ދިވެހިރާއްޖޭގައި ކުރިއަރަމުން އަންނަ އުއްމީދީ ބެޑްމިންޓަން ތަރި، ލައިބާ އަހްމަދު މަހުލޫފް (އެލީ)، އޭނާއަށް ކުރިމަތިވަމުން އައި ފާޑުކިޔުންތަކަށް ސާބިތު ޖަވާބެއްދީފިއެވެ.

ހަގު އުމުރެއްގައި ބައިނަލްއަގްވާމީ މައިދާނުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އެލީއަށް، ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބޭތީ އަދި އެ މުބާރާތްތަކުގައި އެލީ ހޯދާ ކާމިޔާބީތައް ރާއްޖޭގައި ނުހޯދޭނެކަމަށް ބުނެ ބައެއް ފަރާތްތަކުން އައީ އެ ތުއްތު ކުއްޖާއަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. ހަމައެކަނި ސަބަބަކީ، އެއީ ސިޔާސީ ގޮތުން ހަރަކާތްތެރި ޝަހުސިއްޔަތެއްގެ ދަރިއަކަށްވުމެވެ.

ލައިބާއަށް ބައިނަލްއަގްވާމީ މުބާރާތްތަކުން ފުރުސަތު ލިބެނީ، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފްގެ ދަރިކަނބަލުންނަށްވީތީ ކަމަށާއި، ބޭރު ގައުމުތަކުގައި އެލީގެ އުމުރުގެ އެހެން ދިވެހި ކުދިން ބައިވެރިވެގެން ކާމިޔާބީތައް ހޯދާނެކަމަށް ވެސް ބައެއް ފަރާތްތަކުން އައީ މީސްމީޑިއާގައި ބުނަމުންނެވެ.

އެހެންނަމަވެސް އެލީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރަމުން އައީ މިނިސްޓްރީން ނޫނީ ސަރުކާރުން ނުވަތަ ބެޑްމިންޓަން އެސޯސިއޭޝަނުން ހޯދައިދޭ ފުރުސަތުތަކަކުން ނޫނެވެ. އެންމެނަށް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތްތަކަކަށްވާތީ، އެލީގެ އާއިލާއިން ފައިސާ ހަރަދުކޮށްގެން، ހަމަހަމަ ފުރުސަތުތަކެއްގެ ތެރެއިން އެލީއަށް އެ ފުރުސަތުތައް ހޯދައިދެނީއެވެ. މި މުބާރާތްތަކަށް އެލީ ކުރާ ދަތުރާއި، މުބާރާތުގައި ބައިވެރިވުމަށް ދަށްކަންޖެހޭ ފީއަށް، ސަރުކާރުގެ އެއްވެސް ވުޒާރާއަކުން އަދި ކުޅިވަރު އެއްވެސް އެސޯސިއޭޝަނެއްގެ މާލިއްޔާއިން ޚަރަދުކޮށްފައިނުވާނެކަން އެލީގެ ބައްޕަ، މިނިސްޓަރ މަހްލޫފް ވަނީ "ވީނިއުސް"އަށް ކަށަވަރުކޮށްދީފައެވެ.

ބައިނަލްއަގްވާމީ މުބާރާތްތަކުގައި އެލީ ހޯދާ ކާމިޔާބީތަކަކީ ދިވެހި އެހެން ކުދިންނަށްވުރެ ވަރި މޮޅުވެގެން ހޯދާ ކާމިޔާބީތަކެއް ނޫންކަމަށް ބުނާ ފަރާތްތަކަށް އެލީ ދިން ޖަވާބަކީ، ބެޑްމިންޓަން އެސޯސިއޭޝަން ޖޫނިއަރ ޗެމްޕިއަންޝިޕް 2023 ގައި ދެ ރަން މެޑަލް ހޯދުމެވެ.

