ތައިލެންޑްގެ އައު ބޮޑުވަޒީރުގެ މަގާމަށް ވާދަކުރެއްވި "މޫވް ފޯވަރޑް ޕާޓީ" ގެ ޒުވާން ލީޑަރު ޕީތާ ލިމްޖަރޮއެންރާތު، ޕާލަމެންޓުގައި މިއަދު ނެގި ވޯޓުން ފެއިލްކޮށްލައިފިއެވެ.

އުމުރުފުޅުން 42 އަހަރުގެ ޕީތާ ލިމްޖަރޮއެންރާތުއަކީ ބޮޑުވަޒީރުކަމަށް ވާދަކުރެއްވި ހަމައެކަނި ކެންޑިޑޭޓެވެ.

ނަމަވެސް، ތައިލެންޑްގެ ޕާލަމެންޓާއި، ސެނޭޓްގެ މެމްބަރުންގެ މެދުގައި މިއަދު ނެގި ވޯޓުން މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ވޯޓު، ޕީތާ ލިމްޖަރޮއެންރާތުއަށް ލިބިވަޑައެއް ނުގެންނެވިއެވެ.

ބޮޑުވަޒީރުކަމަށް ބޭފުޅަކު ކަނޑައަޅަނީ، ޕާލަމެންޓުގައި ހިމެނޭ 500 މެމްބަރުންނާއި، ސެނޭޓުގައި ހިމެނޭ 249 މެމްބަރުންގެ މެދުގައި ވޯޓުލައިގެންނެވެ.

ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް 375 މެމްބަރުންގެ ވޯޓު ބޭނުންވާއިރު، ޕީތާ ލިމްޖަރޮއެންރާތުއަށް ލިބިވަޑައިގެންނެވީ 324 ވޯޓެވެ.

ޕީތާ ލިމްޖަރޮއެންރާތުއާ ދެކޮޅަށް ވޯޓު ދެއްވީ 182 މެމްބަރުންނެވެ. 199 މެމްބަރުން ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވައެވެ.

މި ނަތީޖާއާ ގުޅިގެން، ބޮޑުވަޒީރުކަމަށް ބޭފުޅަކު އިންތިޚާބުކުރަން ޕާލަމެންޓާއި ސެނޭޓް، އެހެން ތާރީޚެއްގައި އަލުން ބައްދަލުކުރާނެއެވެ.

އެހެންވެ، ވޯޓަށްފަހު ޕީތާ ލިމްޖަރޮއެންރާތު ވިދާޅުވީ، ނަތީޖާ ގަބޫލުފުޅު ކުރައްވާ ކަމަށާއި، ނަމަވެސް އުންމީދު ކަނޑާނުލައްވާ ކަމަށެވެ.

ދެން އޮންނަ ވޯޓަކަށް މެމްބަރުންގެ ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ޕިތާ ވިދާޅުވިއެވެ.

ތައިލެންޑްގައި މެއިމަހުގެ 14 ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބު، ޕީތާ ލިމްޖަރޮއެންރާތުގެ "މޫވް ފޯވަރޑް ޕާޓީ" އިން، ހައިރާންކުރުވަނިވި ނަތީޖާއަކުން ކާމިޔާބުކޮށް، އިތުރު ސިޔާސީ 7 ޕާޓީއާ ކޯލިޝަން ހެދުމުން ޕާލަމެންޓުގެ އަޣުލަބިއްޔަތު އެ ކޯލިޝަނުން ވަނީ ނަގާފައެވެ. އެއީ، 500 މެމްބަރުން ހިމެނޭ ޕާލަމެންޓުގެ 312 ގޮނޑިއެވެ.

"މޫވް ފޯވަރޑް ޕާޓީ" އިން އެކަނިވެސް 151 ގޮނޑި ނެގިއެވެ.

"މޫވް ފޯވަރޑް ޕާޓީ" ހިމެނޭ ކޯލިޝަނުން ޕާލަމެންޓުގެ އަޣުލަބިއްޔަތު ނަގައި، މިމަހުގެ ކުރީކޮޅުވަނީ ޕާލަމެންޓުގެ ރައީސަކަށް ކޯލިޝަންގައި ހިމެނޭ ޕްރައްޗަޓް ޕާޓީގެ ލީޑަރ ވާން މުހައްމަދު ނޫރު މާތާ އިންތިޚާބުކޮށްފައެވެ.

ޕާލަމެންޓުގެ އަޣުލަބިއްޔަތު "މޫވް ފޯވަރޑް ޕާޓީ" ގެ ކޯލިޝަނަށް އޮތްނަމަވެސް، ސެނޭޓުގެ މައްޗަށް ކޮންޓްރޯލް އޮންނަނީ ނުފޫޒުގަދަ އަސްކަރިއްޔާކަމުން، ބޮޑުވަޒީރަކު ކަމަށް ވަޑައިގަތުމުގައި ޒުވާން ލީޑަރު ޕީތާ ލިމްޖަރޮއެންރާތުއަށް ހުރި ގޮންޖެހުންތައް ބޮޑެވެ.