މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ޤާއިމްކުރާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް)ގެ ފުރަތަމަ މަރުހަލާގައި ބައިވެރިވާ ބޭންކްތަކުން 'ޕާޓިސިޕޭޝަން އެގްރީމަންޓް'ގައި މިއަދު ސޮއިކޮށްފިއެވެ.

މިއީ ރާއްޖޭގައި ފަސޭހަ، އަވަސް، އަދި ރައްކާތެރި ޕޭމަންޓް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެމްއެމްއޭ އިން ކުރިޔަށް ގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ޤާއިމްކުރާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް)ގެ ފުރަތަމަ މަރުހަލާގައި ބައިވެރިވާ ބޭންކްތަކުން 'ޕާޓިސިޕޭޝަން އެގްރީމަންޓް'އެކެވެ.

މި އެގްރީމެންޓްގައި ސޮއިކޮށްފައިވަނީ ތިން ބޭންކަކުންނެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް، މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑް، އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާއެވެ.

މި އެގްރީމެންޓަކީ މިސިސްޓަމްގައި ބައިވެރިވުމުގެ ސަބަބުން ލިބިދޭ ހައްޤުތަކާއި އުފުލަންޖެހޭ އިލްތިޒާމްތަކަށް އެއްބަސްވެ، ބައިވެރިވާ ބޭންކުތަކާއި ސިސްޓަމްގެ އޮޕަރޭޓަރު ކަމަށްވާ އެމްއެމްއޭ އާއި ދެމެދު ސޮއިކުރެވުނު އެގްރީމެންޓެކެވެ. އެގޮތުން 'ޕާޓިސިޕޭޝަން އެގްރީމަންޓް'ގައި ސޮއިކުރި ބޭންކުތަކާ އެމްއެމްއޭ އިން ވަނީ ޔޫސާ އެކްސެޕްޓަންސް ޓެސްޓިންގެ މަސައްކަތް ނިންމާފައެވެ.

އަދި ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި އައިޕީއެސްގެ ޕައިލަޓް ޓެސްޓިންގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު، ޕައިލެޓް ޓެސްޓިންއަށް ފަހު މި ބޭންކްތަކާއިއެކު ވަރަށް އަވަސް މުސްތަޤްބަލެއްގައި، އައިޕީއެސްގެ ޚިދުމަތްތައް އާންމުންނަށް ތަޢާރަފްކުރުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައްވެސް މިހާރުދަނީ ވަމުންނެވެ.

މިއަދު އެގްރީމެންޓްގައި 3 ބޭންކަކާއެކު ސޮއިކުރެވުނު ކަމުގައިވީ ނަމަވެސް، ބޭންކްތަކުން ތައްޔާރުވަމުންދާ މިންވަރަށް ބަލާ، އިތުރު ބޭންކުތައް ވެސް ސިސްޓަމްގައި ބައިވެރިކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރނަރު އަލީ ހާޝިމް ވަނީ ޕާޓިސިޕޭޝަން އެގްރީމަންޓުގައި ބައިވެރިވި ބޭންކްތަކަށް ޝުކުރުއަދާކުރައްވާފައެވެ.