އެތައް ކުދިންނެއް ބައިވެރިވި މި މުބާރާތުގައި އެލީ ރަން މެޑަލް ހޯދީ، 11 އަހަރުން ދަށުގެ އުމުރުފުރައިގެ އަންހެން ސިންގަލްސް އަދި ޑަބަލްސް އިވެންޓުގައެވެ. ޑަބަލްސްގައި އެލީގެ ޕާޓްނަރެއްގެ ގޮތުގައި ކުޅުނީ ލައިސާއެވެ. ސިންގަލްސް އިވެންޓުގައި އެލީ ފައިނަލް މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. އަދި ޑަބަލްސްގައި އެލީއާއި ލައިސާގެ ޕެއާއިން ވެސް މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ.

ބެޑްމިންޓަން އެސޯސިއޭޝަން ޖޫނިއަރ ޗެމްޕިއަންޝިޕް 2023 ގެ ދެ އިވެންޓެއްގައި އެލީ ރަން މެޑަލް ހޯދިއިރު، މި އަހަރުގެ މެއި މަހުގެ ތެރޭގައި އެލީ ވަނީ އޭނާގެ ބައިނަލްއަގްވާމީ ފުރަތަމަ ފައިނަލުގައި ކުޅެ ރިހިމެޑަލެއް ވަނީ ހޯދާފައެވެ. އެއީ ކްރޮއޭޝިއާގައި ކުރިއަށްދިޔަ އެޑްރިއާ ޔޫތު އިންޓަނޭޝަނަލް 2023 މުބާރާތުގައި ވާދަކޮށް، މުބާރާތުގެ މިކްސްޑް ޑަބަލްސް އިވެންޓުންނެވެ. މިކްސްޑް ޑަބަލްސް އިވެންޓުގައި ރިހި މެޑަލް ހޯދުމުގެ އިތުރުން އެލީ ވަނީ އެ މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުގައި ސްލޮވީނިއާގެ ޕިއާއާ އެއްކޮށް، ޕެއާއެއްގެ ގޮތުގައި ތަފާތު މޮޅު ކުޅުމެއް ދައްކާ، ލޯ މެޑަލް ހާސިލްކޮށްފައެވެ.

އޭގެ ކުރިން އޭޕްރިލް މަހުގެ 28 ވަނަ ދުވަހުން 30 ވަނަ ދުވަހުގެ ނިޔަލަށް އިޓަލީގެ ބޮލްޒާނޯ ސިޓީގައި ކުރިއަށްދިޔަ ބޮޒްނާ ފްރޫލިން އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ ދެ އިވެންޓެއްގައި އެލީ ވަނީ ލޯ މެޑަލް (ބްރޮންޒް މެޑަލް) ހާސިލްކޮށްފައެވެ. އެއީ އެ މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުގައި އާއި މިކްސްޑް ޑަބަލްސް އިވެންޓުގައެވެ. މިއީ ބައިނަލްއަގްވާމީ މައިދާނުގައި އެލީ ހޯދި ފުރަތަމަ މެޑަލް އެވެ.

މިދިޔަ އަހަރާއި މި އަހަރުގެ ކުރީކޮޅު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭއްވި މުބާރާތްތަކުގައި ވެސް އެލީ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

އެގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި، މިދިޔަ އަހަރު ބޭއްވި 17 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި އައްޑޫ ސިޓީގައި ކުރިއަށްދިޔަ ދެކުނު ޒޯންގައި ވާދަކޮށް، އެ މުބާރާތުގެ ސިންގަލްސް އިވެންޓުން ރަން މެޑަލް އެލީ ހާސިލްކޮށްފައިވެއެވެ. އަދި މިދިޔަ އަހަރު ފަހުކޮޅު، އައިބާއިން މާލޭގައި ބޭއްވި ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ސިންގަލްސް އާއި ޑަބަލްސް އިވެންޓުގައި އެލީ ވަނީ އެއްވަނަ ހޯދާފައެވެ.