މީޑިއާނެޓް ބޯޅަ ފިއެސްޓާގެ ނަމުގައި ފަށާ ކުޅިވަރުގެ ޚާއްސަ ކެމްޕެއިން މި ހުކުރު ދުވަހު ފަށާނެ ކަމަށް މީޑިއާ ނެޓުން ބުނެފިއެވެ.

މި ކެމްޕެއިންގެ ދަށުން ރާއްޖެ އާއި ބައިނަލްއަގްވާމީ ފޯރިގަދަ ދެ މުބާރާތެއް ދިވެހިންނާއި ހަމައަށް އައިސް ނެޓްވޯރކްގެ ޗެނަލްތައް މެދުވެރިކޮށް ވަގުތުން ފެންނާނެއެވެ. އެއީ ދިވެހިރާއްޖޭގެ އެންމެ މަގްބޫލު ފުޓްސަލް މުބާރާތް "ކްލަބް މޯލްޑިވްސް" އަދި ދުނިޔޭގެ ތައްޓަށް ވާދަކުރާ އަންހެން ފުޓުބޯޅައިގެ އެންމެ ބޮޑު މުބާރާތް "ފީފާ ވިމެންސް ވޯރލްޑް ކަޕް"އެވެ.

14 ޖުލައިވާ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވަނީ ބޯޅަ ފިއެސްޓާގެ ފުރަތަމަ އިވެންޓް ކްލަބް މޯލްޑިވްސްއެވެ. މިއީ ދިވެހިރާއްޖޭގެ އެންމެ ތާރީޚީ ފުޓްސަލް މުބާރާތްކަން މީޑއާ ނެޓުން ފާހަގަކުރެއެވެ. ކްލަބް މޯލްޑިވްސް ކަޕް އަދި 30/18 ވިމެންސް ފުޓްސަލް ފިއެސްޓާގެ އިތުރުން ކްލަބް މޯލްޑިވްސް ކަޕް ކްލެސިކް އަދި 30/18 ވިމެންސް ފުޓްސަލް ފިއެސްޓާ ކްލެސިކްގެ ނަމުގައި މި އަހަރުގެ މުބާރާތުގައި އިތުރު ދެ މުބާރާތް ހިމެނިފައިވުމަކީ މިއަހަރުގެ މުބާރާތް އިތުރަށް ތާރީޚީ ވެގެންދާ އެއް ސަބަބު ކަމަށް މީޑިއާ ނެޓުން ބުނެއެވެ.

ޖުމްލަ 67 ޓީމު ވާދަކުރާ މުބާރާތުގައި މި އަހަރުވެސް ދިވެހިރާއްޖެއިން ފުޓްސަލްގައި ނަންވިދާލާ ގިނަ ކުޅުންތެރިންގެ ހުނަރު ފެނިގެންދާނެއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 25 ގައެވެ.

މީޑިއާނެޓް ބޯޅަ ފިއެސްޓާގައި ދެން ހިމެނެނީ ދުނިޔޭގެ އެންމެ ބޮޑު އަންހެން ފުޓުބޯޅަ މުބާރާތް "ފީފާ ވިމެންސް ވޯރލްޑް ކަޕް" އެވެ. 16 ޓީމު ދުނިޔޭގެ ޗެމްޕިއަނުންގެ ލަގަބު ހޯދުމަށްވާދަ ކުރާ މި މުބާރާތުގެ ހުރިހާ މެޗެއްވެސް ވަގުތުން ފެންނާނެއެވެ. އަންހެން ފުޓުބޯޅަ އަހަރަކަށްފަހު އަހަރެއް ހަރުފަތްތައް ގިރާކުރަމުން ދާއިރު، މި މުބާރާތަކީ ފޯރިގަދަވާނެ މުބާރާތެއްކަން ޔަގީނެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 20ވަނަ ދުވަހުއެވެ އަދި ފައިނަލް މެޗު ކުޅޭނީ އޮގަސްޓް 20ވަނަ ދުވަހުއެވެ.

މިއީ ދިވެހިރާއްޖޭގައި ކުޅެވޭ ފުޓްސަލް މުބާރާތެއްގެ ހުރިހާ މެޗެއް ވަގުތުން ޓީވީއިން ބެލޭ ފުރަތަމަ ފަހަރު ކަމަށް މީޑިއާ ނެޓުން މައުލޫމާތުދެއެވެ. އަދި އަންހެން ފުޓުބޯޅައިގެ ބޮޑު މުބާރާތެއް މެޗުތައް ޓީވީއިން ބެލޭ ފުރަތަމަ ފަހަރުވެސް މެއެވެ.

ބޯޅަ ފިއެސްޓާގައި ގެނެސްދެވޭ މުބާރާތްތަކުގެ މެޗުތައް ޓީވީގެ އިތުރުން މީޑިއާނެޓުގެ އެމް އެސް މީޑިއާނެޓް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް މޯބައިލް ޑިވައިސްތަކުގެ ޒަރިއްޔާއިން ބަލާލެވޭނެއެވެ. މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މެޗުތައް ބަލަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޕެކޭޖުތަކެއްވެސް މީޑއާނެޓުން މިހާރުވަނީ ތަޢާރަފްކޮށްފައެވެ.