ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްކޮށް، އެ ކުށަށް ދައުވާކޮށް، ފަހުން އެ ދައުވާތައް ސާބިތުކުރަން ބޭނުންވާ ހެކި ލިބޭނެ ގޮތެއް ނެތްކަމަށްބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާތައް އަނބުރާ ގެންގޮސްފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދު، އެނބުރި ރާއްޖެ އާދެވުނީ "އަދި ފުޓުބޯޅައިގެ މީހެއްގެ ގޮތުގައި" ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އަލީ މިފަދައިން ވިދާޅުވީ، އޭނާގެ މައްޗަށް ކޮށްފައިވާ ރޭޕްކުރަން އުޅުމާއި، ޖިންސީ އަނިޔާކުރުމާއި، ޖިންސީ ގޯނާކުރުމާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ކުށުގެ ދައުވާއިން ބަރީޢަވެ، ތިން އަހަރަށްފަހު އެނބުރި ރާއްޖެއައިސް ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް، އެކިދުވަސް މަތިން ޖިންސީ އަނިޔާއާއި، ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ، 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް، އެ ދައުވާތައް ކުރިއަށް ދަނިކޮށް އޭނާ ރާއްޖޭން ބޭރަށް ދާން ހުއްދަދިނުމުން ފުރައިގެން ދިޔަގޮތަށް އެނބުރާ އައިސްފައިނުވާތީ މައްސަލަތައް ކޯޓުގައި ކުރިއަށް ނުގެންދެވި ހުއްޓުނީއެވެ.
ޕީޖީ އޮފީހުން ބުނީ، އެ އޮފީހުން އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ނިންމީ، އަނިޔާލިބުނު ފާރާތުގެ ހެކިބަހާނުލައި މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްތޯ ބަލައި ދިރާސާކުރި އިރު، މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ހެކިބަސްކަމަށް ވާތީ، އެ ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތުކުރެވިދާނެ އެއްވެސް މަގެއް ނެތުމުން ކަމަށެވެ.
ދައުވާތަކުން ސަލާމަތްވެ އަލީ އެނބުރި ރާއްޖެ ވަޑައިގެންނެވިއިރު، ނޫސްވެރިންނާ ވާހަކަދައްކަވަމުން އަލީ ވިދާޅުވީ، ރާއްޖެއިން ފުރައިގެންދިޔަ ދުވަހު، އެނބުރި ރާއްޖެ އަންނާނީ ފުރާނަނެތް މަސްގަނޑެއްގެ ގޮތުގައިތޯ ހިތަށްއެރި ކަމަށާއި، "އެވަރުގެ ބޮޑު ފްރޭމްކުރުމަކުން" އަރައިގަނެވިދާނެތޯ ހިތުގައި ސުވާލުއުފެދުނު ކަމަށެވެ.
ފާއިތުވީ ދުވަސްތަކުގެ ތެރޭގައި އެންމެ ބޮޑު ހިތްވަރެއްގެ ގޮތުގައި ލިބުނީ، ފަރުޟު ފަސް ނަމާދުގައި ހިފުން ކަމަށާއި، ނަމާދު ވެގެންދިޔައީ ހޭދަކުރި މި އުނދަގޫ ދުވަސްތަކަށް ބޮޑު ތަސައްލީއެއް ލިބިގެންދިޔަ އެހީތެރިއަކަށް ކަމަށެވެ.
