ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗު، އިޓަލީގެ ފްރެންޗެސްކޯ މޮރިއެރޯއާއެކު ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އެ އެއްބަސްވުން އައުނުކުރާނެކަމަށް އެފްއޭއެމްގެ ރައީސް، ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ބައްސާމް މިފަދައިން ވިދާޅުވީ، އެފްއޭއެމް އިން ހަމަޖެއްސި އައު ޓެކްނިކަލް ޑިރެކްޓަރު، އިނގިރޭސިވިލާތުގެ ޕޯލް ސްމޯލީ ތައާރަފްކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ގައުމީ ޓީމުން ފަހަކަށް އައިސް ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން، މުޅި ފުޓުބޯޅަ އާއިލާއާއި ފުޓުބޯޅަ ސަޕޯޓަރުންގެ ނުރުހުން މޮރިއެރޯއަށް ވަނީ އަމާޒުވެފައެވެ. ހާއްސަގޮތެއްގައި މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ޓީމު ގްރޫޕް ސްޓޭޖާ ހަމައިން ކަޓައިގެން ދިއުމާ ގުޅިގެން، އޭނާ ކޯޗުކަމުގެ މަގާމުން ވަކިކުރުމަށް ސަޕޯޓަރުންނާއި ކުޅިވަރު ނޫސްވެރިން ވެސް ގޮވާލާފައިވެއެވެ.

ނޫސްވެރިންގެ ނުރުހުން މޮރިއެރޯއަށް އަމާޒުވީ، ސާފް ޗެމްޕިއަންޝިޕަށް ޓީމު ފުރުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރުމަށް ވެސް މޮރިއެރޯ އުޒުރުވެރިވުމާއި، މުބާރާތުގެ ތެރެއިން ވެސް މެޗަކަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދޭން މޮރިއެރޯ ދެކޮޅުހެދުމާ ގުޅިގެންނެވެ.

މޮރިއެރޯގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ބޮޑުތަނުން ދަށްވެފައިވާކަމަށް ކަމުގެ މާހިރުން ބުނަމުން އަންނަ ދަނޑިވަޅެއްގައި އަދި އޭނާ އެ މަގާމުން ވަކިކުރުމަށް ގޮވާލަމުން އަންނަ ދަނޑިވަޅެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ، މޮރިއެރޯގެ ކޮންޓްރެކްޓު އަންނަ މަހުގެ ނިޔަލަށް ހަމަވާނެ ކަމަށާއި، އެއްބަސްވުން އައު ނުކުރަން ނިންމާފައިވާ ކަމަށެވެ.

މޮރިއެރޯގެ އެއްބަސްވުން ހަމަވުމުން ދެން ޓީމާ ހަވާލުވާނީ މިވަގުތު އެސިސްޓަންޓް ކޯޗުގެ މަގާމުގައި ހުރި އަލީ ސުޒެއިން ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.

"އަންޑަ 23 ޓީމާއި ސީނިއާ ޓީމު ބަދަލުތަކެއް އަންނާނެ. އަޅުގަނޑުމެންގެ މިހާރުގެ ކޯޗުގެ ކޮންޓްރެކްޓް ހަމަވާނެ އޮގަސްޓްގެ ނިޔަލަށް. އެއަށްފަހު އަޅުގަނޑުމެންގެ ވިސްނުމަކީ ކޯޗުގެ ކޮންޓްރެކްޓް އާ ނުކުރުން. އެހިސާބުން ގައުމީ ޓީމާ ހަވާލުވެގެންދާނީ އެސިސްޓަންޓް ކޯޗަކަށް ހުރި އަލީ ސުޒޭން".
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

މިފަހުން ޕްރޯ ލައިސަންސް ހާސިލްކުރި ސުޒެއިން އަކީ، 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް އިރުޝާދުދިން ކޯޗެވެ. ރައުންޑް ރޮބިން އުސޫލުން ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ރާއްޖެއަށް ފައިނަލާ ހަމައަށް ނުދެވުނު ނަމަވެސް، މެޗުތަކުގައި ރާއްޖެ ޓީމުން ދެއްކި ކުޅުމަށް މާބޮޑު ނުރުހުންތަކެއް އަމާޒުވެފައެއް ނުވެއެވެ.

