ކޫއްޑޫގެ ޑިޕާޗަރ ޓާމިނަލްގެ އޭސީތައް ހަލާކުވެފައި ހުންނަތާ އެތެކެއް މަސްވެފައިވާތީ ރައްޔިތުންނަށް ތަކްލީފްތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު މިއަދު ކުރެއްވި ޓުވިޓެްގައިވަނީ ކޫއްޑޫގެ ޑިޕާޗަރ ޓާމިނަލްގެ އޭސީތައް ހަލާކްވެފައި ހުންނަތާ މަހަކަސްވުރެ ގިނަ ދުވަސްވެފައިވާތީ ފަތުރުވެރިންނާއި، ދަތުރުވެރިންނަށް އޭގެ ސަބަބުން ތަކްލީފްތައް އުފުލަމުން ދާންޖެހޭކަމަށް ވިދާޅުވެފައެވެ.

އަދި މިއަދު މިކަން ތަޖުރިބާކުރަން ޖެހިފައިވާކަމަށާއި މައްސަލަ ހައްލުކޮށްދެއްވާނީ ކޮންއިރަކުންތޯ އިލްހަމް ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ކޫއްޑޫ އެއާޕޯޓް ހިންގަނީ ޕްރިސްޓީން އައިލެންޑް އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކުންނެވެ. ކޫއްޑޫ އެއާޕޯޓް ހިންގާތީ އެ ކުންފުންޏަށް ދެ ރިސޯޓް ހެދުމަށް ސަރުކާރުން ފަޅު ރަށަކާއި ކޫއްޑޫގެ ބޮޑު ސަރަހައްދެއް ދީފައިވެއެވެ.

އެގޮތުން އެ ކުންފުނިން ކޫއްޑޫގައި ތަރައްގީ ކުރި ރިސޯޓް "މާކިޔާ ކޫއްޑޫ މޯލްޑިވްސް"ގެ ނަމުގައި އަންނަނީ ހިންގަމުންނެވެ. އަދި ގއ އިން އެ ކުންފުންޏަށް ދިން ރަށުގައި "ޕުލްމަން މޯލްޑިވްސް މާމުތާ"ގެ ނަމުގައި އަންނަނީ ރިސޯޓް ހަދާ ހިންގަމުންނެވެ.

ނަމަވެސް އެ ރިސޯޓްތަކުގެ ފެންވަރާއި ބޮޑު އޮޕަރޭޝަނާ އަޅާ ބަލާއިރު އެއާޕޯޓް ފެންނަނީ ވަރަށް ފެންވަރު ދަށްކޮށެވެ. އެ ދެ ރިސޯޓަށް އަންނަ ފަތުރުވެރިންވެސް އެއާޕޯޓް ބޭނުން ކުރި ނަމަވެސް އެއާޕޯޓަށް ލިބޭ ކުރިއެރުމެއް ނެތެވެ.

އަދި އެ ކުންފުނިން ވެސް އެއާޕޯޓްގެ ހާލަތު ރަނގަޅު ކުރަން ކުރާ މަސައްކަތެއް ވެސް ނުފެންނަ ކަމަށް ގއ އަތޮޅުގެ މީހުން ބުނެއެވެ.