ހިޖުރައަކީ އިސްލާމީ ދައުލަތުގެ ފެށުންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ހިޖްރައިގެ ޒިކްރާއާއި ފިލާވަޅުތައް" މި މަޢުޟޫއުގެ މައްޗަށް ހާއްސަކޮށް، ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ވަނީ، މުސްލިމުންނަށް ނަސްރާއި ނަސީބު ލިބެން ފެށީ، މަދީނާގައި މުސްލިމުންނަށް ހަމަޖެހުން ލިބުމުންކަން ފާހަގަކޮށްފައެވެ.
ހުތުބާގައި ބުނީ، މާތް ﷲ ރުއްސުންލެއްވި އުމަރުގެފާނުގެ ހިލާފަތުގެ ތިންވަނަ އަހަރު، އިސްލާމީ ކަލަންޑަރުގެ ފެށުމަކީ، ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ހިޖްރަކުރެއްވި ތާރީހުކަމުގައި ނިންމެވީ، އަހަރެއް ނިމި އަހަރެއް ފެށޭއިރު، މުސްލިމުންގެ ހިތުގައި ދީނީ ރޫހު އާލާވާނެ ހާދިސާއެއްގެ ޒިކުރު ދެމެހެއްޓުމަށްޓަކައި ކަމަށެވެ.
އިސްލާމްދީނަކީ ވަކި މީހެއްގެ މަސްހޫލިއްޔަތެއް ނޫންކަން ފާހަގަކޮށް، ހުތުބާގައި ބުނީ ނަސާރާއިންނާ ދިމާއިދިކޮޅަށް، ކީރިތި ރަސޫލާގެ އަސްހާބުން، ރަސޫލާގެ އީދު މީލާދުން ފެށިގެން އިސްލާމީ ތީރީހު ޖަހަން ނުފެށީ އެކަލޭގެފާނު ގެންނެވި ރިސާލަތާއި، ހިދާޔަތާ މީސްތަކުން ދުރައްޖެހިދާނެތީ ކަމަށެވެ.
ހުތުބާގައި ބުނީ، ހިޖުރައިގެ މަދަރުސާއިން ކަޔަވަންޖެހޭ މާއްދާތަކުން ލިބޭ ތަމްރީނުތަކަކީ، އަހަރެމެންދެ ދަރިންނަށް އެމީހުންގެ މަސްއޫލިއްޔަތަކީ ކޮބައިކަން ދަސްކޮށްދޭ ތަމްރީނު ތަކެއް ކަމަށެވެ. އަދި އެއްވެސް މަޝްރޫއެއް ކާމިޔާބުކުރެވޭނީ، އެ މަޝްރޫއުގައި ހިމެނޭ ކަންތައްތައް ބެލެހެއްޓުމާ ހަވާލުކުރެވޭ ފަރާތްތަކުގެ ދައުރު ފުރިހަމައަށް އަދާކޮށްގެންކަންވެސް ހުތުބާގައި ފާހަގަކުރިއެވެ.
ހުތުބާގައި ވަނީ، ނަބަވީ ހިޖުރައިގެ މުހިންމުކަން ފާހަގަކޮށްފައެވެ. އެގޮތުން، އިސްލާމްދީނުގެ ތަސާމަހު ހާމަވީ ނަބަވީ ހިޖުރައިގެ ސަބަބުން ކަމަށާއި، އެހެންދީންތަކުގެ މުސްލިންނާ ދެމެދު، އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމު ކުރުމާއި، ފައިދާ ލިބިގަތުމާއި މައުލޫމާތު ބަދަލުކުރުމުގެ އުސޫލު ތައާރަފުވިކަން ހުތުބާގައި ފާހަގަކުރެއެވެ.
ހިޖްރައިން ދަސްވާ އިތުރު އެހެން ފިލާވަޅަކީ، ވަތަންދެކެ ލޯބިވުންކަން ހުތުބާގައި ފާހަގަކުރިއެވެ. އަދިި މައްކާ ދޫކުރައްވާ ކީރިތި ރަސޫލާ ﷺ ނުކުމެ ވަޑައިގަންނަވަމުން މައްކާއާ މުހާތަބުކުރައްވާ ހަދީސްކުރެއްވި އަސަރު ގަދަ ބަސްފުޅުތަކަކީ މިއަދުގެ މުސްލިމުންނަށް ވަތަންދެކެ ލޯބިވުމަށްޓަކައި އަގުހުރި ފިލާވަޅެއް ކަމަށް ހުކުރު ހުތުބާގައި ފާހަގަކޮށްފައިވެއެވެ.