އިތުރު ޙައްޖުވެރިޔަކު ނިޔާވެ، ނިޔާވި ދިވެހި ޙައްޖުވެރިންގެ އަދަދު ހަތަރަކަށް އަރައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރި ޓުވީޓެއްގައިވަނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ ހއ. ކެލާ ސީސާންގެ އުމުރުން 80 އަހަރުގެ އަލީ ގާސިމް މަދީނާ ހޮޓަލުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށް ބުނެފައެވެ.
މީގެ ކުރިން ނ. ހޮޅުދޫ އުދަރެސް ޤާސިމް އިބްރާހީމް (ޤާސިމްބެ) ނިޔާވެފައި ވަނީ ހައްޖަށް ގޮސް އުޅެނިކޮށް މިމަހުގެ އެއްވަނަ ދުވަހު ފަތިހުގެ ވަޤުތެއްގައި މައްކާގައި ކުއްލި ގޮތަކަށެވެ. މައުލޫމާތު ލިބުނު ގޮތުގައި، ޤާސިމްބެ ވަނީ ވަދާއީ ތޮވާފްކޮށް، ސައުޔުކޮށް، ހައްޖުގެ ހުރިހާކަމެއްވެސް ނިންމާފައެވެ.
މިއަހަރު ޙައްޖަށް ދިޔަ މީހުންގެ ތެރޭގައި ހިމެނޭ، އުމުރުން 72 އަހަރުގެ ދ. މާއެނބޫދޫ، ފިޔާތޮށިގެ، އަލީ ޙަސަން އާއި ރ. މާކުރަތު، މަލަ، މުޙައްމަދު ނަސީމް އަލީވެސް ވަނީ ނިޔާވެފައެވެ.
އަލީ ނިޔާވެފައި ވަނީ ހާލު ދެރަވެގެން މައްކާގެ ސަޢޫދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރާއްޖެ ގަޑިން 6:17 ގައި މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭނާއަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށް ދިޔަ ޙައްޖާޖީއެކެވެ.
އަލް ހަރަމައިން ޙައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަވާލުގައި މިއަހަރު ޙައްޖަށް ދިޔަ ޙައްޖުވެރިއެއް ކަމަށްވާ މުޙައްމަދު ނަސީމް އަލީ ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ނިޔާވެފައި އޮއްވައި ފެނިފައެވެ.
ނަސީމަކީ ޙައްޖު މަހުގެ އަށްވަނަ ދުވަހުގެރޭ މިނާ ޓެންޓުން ނުކުތްފަހުން ވީނުވީއެއް ނޭނގި ގެއްލުނު ދިވެއްސެކެވެ.
އޭނާ ނިޔާވެފައި އޮއްވައި ފެނުނީ ނޫރު ފަރުބަދައާ ދިމާލުންނެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައިކަން ހޮސްޕިޓަލާ ހަވާލާދީ ޙައްޖު މިޝަނުން ބުނެއެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ހަތަރު މީހަކު ނިޔާވެފައިވާ އިރު، އިތުރު ދެމީހެއްގެ ހާލު ދެރަވެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. އެއީ އުމުރުން 85 އަހަރުގެ ފިރިހެނަކާއި 58 އަހަރުގެ އަންހެނަކަށެވެ.
އެ ދެމީހުންނަށް އަދިވެސް ފަރުވާ ދެމުން ދަނީ އައިސީޔޫގައެވެ. އެ މީހުންނަށް އައިސީޔޫގައި ފަރުވާ ދޭންފެށީ ޙައްޖު ދުވަހުގެ ކުރިންނެވެ.