މި އަހަރުގެ މިނިވަން ދުވަހުގެ މުނާޞަބަތާ ގުޅުވައިގެން ބޭއްވި، ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރުފުރޭ 59 ވަނަ މިނިވަން ދުވަހުގެ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި، ދިދަނެގުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރީން ވަނީ ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާފައިވެއެވެ. އަދި، މި ރަސްމިއްޔާތަށް ދަޢުވަތު އެރުވިގެން ވަޑައިގެންނެވި ގިނަ އަދަދެއްގެ ބޭފުޅުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރުން ދުވަހާގުޅޭ ޚާއްޞަ ދުޢާއެއް ވަނީ ކޮށްފައެވެ. އިސްވެ މި ދުޢާ ކޮށްދެއްވާފައިވަނީ އައްޝައިޚް ޢާޒިމް ޚާލިދެެވެ.
މީގެ އިތުރުން އަންގާރަ ދުވަހުގެރޭ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު، ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަަރު ފުރޭ 59 ވަނަ މިނިވަން ދުވަހުގެ މުނާޞަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން އިސްލާމީ މަރުކަޒު މައިދާނުގައި ބާއްވަވާފައިވެއެެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެކިއެކި ބޭފުޅުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، އެބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ، މިނިވަންދުވަހުގެ ތަޙްނިޔާ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ދައުލަތުގެ އިސްވެރިންނާއި، ދިވެހި ދައުލަތުން ޢިއްޒަތް އަރުވާފައިވާ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެކި ދައުރުތަކުގައި ވަޒީރުކަން ކުރެއްވި ބޭފުޅުންނާއި، ޝަރުޢީ ދާއިރާއާއި، މިނިވަން މުއައްސަސާތަކުގެ އިސްބޭފުޅުންނާއި، އެކި ކޮމިޝަންތަކުގެ މެންބަރުންނާއި، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި، ސިޓީ ކައުންސިލްތަކުގެ މެންބަރުންނާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ބޯޑު މެންބަރުންނާއި، ސިވިލް ސަރވިސްއާއި، ކުންފުނިތަކުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން، ރާއްޖޭގެ އިޤްތިޞާދީ، އިޖުތިމާޢީ އަދި އެނޫން އެހެން ދާއިރާތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ވަރަށްގިނަ އަދަދެއްގެ ބޭފުޅުންނާ ޒުވާނުންނާއި، އަންހެން ބޭފުޅުންގެ ތެރެއިން އެކި ދާއިރާތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ކުޅުންތެރިން ބައިވެރިވިއެވެ. އަދި ޔުނިވަރސިޓީއާއި ކޮލެޖުތަކާއި އަދި ސްކޫލްތަކުގެ ދަރިވަރުން ވެސް މި ބައްދަލުކޮށްލެއްވުމުގައި ބައިވެރިވިއެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ 26 ޖުލައި 1965 ގައެވެ.