މީޑިއާނެޓު ކްލަބް މޯލްޑިވްސް ކަޕް 2023 ކަވަރޭޖުގެ މެއިން ސްޕޮންސަރއަކަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މީޑިއާނެޓު ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތުގައި އައިސް ނެޓްވޯރކްގެ ފަރާތުން ސޮއިކޮށްފައިވަނީ އައިސް ޓީވީގެ ސްޓޭޝަން އިންޗާރޖް މުޙައްމަދު އަހުމަދުއެވެ. މެޑްޓެކް މޯލްޑިވްސްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ ޗީފް ސްޓްރެޓަޖީ އޮފިސަރ ޑރ. މަރިޔަމް ވަސީމާއެވެ.

މެޑްޓެކަކީ ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާގައި ފުންނާބުއުސް ހަރުފަތްތައް ގިރާކުރަމުން އަންނަ ސިއްޙީ ދާއިރާއާއި ގުޅުން ހުރި އައު ޓެކްނޮލޮޖީ އާއި ސާމާނު ދިވެހި މާރކެޓަށް ފޯރުކޮށްދޭ ކުންފުންޏެކެވެ. އެގޮތުން މެޑްޓެކްއަކީ ދުނިޔޭގެ ނަންމަޝްހޫރު ފިލިޕްސް ހެލްތްކެއަރ ބްރޭންޑްގެ ދިވެހިރާއްޖޭގެ ޕާރޓްނަރކަން ފާހަގަކޮށްލެވެއެވެ.

މީޑިއާނެޓަކީ މިއަހަރު ކްލަބް މޯލްޑިވްސްގެ ކަވަރޭޖް ޕާރޓްނަރެވެ. އައިސް ނެޓްވޯރކުގެ ޗެނަލްތައް މެދުވެރިކޮށް ޓީވީ އަދި އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް މި މުބާރާތުގެ ހުރިހާ މެޗެއް ވަގުތުން ބެލޭނެއެވެ. މި މުބާރާތުގެ މެޗުތަށް ފޯނުން ބަލާލުމަށް ޚާއްސަ ޕެކޭޖުތަކެއް މީޑިއާނެޓުން މިހާރުވަނީ ތަޢާރަފްކޮށްފައެވެ.

މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގައި ހަތަރު މުބާރާތެއް ކުރިއަށްދާނެއެވެ. އެއީ ކްލަބު މޯލްޑިވްސް ކަޕާއި ކްލަބު މޯލްޑިވްސް ކަޕް ކްލެސިކާއި އަންހެން ޑިވިޝަން ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ އިތުރުން 18/30 ވިމެންސް ފުޓްސަލް ފިއެސްޓާ ކްލެސިކެވެ.