ބ އަތޮޅުން ޖުމްހޫރީ ޕާޓީއަށް އޮތް ތާއީދު ބޮޑު ކަމަށް ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި އުތުރު ކެމްޕެއިން މެނޭޖަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ބ އަތޮޅުގެ ރަށްތަކުގައި ކެމްޕެއިން ހަރަކާތްތައް ހިންގުމަށްފަހު ޖުމްހޫރީ ޕާޓީގެ އުތުރުގެ ކެމްޕެއިން ޓީމުތައް ރ. އަތޮޅުގައި މިހާރު ހަރަކާތްތެރިވާން ފަށާފައިވާއިރު އަމީން ވިދާޅުވީ ބ އަތޮޅުން ވަރަށް ގިނަ ރައްޔިތުންނާ ވާހަކަދެއްކުނު ކަމަށާއި، އެ ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގިނަ ކަމަށެވެ.

އަދި ލީޑަރު ގާސިމަށް އެ ރަށްތަކުގެ ތާއީދާއި އުންމީދު ބޮޑުކަމަށާއި އެ އަތޮޅަކީ މިގެކުރިންވެސް އެޕާޓީއަށް ބޮޑު ތާއީދެއް އޮންނަ އަތޮޅެއްކަން އަމީންވަނީ ފާހަގަކުރައްވާފައެވެ.

ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރު ޤާސިމް އިބްރާޙީމްގެ ރިޔާސީ ކެމްޕޭންނަށް ރަށްރަށުގެ ޓީމުތައް އެކްޓިވޭޓްކޮށް ތާއީދު ހޯދުމުގެ މަސައްކަތް ކުރުމަށް އުތުރު ކެމްޕޭންގެ ފަރާތުން ފަށާފައިވާ ދަތުރުގެ ތެރެއިން ޓީމް މިހާރު ތިބީ ރ. އުނގޫފާރުގައެވެ. ޖޭޕީގެ ކެމްޕެއިން ޓީމުތަކުން އަތޮޅުތަކަށް ދަތުރުކުރަމުންދާއިރު، އެބޭފުޅުން ރަށްތަކުގައި ދޮރުންދޮރަށް ހިންގަވައެވެ.

ގާސިމް އިބްރާހިމްގެ އަތޮޅުތެރޭގެ ކެމްޕެއިން ފަށައި ޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވާ މި ޓީމު ބ އަދި ރ އަތޮޅަށް ދަތުރު ފެށީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ. މި ދަތުރުގައި ޓީމުން ރަށްރަށުގެ ކެމްޕެއިން ފޯކަލް ޕޮއިންޓުންނާއި ރަށްރަށުގެ ކެމްޕެއިން ޓީމްތަކާއި މަޝްވަރާކޮށް އަތޮޅުގެ ކެމްޕެއިން ޙަރަކާތްތައް ކުރިއަށްދާގޮތާއި މެދު މަޝްވަރާކުރާނެއެވެ.

އަދި ރަށްރަށުގެ ސިޔާސީ މަސްރަހު ދެނެގަތުމާއި ރަށްޔިތުންގެ ޝަކުވާތަށް ދެނެގަތުމަށް މިޓީމުން ރަށްރަށުގެ ޓީމްތަކާއިއެކު މަޝްވަރާކޮށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމަށް ތާއިދު ހޯދުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންދާނެއެވެ.

މި ޓީމުގައި ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި އުތުރު ކެމްޕެއިން މެނޭޖަރު އަމީން އިބްރާހިމާއި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ތަރުޖަމާން ޢަބްދުﷲ އަމީނާއި ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު ޢަބްދުﷲ ނަވާޒާއި ޖޭޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ޙުސައިންނާއި ޕާޓީގެ ޒުވާނުންގެ ލީގްގެ ނައިބް ރައީސް ޝުއައިބް ޝިފާޒް ޝަރީފްގެ އިތުރުން ގޮއިދޫ ދާޢިރާގެ ރައީސް އާދަމް ޝާފިއު ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ކެމްޕޭން ޓީމުން ހުޅުމާލޭގެ ފޭސް ދޭއް ގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް ލީޑްކުރައްވަނީ ދެކުނު ކެމްޕޭން ޓީމްގެ މެނޭޖަރު އަދި ލީޑަރުގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދެވެ.

އޮނަރަބަލް ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ކަށަވަރުކޮށްދޭނެ ކަމަށް ވައުދުވެ ދެއްވި ޔަގީންކަމުގެ މައްޗަށް ޖުމްހޫރީ ޕާޓީގެ ހިއްސާއާއެކު ގާއިމްވި ސަރުކާރުގެ ސަބަބުން ގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވައި ރައްޔިތުންގެ އިސްލާހީ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމުގެ އަޒުމުގައެވެ.