މޮރިއެރޯއަށްފަހު ބޭރުން އިތުރު ކޯޗެއް ނުގެންނަން ނިންމި ސަބަބު ހާމަކުރައްވައި ބައްސާމް ވިދާޅުވީ، ކުރިއަށްހުރި މުބާރާތްތައް ނުވަތަ ކޮލިފިކޭޝަން މެޗުތައް ފަށަންވާއިރަށް އައު ކޯޗެއް ގެނެސްގެން، ކުޅުންތެރިންނާއި ޓީމުތައް ދަސްކޮށް، މި ހުރިހާކަމެއް ކުރަން އެކަށީގެންވާ ވަގުތު އޮތްކަމަށް ގަބޫލުނުކުރެއްވޭތީ ކަމަށެވެ. އަދި ސީނިއަރ ޓީމާއި އަންޑަރ 23 ޓީމުގެ ކޯޗިންގް ޓީމަށް ބަދަލުތައް ގެންނާނީ އަންނަ އަހަރުން ފެށިގެން ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ކޮލިފިކޭޝަން މެޗުތަކުގެ ގޮތުގައި ބައްސާމް އެ ފާހަގަކުރެއްވީ، އޮކްޓޯބަރު މަހު ސީނިއަރ ގައުމީ ޓީމުން ކުޅޭ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިން މެޗުތަކެވެ. އޭގެ ކުރިން، ސެޕްޓެމްބަރު މަހު ކުރީކޮޅު ޗައިނާގައި 23 އަހަރުން ދަށުގެ ޓީމުން، އޭޝިއަން ކަޕް ކޮލިފައިންގައި ކުޅޭނެއެވެ.

ނެޝަނަލް ލެވަލްގައި ކޯޗިންގައި ގިނަ ކާމިޔާބީތަކެއް ހޯދައި، ދިވެހި ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ކޯޗު ސުޒެއިން އަކީ، ދިވެހި ކުޅުންތެރިންގެ ކުޅުމުގެ ފެންވަރާއި، ކުޅުންތެރިންގެ މެދުގައި އޮންނަ ކޮމްބިނޭޝަން ދަންނަ، ފުޓުބޯޅަ ކުރިއެރުވުމުގެ ގާބިލުކަން ހުރި ކޯޗެއްގެ ގޮތުގައި ގިނަބަޔަކު ގަބޫލުކުރެއެވެ.

ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާއި މޮރިއެރޯ ހަވާލުވީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެއީ ސާފް ޗެމްޕިއަންޝިޕަށްފަހުއެވެ.

މޮރިއެރޯގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ފުރަތަމަ ކުރިމަތިލީ، އެ އަހަރުގެ ފަހުކޮޅު ސްރީލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕާއެވެ. އެ މުބާރާތުގެ ފައިނަލަށް ނުގޮސް ރާއްޖެ ކެޓިއިރު، އެ މުބާރާތުގައި ރާއްޖެ އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. މުބާރާތަށް ގައުމީ ޓީމު ތައްޔާރުކުރުމަށްޓަކައި މޮރިއެރޯއަށް އެކަށީގެންވާ ވަގުތު ލިބިފައި ނުވާކަން އޭރު އޭނާ ފާހަގަކުރިއެވެ.

އެހެންނަމަވެސް އެފަހުން ވެސް މޮރިއެރޯގެ އިރުޝާދުގެ ދަށުން ރާއްޖެއިން ގާތްގަނޑަކަށް ދެ އަހަރު ކުޅެފައިވާއިރު، އެކަށީގެންވާ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. އެގޮތުން އޭނާގެ އިރުޝާދުގެ ދަށުން 15 މެޗު ގައުމީ ޓީމުން ކުޅެފައިވާއިރު، މޮޅުވެފައިވަނީ ހަ މެޗުންނެވެ. އެއީ، އެއީ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ލަންކާ އަތުން ހޯދި މޮޅާއި، މިދިޔަ އަހަރުގެ މާޗު މަހުގެ 24 ވަނަ ދުވަހު ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ބަންގްލަދޭޝް އަތުން މޮޅުވި މެޗުގެ އިތުރުން، ބްރޫނާއި އާއި ލާއޮސް އަތުން އެކުވެރިކަމުގެ މެޗުތަކެއްގައި ހޯދި މޮޅު، ޕާކިސްތާން އަތުން ރާއްޖޭގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ހޯދި މޮޅު އަދި ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުގައި ބޫޓާން އަތުން މޮޅުވި މެޗެވެ.

މޮރިއެރޯ އަކީ އިޓަލީގެ ގައުމީ ޓީމަށާއި، ޔޫރަޕު ފުޓުބޯޅައިގެ ބޮޑެތި ކުލަބުތަކަށް ކުޅުފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އިންޓަރ މިލާނާއި ރޯމާ އަދި ނަޕޯލީ އަށް އޭނާ ވަނީ ކުޅެފައެވެ. މޮރިއެރޯ ކޯޗިންގ ކެރިއަރު ފަށާފައިވަނީ 2006 ވަނަ އަހަރުއެވެ.