އަލީ އިތުރަށް ވިދާޅުވީ، ކުރެވުނު ތުހުމަތުތަކާއި ކޮށްފައިވާ "ފްރޭމް" ތަކުގެ ސޮފުހާ ނިމުނީ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދަށް ގެނައި ބަދަލުގެ ސަބަބުން އޭނާ ފުރުއްވަމުން ގެންދެވި އެ ޕާޓީގެ ރައީސްގެ މަގާމު ގެއްލިފައިވާކަން ފާހަގަކުރައްވާ އަލީ ވިދާޅުވީ، ސިޔާސީ ޕާޓީއަކުން "ގޯސް ފޯމެއް" ފުރައި އިލެކްޝަންސް ކޮމިޝަނަށް ހުށަނާޅާނަމަ އޭނާ އަދިވެސް ހުންނާނީ އެ ޕާޓީގެ އާންމު މެމްބަރެއްގެ ގޮތުގައި ކަމަށެވެ. އޭގެފަހުން ސިޔާސީ މަސައްކަތެއް ނުކުރައްވާކަން އަލީ ފާހަގަކުރެއްވިއެވެ.
އަލީ ވިދާޅުވީ އޭނާ އަކީ އަބަދުވެސް ފުޓުބޯޅައިގެ މީހެއް ކަމަށާއި އެއީ އޭނާގެ ޕެޝަން ކަމަށެވެ. "މި އަނދިރި ދުވަސްތަކުގައި" ލިބިވަޑައިގަތް އެންމެބޮޑު ހިތްހަމަޖެހުމަކީ ފުޓުބޯޅައިގައި މަސައްކަތްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުން ކަމަށާއި، ފުރައިގެން ދިޔައިރު ސިޔާސީ މީހެއްގެ ގޮތުގައި ވިޔަސް، އެނބުރި އައިއިރު "އަދި މިހުރީ ފުޓުބޯޅައިގެ މީހެއްގެ ގޮތުގައިހެން ހީވާ" ކަމަށް އަލީ ވިދާޅުވިއެވެ.
މިނިވަނެއްގެ ގޮތުގައި އަލީ މާލެ ވަޑައިގެންނެވިއިރު، ސުޕްރީމް ކޯޓުގައި ޕީޖީން އިސްތިއުނާފުކުރި މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ނުވުމުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ބާތިލުކޮށްފައިވާކަމުގެ ލިޔުން އެބައޮތްކަން އަލީ ފާހަގަކުރެއްވިއެވެ.
ކުޅިވަރު އާއިލާއާ އަބަދުވެސް ގާތްގުޅުމެއް ބާއްވަމުން ގެންދަވާ އަލީ ވަހީދު ނުވަތަ ފުޓުބޯޅައިގެ ނަމުންނަމަ ބަލަކް ވަނީ، ރާއްޖޭގެ ތާރީޚު ދުށް އެންމެ ހައިބަތުބޮޑު، އެންމެ ކާމިޔާބު ކުލަބު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަންގެ މަގާމު ފުރުއްވާފައެވެ. އޭގެކުރިން އެ ކުލަބުގެ މެނޭޖަރުކަން ވެސް އޭނާ ކުރައްވާފައިވެއެވެ. އަދި ރާއްޖޭގެ ގައުމީ ޓީމުގެ މެނޭޖަރުކަން ވެސް ކުރައްވާފައިވެއެވެ.
އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ފާއިތުވީ ތިން އަހަރެއްހައި ދުވަހު އަލީ ވަހީދު ވަނީ، އެ ގައުމުގެ ފުޓުބޯޅަ ކުލަބެއްގެ ކޯޗުކަން ކޮށް، ކާމިޔާބީތަކެއް ހޯދާފައެވެ. ސްޕޯޓިން ލަންޑަން ޓީމާއެކު އަލީ ވަހީދު ވަނީ، ސެންޗެނަރީ ކަޕް ބީގެ ޗެމްޕިއަންކަން ހޯދައި، ބައިނަލްއަގުވާމީ ކުޅިވަރުގައި ރާއްޖޭގެ ނަން ފަވާލާފައެވެ. އަލީ ވަހީދުގެ މި ކާމިޔާބީއާއެކު އިނގިރޭސި އެފްއޭ ވެބްސައިޓުގެ އާކައިވްސްއަށް ކޯޗިންއިން ރާއްޖެ ރަޖިސްޓްރީވެފައިވެއެވެ.