އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2023ގެ ރަޖިސްޓްރޭޝަން މަރުހަލާ ނިންމާލައިފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ފަރާތުން ބޮޑު ތަރުހީބަކާއެކު މިއަހަރުގެ މަސްރޭސްގައި ބައިވެރިވުމަށް ޖުމްލަ ރެޖިސްޓަރ ކުރި 83 ޓީމާއެކު މި އަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށްކަމަށް އުރީދޫން ބުނެއެވެ.
އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްރޭސް 2023 ވަނީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ވަނީ ފުޅާކޮށްފައެވެ.
މުބާރާތް ފެށުމަށް ހަމަޖެހިފަވަ ތާރީހުތައް:
- މާލެ ސިޓީ: އޮގަސްޓް 4
- ކުޅުދުއްފުށި ސިޓީ: އޮގަސްޓް 11
- އައްޑޫ ސިޓީ: އޮގަސްޓް 18
- ފުވައްމުލައް ސިޓީ: އޮގަސްޓް 25
މާލެއިން 34 ޓީމު ބައިވެރިވާ އިރު ކުޅުދުއްފުށި ސިޓީން 23 ޓީމާއި އައްޑޫ ސިޓީގެ 13 ޓީމަކާއި ފުވައްމުލައް ސިޓީގެ 13 ޓީމަކާއެކު ކޮންމެ ޓީމެއްވެސް އެ ޓީމެއްގެ ސިޓީގައި ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާއިރު މުބާރާތުގެ ފޯރި އާއި ވާދަވެރިކަން އެހެން އަހަރުތަކަށް ވުރެ ވަރުގަދަވެގެންދާނެކަމަށް އުރީދޫން ބުނެއެވެ.
އުރީދޫ މަސްރޭސް ރެކޯޑް މުގުރާލާ މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަންބަލުން ޓީމުން މިއަހަރުވެސް ވާދަކުރެއެވެ. އުރީދޫން ބުނީ، އަންހެން ޓީމަކުން ނިކުމެ ރިކޯޑް އަދަދެއްގެ މަސްބާނާ ހޯދި މި ކާމިޔާބީން ދައްކުވައިދެނީ ހަމަހަމަކަމުގެ ރޫހުކަމަށެވެ.
ކޮންމެ ސިޓީއަކަށްވެސް ޖުމްލަ 75،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:
- އެއްވަނަ ޓީމް: 25،000 ރުފިޔާ
- ދެވަނަ ޓީމް: 10،000 ރުފިޔާ
- ތިން ވަނަ ޓީމް: 5000 ރުފިޔާ
- އެންމެ މޮޅު މަސްވެރިޔާ: 1000 ރުފިޔާ
- އެންމެ މޮޅު ފިޝަރވުމަން: 1000 ރުފިޔާ
އުރީދޫ މޯލްޑިވްސްއިން ވަނީ މަސްރޭސް 2023 އަށް ރަޖިސްޓްރީކުރި ހުރިހާ ޓީމަކަށް ޝުކުރު އަދާކޮށްފައެވެ. މިކަމަށް ލިބުނު ބޮޑު އެއްބާރުލުމަކީ މި ހަރަކާތުގެ ސަބަބުން މަސްވެރިކަމަށް ލޯބި ކުރާ ފަރާތްތަކުގެ ތެރޭގައި އުފެދުނު އުފާވެރިކަމާއި ޝައުގުވެރިކަން ދައްކުވައިދޭ ކަމެއްކަމަށް އުރީދޫން ވަނީ ބުނެފައެވެ.