ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި މަގުބޫލުކަމެއް ލިބިގެންދިޔަ ދިޔަ ޓީވީ ޝޯ، "ބަހަބަރު"ގެ އެއް ތަރި، މ. ހާވިލާ އަހުމަދު ޝާހިދު ހަލީމް ނިޔާވެއްޖެއެވެ.

އުމުރުން 72 އަހަރުގައި ޝާހިދު ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވެފައިވަނީ އެ ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާކުރަމުން ގެންދާތާ މަހެއްހާ ދުވަސް ފަހުންނެވެ. ޝާހިދު ނިޔާވީ ހާލުބޮޑުވެގެން ވެންޓިލޭޓަރުގައި ބާއްވާފައި އޮންނަތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ޝާހިދަކީ ޓީވީ ޑްރާމާތަކާއި ސްޓޭޖް ތަމްސީލު ކުޅުމުގައި ވެސް ހުނަރުވެރިއެކެވެ.

1980ގެ އަހަރުތަކުގައި ވެރިރަށް މާލޭގައި ބޭއްވި އަވަށު ޑްރާމާ ޝޯތަކުގައި ޝާހިދު ވަނީ މުހިންމު ބައިތަކެއް އަދާކޮށްފައެވެ.

އޭނާގެ މަގުބޫލުކަން އިތުރުވެގެންދިޔައީ "ބަހަބަރު" ގެ ތެރެއިންނެވެ. ޓީވީއެމްއިން އުފައްދައިގެން އޭރު ދެއްކި މި ޝޯއަކީވެސް އޭނާގެ ހެއްވާ އަދި މަޖާ ވަރުގަދަ ޝަހުސިއްޔަތުތަކެއް ފެނިގެންދާ ސީރީޒެކެވެ. އެ ސީރީޒް އަދިވެސް އާންމުންގެ ތެރޭގައި ވަރަށް މަގުބޫލެވެ. އަދުގެ ޒުވާނުންނަށްވެސް އޭނާގެ އެ ކެރެކްޓަރ ވަރަށް ކަމުދާކަން ސޯޝަލްމީޑިއާއިިން ހާމަވެއެވެ.

"ބަހަބަރު"އިން އޭނާއާއެކު ފެނިގެންދިޔަ ފީބޯ މުހަންމަދު މަނިކާއި ކޮއްޔަ ހަސަން މަނިކާއި ކުޑަދޮން ވެސް މިހާރު ދުނިޔެއަކު ނެތެވެ.

ޝާހިދު ވަނީ، ދިވެހި އަދަބިއްޔާތަށްވެސް ވަރަށް ގިނަ ހިދުމަތްތައް ކޮށްދީފައެވެ. މުނިފޫހިފުލުވުމުގެ ރޮނގުން އޭނާ އަށް ސަރުކާރުން ވަނީ އާންމު ހިދުމަތުގެ އިނާމް ވެސް ދީފައެވެ.

ނިޔާވިއިރު ޝާހިދުގެ އަށް ކުދިން ދުނިޔޭގައި އެބަތިއްބެވެ.