި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ދީނުގައި ކަނޑައަޅާފައިވާ އިންތަކުން ބޭރުން ބައެއް ރަށްރަށުގައި މަދު ހަރަކާތްތަކެއް ކުރިއަށްގެންދިޔަ ނަމަވެސް މިޢީދުގައި ފެނިގެންދިޔައީ ދިވެހިންގެ ސަގާފީ ކުޅިވަރުތަކެވެ. އެކުވެރިކަމާއި އެއްބައިވަންތަ ކަމެވެ.
އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ކޮންމެ ޢީދަކީވެސް، އޭގައި ވަރަށް ފުރިހަމަ އިޖުތިމާއީ މާނަތަކެއް އެކުލެވިގެންވާ މުނާސަބަތެކެވެ. އުފާވެރިކަން ފާޅުކޮށް، ތަހުނިޔާއާއި ހެޔޮއެދުންތައް ބަދަލުކުރާ ދުވަހެއްގެ ގޮތުގައި، ޢީދު ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، މުޅި މުޖުތަމައުގައި އުފާވެރިކަން ފެތުރުމެވެ. ދިވެހިންގެ ސަޤާފަތާއި ޢާދަކާދައަށް ބަލާއިރު އެންމެ އިހުންފެށިގެންވެސް ޢީދު ފާހަގަކުރަމުން އައި ވަރަށް ކުލަގަދަކޮށް ވަރަށް އުފާވެރި މާހައުލެއްގައެވެ. އެމަންޒަރު ރާއްޖޭގެ ގިނަ ރަށްރަށުން މިއަހަރު ފެނިގެންދިޔައެވެ.
ކޯޑިކުޅުމާއި ބޮޑުމަސްކުޅުމެކެވެ. ތާރަޖެހުމާއި ލަނގިރި ޖެހުމެވެ. ވެދުމާދިއުމާއި ބިލެތް އެޅުމެވެ. ކުރުފަލިޖެހުމާއި ވާދެމުމާއި ސަގާފީ ނެށުންތަކެވެ. ސްޓޭޖް ޑްރާމާތަކާއި އެތައް ކުޅިވަރެކެވެ.
މިއަހަރުގެ ބޮޑު ޢީދުގައި ފާހަގަކޮށްލެވުން މުހިންމު ކަންކަން ވީމީޑިއާގެ ވީޓީވާއި ވީއޮންލައިން މެދުވެރިކޮށް ބެލުންތެރިންނާއި ކިޔުންތެރިންނަށް ގެނެސްދީފައިވާނެއެވެ. ވީމީޑިއާއިން އެންމެ އިސްކަމެއްދީގެން މިއަހަރު ޢީދުގެ ކަވަރޭޖް ގެނެސްދީފައިވަނީ މާލެ އަތޮޅު ހުރާއިންނެވެ. އެރަށުގެ ބައެއް އީދު ހަރަކާތްތައް ވަގުތުން ދުރަށް ދައްކައި، އަނެއްބައި ހަރަކާތްތައް ރެކޯޑްކޮށްގެން ވީޓީވީގެ ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވެއެވެ. މިކަމަށްޓަކައި ހުރާގައި ސްޓޭޝަންވެގެން ވީމީޑިއާގެ ކުރޫއެއް ވަނީ ހަރަކާތްތެރިވެފައެވެ.
ހުރަޔަކީ ކޮންމެ އަހަރަކުވެސް ވަރަށް ކުލަގަދަކޮށް ބޮޑު ޢީދު ފާހަގަކުރަމުން އަންނަ ރަށެކެވެ.
މީގެ އިތުރުން، ވީޓީވީންވަނީ "އީދު ފޯރި" މިނަމުގައި ހާއްސަ ޢީދު ލަވައެއްވެސް ތައްޔާރުކޮށް އާންމުންނާ ހަމަައަށް ދޫކޮށްލާފައެވެ. އައްފާން މުހައްމަދު (އައްފު) ކިޔާފައިވާ އެލަވައަށް މިއުޒިކް ހަދާފައިވަނީ މުހައްމަދު ޝާމިންއެވެ. ލަވައިގެ ޅެން ލިޔެފައިވަނީ އައްފާންއާއި ޝާމިން ގުޅިގެންނެވެ. މިލަވައިގެ ވީޑިއޯއިން ފެނިގެންދަނީ 1443 ވަނަ އަހަރު ވީޓީވީން ކަވަރުކުރި "މަގޭ ޢީދު 1443"ގެ މަންޒަރުތަކެވެ.
ކޮންމެއަކަސް ނިމިދިޔަ ޢީދަކީ ފޯރިގަދަ، ގިނަ ބަޔަކު އުފާމަޖަލުގައި ނިންމާލި ޢީދެއް ކަމާމެދު ޝައްކެތް ނުކުރަމެވެ. ކުރިއަށް މިއޮތީވެސް އުފާވެރި ދުވަސްތަކެއް ކަމުގައި ލައްވާށިއެވެ. - އާމީން