1444ވަނަ އަހަރުގެ މުދަލު ޒަކާތް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފިއެވެ.
މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޖަމާކޮށްފައިވަނީ 26,799,500 (ސައްބީސް މިލިއަން ހަތްދިހަނުވަ ލައްކަ ނުވަހާސް ފައްސަތޭކަ) ރުފިޔާއެވެ.
މި ފައިސާ ފަޤީރުންގެ ލިސްޓްގައި މިއަހަރު ހިމެނޭ 7،657 މީހުންނަށް، ބޮލަކަށް 3500 ރުފިޔާގެ ރޭޓުން ވަނީ 18 ޖުލައި 2023ގައި، އެފަރާތްތަކުގެ އެކައުންޓްތަކަށް މިނިސްޓްރީންވަނީ ޖަމާކޮށްފައެވެ.
ފައިސާއިން މުދަލުޒަކާތް ނެރުން ވާޖިބުވާ ނިސާބަށް އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރުގެ މެއި މަހު ބަދަލުގެނެސްފައެވެ.
މުދަލު ޒަކާތުގެ ނިސާބަށް އައި ބަދަލު ހާމަކޮށް ނެރުނު އިއުލާނެއްގައި އިސްލާމިކް މިނިސްޓްރީން ވަނީ ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ މިންވަރު 7،312 ރުފިޔާއަށް ބޮޑުކޮށްފައިވާކަން ހާމަކޮށްފައެވެ.
ރާއްޖޭގައި ނިސާބު ބަލަނީ ރިހިންނެވެ. ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ފައިސާއިން ޒަކާތުގެ ނިސާބަށް ޖެހޭ އަދަދަށް ބަދަލު މީހެއްގެ އަތުގައި ހުރި މުދަލުގެ ނިސާބު ހަމަވެ، ނިސާބަށްވުރެ މަދުނުވެ ހިޖުރީ ސަނަތުން އެއްއަހަރު ވެއްޖެ ނަމަ، އެމުދަލުގެ ސާޅީސްބައިކުޅަ އެއްބައި، ޒަކާތަށް ނެރުން ވާޖިބުވާނެއެވެ.
މުދަލު ޒަކާތް ބަހަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަގީރުންގެ މެދުގައެވެ.
ޒަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ތިންވަނަ ރުކުނެވެ. އެއީ ތަނަވަސްކަމާއި މުއްސަދިކަމުގެ އަހުލުވެރީންގެ ކިބައިން ފަޤީރުންނަށާއި، ނިކަމެތީންނަށް ލިބިދޭ ދީނީ ހައްގެކެވެ.
މުދަލު ޒަކާތް ނެރުން ވާޖިބުވަނީ، މައިގަނޑު ތިން ޝަރުތެއް ހަމަވުމުންނެވެ. އެއީ މުދަލުގެ ނިސާބު ހަމަވުމާއި، ނިސާބު ހަމަވެ، އެއަށް ހިޖުރީ އަހަރުން، އެއްއަހަރު ފުރުމާއި، ތިމާގެ ފުރިހަމަ މިލްކުވެރިކަމުގައި އެމުދާ ހުރުމެވެ.