ރ. ވާދޫގައި އެ ރަށު މުޙައްމަދު ޒަކަރިއްޔާ (ދޮންބެ)، ބަކަރި ހުއިހައްޕާތާ ހަތަރު އަހަރުވީއެވެ.

އެއީ މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލާ ގުޅިގެން އެ ރަށުގައި ބަކަރި ގެންގުޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި އެކަމަށް ޝައުގުވެރިކަން ފާޅުކުރުމުން އޭނާއަށް އެ މަސައްކަތް ހަވާލުކުރި ހިސާބުން ފެށިގެންނެވެ.

ޒަކަރިއްޔާ ދޮންބެ ހަމައެކަނި ބަކަރި ހުއިހައްޕަނީއެއް ނޫނެވެ. ވަކި ގޮތަކަށް އެސޮރުމެން ތަރުބިއްޔަތު ވެސް ކުރަނީއެވެ.

އެންމެ ފުރަތަމަ ދޮންބެއާ ހަވާލުވީ ފަސް ބަކަށްޓެވެ. އޭނާގެ މިންނެތް މަސައްކަތުން ރަނގަޅު ގޮތުގައި އެސޮރުމެން ބަލަހައްޓައި ވިއްސައި އާލާކުރީއެވެ. މިދިޔަ އަހަރުގެ ޖުލައިމަހުން ފެށިގެން މިހިނގާ ޖުލައި މަހާ ހަމައަށް ނުވަ ބަކަރި ވިއްކާފައި މިހާރުވެސް ދޮންބެގެ ބެލުމުގެ ދަށުގައި 10 ބަކަރި އެބަ ތިއްބެވެ.

މިއިން ކޮންމެ ބަކައްޓަކީވެސް ސާހިބުމީހާއަށް ކިޔަމަންތެރި ބަކައްޓެކެވެ. އޭގެ އަސްލަކީ ޒަކަރިއްޔާ ދޮންބެ ބަކަރިތައް ތަރަބިއްޔަތުކޮށްފައިވާ ގޮތެވެ. ޚުދު އަހަރެންގެ މި ދެލޯވެސް އެކަމަށް ހެކިވާނެއެވެ. ކައިރިން ދުށް މަންޒަރުތަކުންނެވެ.

މި މަހުގެ ކުރީކޮޅު ވާދޫއަށް ކުރި ދަތުރެއްގައި އަހަރެން ދުށް އެ މަންޒަރުތައް ތިލަކޮށް ހިއްސާކޮށްލާނަމެވެ. ހަވީރު ފިންޏަށް ރަށުތެރޭ ހިނގާލަން ނުކުމެ، ވާދޫ ބަކަރި ކޮށި ހުންނަތަނަށް އަހަރެން ދިޔައީމެވެ. ދިޔައިރު ކަމަކުދާކަށްނެތެވެ. ވަރަށް ޅަ އެންމެ ބަކައްޓެއް ފިޔަވައި ކޮށިން އެއްވެސް އިތުރު ބަކައްޓެއް ފެންނާކަށް ނެތެވެ. އެސޮރުމެން ހޯދަނިކޮށް ލޮލުގައި އަޅައިގަތީ ކޮށްޓާ މާ ދުރުނޫން ތަނެއްގައި ގަސްތަކުން ފަތްކާން ތިއްބައެވެ. އެސޮރުމެން ތިބީ މިނިވަންކޮށް އުޅެން ދޫކޮށްލާފައެވެ.

ވާދޫގައި ގެންގުޅޭ ބަކަރިތަކެއް ބަކަރި ކޮށި ތެރޭގައި --- ފޮޓޯ: ޒިދާން ރިޔާޒް/ ވީނިއުސް

އެ ސަރަހައްދުގައި އެކިއެކި އާއިލާތައްވެސް އެވަގުތު މަންޒަރު ބަލަން ތިއްބެއެވެ. ބައެއް ކުދިވެރިން އެސޮރުމެންނަށް ފަތް ކާންދޭން ބޭނުންވެގެން ފަތް ދިއްކުރެއެވެ. އާއިލާތަކަށް ވެސް ބަކަރިތަކަށް ވެސް އެއީ އުފާވެރި ވަގުތުތަކަށް ވާނެކަން ޔަގީނެވެ.

