ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނުގައި ޕީއެސްޖީން ކުޅޭ މެޗުތަކުގައި ބެންޗުގައި އިންނަން ޖެހުނަސް، ސައުދީ ލީގަށް ބަދަލުވާން ޒުވާންތަރި ކިލިއަން އެމްބާޕޭ ބޭނުންނުވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ފްރާންސްގެ ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ވިންޑޯއަށެވެ. އެ އެއްބަސްވުމުގެ ދަށުން، ދެ ފަރާތުން އެއްބަސްވާނަމަ އިތުރު އެއް އަހަރަށް މި ކޮންޓްރެކްޓު ދިގުދައްމާލުމުގެ ފުރުސަތު އޮތެވެ. އެހެންނަމަވެސް އެމްބާޕޭ އެގޮތް ބޭނުންނުވާތީ، ޕީއެސްޖީން ވަނީ މި ޓްރާންސްފަރ ވިންޑޯގައި އޭނާ ވިއްކާލުމަށް ނިންމައި، އެހެން ޓީމުތަކަށް އޭނާއަށް ފުރުސަތު ހުޅުވާލާފައެވެ.

ޕީއެސްޖީން ހުޅުވާލި މި ދޮރާއެކު އެންމެ ފުރަތަމަ އަދި އެންމެ ބާރަށް ޓަކިޖެހީ، ފަހަކަށް އައިސް ފުޓުބޯޅަ ކުޅުންތެރިންނަށް ބޮޑެތި ހުށަހެޅުންތަކެއް ހުށަހަޅަމުން އަންނަ ސައުދީ ލީގުގައި ކުޅޭ ކުލަބެއް ކަމަށްވާ އަލް ހިލާލުން ނެވެ. އެ ކުލަބުން ވަނީ އެއް ސީޒަނުގެ މުއްދަތަކަށް އެމްބާޕޭ އެ ޓީމަށް ގެންދަން، ޓްރާންސްފަރ ފީގެ ގޮތުގައި ޕީއެސްޖީއަށް 300 މިލިއަން ޔޫރޯގެ ރެކޯޑު ޓްރާންސްފަރ ފީއެއް ހުށަހަޅާފައެވެ. އަދި އަލް ހިލާލުގައި އެމްބާޕޭ ހޭދަކުރާ އެއް އަހަރުގެ ތެރޭގައި މުސާރައިގެ ގޮތުގައި އެ ޓީމުން އޭނާއަށް 700 މިލިއަން ޔޫރޯ ދިނުމަށް ވަނީ ހުށަހަޅާފައެވެ.

ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީން އަލް ހިލާލުގެ މި ހުށަހެޅުން ބަލައިގެންފައިވީ ނަމަވެސް، އެމްބާޕޭ ވަނީ މި ހުށަހެޅުމަށް ނޫނެކޭ ބުނެފައެވެ. އެހާ ޒުވާން އުމުރެއްގައި އޭނާ ޔޫރަޕު ފުޓުބޯޅަ ދޫކޮށްލަން ބޭނުންނުވާކަމަށް ވެއެވެ.

އެމްބާޕޭ ފަދަ އަގުހުރި ކުޅުންތެރިއަކު، އަންނަ އަހަރު ހިލޭ ޓްރާންސްފަރ އެއްގައި އެހެން ކުލަބަކަށް ބަދަލުވާން ޕީއެސްޖީ ބޭނުންނުވާކަން އެކުލަބުގެ ވެރިން ހާމަކޮށްފައިވާއިރު، ރިޕޯޓުތައް ބުނާގޮތުން އެ ކުލަބުން އަންނަނީ އެމްބާޕޭއަށް ފިއްތުންތަކެއް ކުރިމަތިކުރުވަމުންނެވެ.

އެޓީމުން ޕްރީ ސީޒަނުގައި ކުޅޭ މެޗުތަކަށް ނެގި ސްކޮޑުގައި ވެސް އެމްބާޕޭ ހިމަނާފައިނުވާއިރު، މި ޓްރާންސްފަރ ވިންޑޯގައި އެމްބާޕޭ އެހެން ކުލަބަކަށް ބަދަލު ނުވެއްޖެނަމަ، ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނުގައި އެއްވެސް މެޗެއްގައި އޭނާއަށް ކުޅުމުގެ ފުރުސަތު ނުދޭން ޕީއެސްޖީގެ ވެރިން ނިންމާފައިވާކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

ޕީއެސްޖީން ގަބޫލުކުރާ ގޮތުގައި އެމްބާޕޭ މަސައްކަތްކުރަމުން ދަނީ، އަންނަ ސީޒަނުގައި ހިލޭ ޓްރާންސްފަރ އެއްގެ ދަށުން، ފްރީ އެޖެންޓެއްގެ ގޮތުގައި ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑަށް ބަދަލުވާށެވެ. ފާއިތުވީ ދެ ތިން އަހަރެއްގެ ތެރޭގައި ވެސް ރެއާލް މެޑްރިޑުން އެމްބާޕޭގެ ސޮއި ހޯދަން މަސައްކަތްކޮށްފައިވާއިރު، ބައެއް ރިޕޯޓުތައް ބުނާގޮތުން ރެއާލުން މިހާރު ހުށަހަޅަނީ 200 މިލިއަން ޔޫރޯގެ ޓްރާންސްފަރ ފީއެއްގައި މި ޓްރާންސްފަރ ވިންޑޯގައި އެމްބާޕޭ ގެންނާށެވެ.

އުމުރުން 24 އަހަރުގެ އެމްބޭޕާ އަކީ މިވަގުތު ފުޓުބޯޅައިގައި އެންމެ ވިދުންގަދަ އަދި އެންމެ ޑިމާންޑު ބޮޑު ކުޅުންތެރިޔާއެވެ. ޕީއެސްޖީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އެމްބާޕޭ ވަނީ އެޓީމަށް ކުޅެދިން 260 މެޗުން 212 ލަނޑު ޖަހައިދީފައެވެ.