ރައްދު ދެވޭވަރަށް ރަޝިޔާގައިވެސް ކްލަސްޓަރ ބޮން އެބަހުރި ކަމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

ޕޫޓިން މިއަދު ވިދާޅުވީ، ޔޫކްރެއިނުން ރަޝިޔާއާ ދެކޮޅަށް ކްލަސްޓަރ ބޮން ބޭނުންކޮށްފިނަމަ އޭގެ ޖަވާބު ދެވޭވަރަށް ރަޝިޔާގައިވެސް ބޮން އެނަބުރި ކަމަށެވެ.

ޔޫކްރެއިނަށް ކްލަސްޓަރ ބޮން ދޭން އެމެރިކާއިން ވި ވައުދާއެކު މިހާރު ބޮމުގެ ސްޓޮކް ޔޫކްރެއިނަށް ފޮނުވަން ފަށާފައި ވެއެވެ.

ކްލަސްޓަރ ބޮމަކީ، ވައިގެމަގުންނާއި އަދި އެއްގަމު މަގުންވެސް ހަމަލާދެވޭ ޒާތުގެ ބޮމެވެ.

އޭގެ ނުރައްކާ ކަމަކީ، ކްލަސްޓަރ ބޮމަކީ އޭގައި އެތައްސަތޭކަ ކުދި ބޮންތައް ހިމެނޭ ބޮމަކަށްވެފައި، އެއް ވަގުތެއްގައި ބޮޑު ސަރަހައްދަކަށް ހަމަލާދެވޭތީއެވެ.

ކްލަސްޓަރ ބޮމަކީ، އެއް ހަމަލާއިން ބޮޑު ސަރަހައްދަކުން މީހުން މެރުމާއި، ވެހިކަލްތައް ހަލާކުރުން ނުވަތަ އެއަރޕޯޓް ރަންވޭތަކާއި، ކަރަންޓު ކޭބަލްތަކުގެ ވިއުގަތައް ހަލާކުރުމަށް ހަމަލާދޭން ބޭނުންކުރާ ބޮމެކެވެ.

ހަމަލާދޭތާ މާފަހުންވެސް ނުގޮވައި ހުންނަ ކުދި ބޮންތައް ގޮވައި، މީހުންނަށް ބޮޑެތި ގެއްލުންތައް މީގެކުރިންވެސް ލިބިފައިވެއެވެ.

އެމެރިކާއިން ޔޫކްރެއިނަށް ކްލަސްޓަރ ބޮން ދޭން ނިންމުމުން ދުނިޔޭގައި ކަންބޮޑުވުން އުފެދުނު މައިގަނޑު އެއްސަބަބަކީ މިއެވެ.

ދުނިޔޭގެ އެތައް ގައުމެއްގައި ކްލަސްޓަރ ބޮން ބޭނުންކުރުން މަނާކުރާ މުއާހަދާގައި ސޮއިކޮށްފައި ވެއެވެ. އޭގެތެރޭގައި ޔޫރަޕްގެ ގިނަ ގައުމުތައް ހިމެނެއެވެ.

މި މުއާހަދާގައި ސޮއި ނުކުރާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، ރަޝިޔާ އަދި ޔޫކްރެއިން ހިމެނެއެވެ.

ރަޝިޔާ ސަރުކާރު ޓީވީގެ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޕޫޓިން ވިދާޅުވީ، ޔޫކްރެއިނުން ރަޝިޔާއާ ދެކޮޅަށް ކްލަސްޓަރ ބޮން ބޭނުންކުރާނަމަ، އެފަދަ ބޮމުން ހަމަލާދިނުމުގެ ހައްގު ރަޝިޔާއަށްވެސް ލިބިގެންވާ ކަމަށެވެ.

"ރަޝިޔާގައި، އެކި ބާވަތުގެ ކްލަސްޓަރ ބޮމުގެ ސްޓޮކް އެކަށީގެންވާ ވަރަށް އެބަހުރި. އެމީހުން އަހަރެމެންނާ ދެކޮޅަށް އެބާވަތުގެ ބޮން ބޭނުންކުރާނަމަ ރައްދުދިނުމުގެ ހައްގު އަހަރެމެންނަށްވެސް ލިބިދޭ"
ޕޫޓިން

ޕޫޓިން ވިދާޅުވީ، ޔޫކްރެއިން ހަނގުރާމަގައި ބައެއް ފަހަރު ހަތިޔާރު މަދުވެގެންދާއިރުވެސް ރަޝިޔާއިން މިހާތަނަށް ކްލަސްޓަރ ބޮން ބޭނުންކޮށްފައި ނުވާ ކަމަށެވެ.

އެކަމަކު، ޔޫކްރެއިނާއި، ހިއުމަން ރައިޓްސް ވޮޗުން މީގެކުރިން ބުނެފައިވަނީ، ރަޝިޔާއިން ޔޫކްރެއިން ހަނގުރާމައިގައި ކްލަސްޓަރ ބޮން ބޭނުންކުރާ ކަމަށެވެ.

އެމެރިކާއިން ޔޫކްރެއިނަށް ކްލަސްޓަރ ބޮން ދޭން ނިންމުމާ ގުޅިގެން އިންސާނީ އެހީދޭ ޖަމާއަތްތަކުންވަނީ އެމެރިކާގެ ނިންމުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.