ގަޑިން ގާތްގަނޑަކަށް 5:30 ވާން ގާތްވެފައިވަނިކޮށް އެސޮރުމެންނަށް ބޭނުންވާ ކާތަކެތި ހިފައިގެން ޒަކަރިއްޔާ ދޮންބެ އައިސް ކޮށްޓަށް ވަނެއެވެ. ފަތްޕިލާވެލީގެ ބާވަތްތައް ކޮށްޓަށް ވެއްދުމަށްފަހު ބަކަރިތަކުގެ ސާހިބު މީހާ ދެން ކުރި ކަމަކީ އެތާ ހުރި ޑަނޑޫރާއެއްގައި ދެތިންފަހަރު ޖެހީއެވެ.

އޭގެން އިވުން އަޑާއެކު ފެނިގެންދިޔައީ ބަކަރިތަކުގެ ކިޔަމަންތެރި ކަމެވެ. ކުޑައެއް ބޮޑެއް ކިޔާނެކަމެއް ނެތެވެ. ކޮށިން ބޭރުގައި ތިބި ހުރިހާ ބަކައްޓެއް ވަގުތުން ކޮށްޓަށް ވަދެއްޖެއެވެ.

"ވީނިއުސް" އާ ވާހަކަދައްކަމުން ދޮންބެ ބުނި ގޮތުގައި ފެންނަ ހިސާބުގައި ތިބިއްޔާ ކޮންމެހެން އެއްޗެއްގައި ނުތެޅިޔަސް "އާދޭ"އޭ ގޮވާލުމުން އެސޮރުމެން ކޮށްޓަށް ވަންނާނެއެވެ. ބައެއް ދުވަސްދުވަހު ހެނދުނާއި ހަވީރު ކޮށި ހުޅުވާލައި ބަކަރިތަކަށް ނުކުތުމުގެ ފުރުސަތު ދެއެވެ. އެކަމަކު ދޮންބެ ބުނި ގޮތުގައި ރަސްމީ ވަޒީފާއެއްގައި އުޅޭތީ ކޮންމެ ދުވަހަކު ހެނދުނު ކޮށްޓަށް ނުދެވެއެވެ.

އެކަމަކު ހަވީރުގެ ވަގުތު ގަވާއިދުން އެސޮރުމެން ކޮށިން ނެރެއެވެ.

ބަކަރި ގެންގުޅުމުގެ އިތުރުން ޒަކަރިއްޔާ ދޮންބެއަކީ މުސަޅު ގެންގުޅޭ، އެކަމުގެ ތަޖުރިބާކާރެކެވެ. ދޮންބެ މުސަޅު ގެންގުޅޭތާ 25 އަހަރު ވެފައިވާއިރު މިހާރުވެސް މުސަޅު ގެންގުޅެއެވެ. ބަކަރި ކޮށްޓާ އިންވެގެން އޮންނަ ބިމުން ޖާގައެއް ކުށްޔަށް ނަގައިގެން ދޮންބެ މުސަޅު ގެންގުޅެނީ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުންނާއި އަމިއްލަ އުފަލަކަށް ކުރާ ކަމެއްގެ ގޮތުގައެވެ.

ވާދޫގައި ބަކަރި ގެންގުޅުމުގެ ފުރުސަތު ދީފައިވަނީ ކައުންސިލަށް 15 ޕަސެންޓް ދޭ ގޮތަށެވެ.

ޒަކަރިއްޔާ ދޮންބެ ވާދޫގައި ގެންގުޅޭ މުސަޅުތަކެއް --- ފޮޓޯ: ޒިދާން ރިޔާޒް/ ވީނިއުސް

މިފަހުންވެސް އެ ކައުންސިލުންވަނީ ކައުންސިލާ ގުޅިގެން އެ ރަށުގައި ބަކަރި ގެންގުޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައެވެ.

ވާދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 18 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ވާދޫ ކައުންސިލްގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށް އެދޭކަމަށާއި، 2 އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް އެ އިދާރާއަށް ހާޒިރުވެ ޕްރޮޕޯސަލް ހުށަހެޅުން އެދޭ ކަމަށެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލާއި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މިމަސައްކަތް ކުރުމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހަޅާއިރު، ރަޖިސްޓްރީ ކޮށްފައިވާކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅަންޖެހެއެވެ.