އިސްލާމިކް މިނިސްޓްރީން އާންމުކޮށް، އަދި މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ހުކުރު ޚުޠުބާގައި ސާބިތުނުހިފޭ ވާހަކަތަކެއް ހުރިކަމަށް ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ބުނެފިއެވެ.
ހުކުރު ޚުޠުބާ ބިނާކޮށްފައިވަނީ "އާޝޫރާ ދުވަހުގެ މާތްކަން" މިމަޢުޟޫގެ މައްޗަށެވެ.
ޚުޠުބާގައި ސާބިތުނުހިފޭ ވާހަކަތަކެއް ހުރިކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވި އެއްބޭފުޅަކީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
ޑރ. ޝަހީމް ވިދާޅުވި ގޮތުގައި ސާބިތު ނުވާ ވާހަކަތައް ހުތުބާގައި ގެނައުމަކީ ރަނގަޅު ކަމެއް ނޫނެވެ. އޭނާވަނީ ޚުޠުބާގައިވާ ސާބިތުނުހިފޭ ވާހަތައް ފާހަގަކޮށްދެއްވާފައެވެ.
ޑރ. ޝަހީމް ފާހަގަކުރީ އަންނަނިވި އިބާރާތެވެ.
"ނޫހުގެ ފާނާއިި އެކަލޭގެފާނަށް އީމާންވީ މީހުން ތޫފާނުން ސަލާމަތް ކުރެއްވީ އާޝޫރާ ދުވަހުގައެވެ. އިބްރާހިމްގެފާނު އަންދާލުމަށް، ލައުނަތް ލެއްވި ނަމްރޫދު ރޯކުރި އަލިފާންގަނޑުން އިބްރާހިމްގެފާނު ސަލާމަތް ކުރެއްވީ އާޝޫރަ ދުވަހުގައެވެ. ޔޫސުފްގެފާނު އަހުންގެ ނުބައި ރޭވުންތަކުން ޔޫސުފްގެފާނު ސަލާމަތް ކުރެއްވުމަށްފަހު އެކަލޭގެފާނުގެ ބަފައިކަލުން ޔައުގޫވްގެފާނާ އަލުން ބައްދަލުވެވަޑައިގަތީ އާޝޫރާ ދުވަހުގައެވެ. ޔޫނުސްގެފާނު މަހުގެ ބަނޑު ތެރެއިން ސަލާމަތްވެ ވަޑައިގަތީ އާޝޫރާ ދުވަހުގައެވެ. އައްޔޫބްގެފާނު އިމްތިހާނު ކުރެއްވުމުގެ ގޮތުން އެކަލޭނެފާނަށް ޖެއްސެވި ދިގު މުއްދަތުގެ ބޮޑު އާލާސްކަންފުޅުން، އެކަލޭގެފާނު ސަލާމަތް ކުރެއްވީ އާޝޫރާ ދުވަހުގައެވެ.".
އަރަބިއްޔާ ސުކޫލުގެ ހަދީސް ޓީޗަރު އަދި އިލްމުވެރިޔާ އައްޝައިހް ޒަމްޒަމް ފާރިޝް ވެސް ވަނީ ހުތުބާގައި ސައްހަ ނޫން ހަދީޘްތަކެއް ވާކަން ފާހަގަކުރައްވާފައެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން އަދި ވަކި އެއްޗެއް ނުބުނެއެވެ.
ކޮންމެ ބުރާސްފަތި ދުވަހަކު ނުވަތަ ހުކުރު ވިލޭރޭ އެ މިނިސްޓްރީގެ ވެބްސައިޓުގައި ޖެހިގެން އަންނަ ހުކުރު ދުވަހުގެ ޚުޠުބާ އާންމުކުރެއެވެ. އެއްވެސް އިލްމުވެރިޔަކު ޚުޠުބާ އިއްވުމުގެ ކުރިން އެކަން ފާހަގަނުކުރައްވައެވެ.
"އާޝޫރާ ދުވަހުގެ މާތްކަން" މި މައުލޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގެ މިސްކިތްތަކުގައި އިއްވި މިއަދުގެ ހުކުރު ޚުޠުބާގައިވަނީ މުހައްރަމް މަހުގެ 10ވަނަ ދުވަސް ނުވަތަ އާޝޫރާ ދުވަހަކީ ހެޔޮކަމާއި ޒިކުރުތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއްކަން ހަނދާންކޮށްދީފައެވެ.
ހުތުބާގައިވަނީ ފިރުއައުނު ޣަރަގުކުރެއްވި ހާދިސާއިން އެނގެނީ މާތް ﷲއަށް ކާފިރުވެ ދުނިޔެ ފަސާދަކުރަންއުޅޭ މީހުންނަށް މާތްﷲ ގަދަފަދަ އަޒާބު ދެއްވާނެކަންކަމަށާއި އަހަރެމެން ފަސާދަޔާ ދެކޮޅަށް ތެދުވަންޖެހޭނެކަން ކަމަށެވެ. އީމާންވާ މީހުންނަށް އާހިރުގައި ކާމިޔާބު ލިބޭނެކަން ހުތުބާގައި ހަނދާންކޮށްދިނެވެ.
ހުތުބާގައިވަނީ އާޝޫރާ ދުވަހު ރޯދަ ހިފުމުގެ މާތްކަން ކިޔައިދީ ރޯދަ ހިފުން ފިޔަވައި އާއްމުވަމުންދާ ބިދުއަތަކުގެ މައްޗަށް ވަރަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލައި އެފަދަ ބިދުއަތަކުން ސަލާމަތްވެތިބުމަށް ނަސޭހަތްތެރިވެފައެވެ.
މުހައްރަމްމަހަކީ މާތްﷲ ހުރުމަތްތެރިކުރައްވާފައިވާ ހަތަރު މަހުގެ ތެރޭގައި ހިމެނޭ މަހެއްކަން ފާހަގަކޮށް ހުތުބާގައިވަނީ މިއީ ﷲގެ މައްސަރުކަމަށާއި މި މަހު ރޯދަ ހިފުން ގިނަ ކުރުމަށް ނަސޭހަތްތެރިވެފައެވެ.