ރާއްޖޭގެ ޒުވާނުން ފަލަސްޠީނަށް ކުރާ ތާޢީދަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ފަލަސްޠީނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަލީދް އަބޫ ޢަލީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ފަލަސްޠީނާ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމާއި، ރާއްޖެއިން އަބަދުވެސް ފަލަސްޠީނާއެކު އޮންނަ އޮތުން ފާހަގަކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ހައްޤު ހޯދުމަށް އެ ޤައުމުން ކުރާ މަސައްކަތުގައި ރާއްޖެއިން އެ ޤައުމަށްދޭ އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.

ރާއްޖެއަކީ އަަބަދުވެސް ފަލަސްޠީނުދެކެ ލޯބިވާ ރައްޔިތުންތަކެއް އުޅޭ ޤައުމެއްކަން ފާހަގަކުރައްވައި، ޚާއްސަކޮށް ރާއްޖޭގެ ޒުވާނުން ފަލަސްޠީނަށް ކުރާ ތާޢީދަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި، މިއަދު އިސްލާމީ ޤައުމުތަކަށް ދިމާވެފައިވާ ހިތާމަވެރިކަންކަމަށް ބައްލަވައި، އިސްލާމީ ޤައުމުތަކުން ވިސްނަންޖެހޭ މުހިންމު ކަންތައްތަކަށް ބައްލަވައިލެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީގެ ވާހަކަފުޅުގައި ރާއްޖެއިން އަބަދުވެސް ދެކެނީ ފަލަސްޠީނަކީ ވަރަށް ގާތް ގައުމެއްގެ ގޮތުގައިކަމަށާއި އަބަދުވެސް އެގޮތުގައި ރާއްޖެ ދެމި އޮންނާނެކަމަށް ވިދާޅުވިއެވެ. އަދި ފަލަސްޠީނުގެ މައްސަލަައިގައި އަބަދުވެސް ރާއްޖެއިން ތާޢީދުކުރާނީ ފަލަސްޠީނަށްކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖެއާއި ފަލަސްޠީނާދެެމެދު ވެވޭ އެއްބަސްވުމާއެކު މިގުޅުން އިތުރަށް ބަދަހިވެ، މުހިންމު ދާއިރާތަކުން އެހީތެރިކަން ދެ ޤައުމަށްވެސް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެއަށް ދީނީ ޢިލްމުވެރިންގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި އެކަމުގައި އެހީތެރިކަން ދެވިދާނެ ދާއިރާތަކާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.