މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ޤާއިމްކުރާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް)ގެ ފުރަތަމަ މަރުހަލާގައި ބައިވެރިވާ ދެ ބޭންކަކުން ހިދުމަތުގެ ޓެސްޓިން ފަށައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ، މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަންނީ މި ހިދުމަތް ފެށުމަށް ޓެސްޓިން މަރުހަލާތައް ކުރިއަށް ގެންދަމުންކަމަށެވެ.

މި ދެބޭންކުގެ އިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އެކު ވެސް އެމްއެމްއޭއިން ވަނީ މި ހިދުމަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އައިޕީއެސްއަކީ ރާއްޖޭގައި ފަސޭހަ، އަވަސް، އަދި ރައްކާތެރި ޕޭމަންޓް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެމްއެމްއޭ އިން ކުރިޔަށް ގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ޤާއިމްކުރި ނިޒާމެކެވެ.

އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ގާއިމްކުރަން 3 ބޭންކަކާއެކު ސޮއިކުރެވުނު ކަމުގައިވީ ނަމަވެސް، ބޭންކްތަކުން ތައްޔާރުވަމުންދާ މިންވަރަށް ބަލާ، އިތުރު ބޭންކުތައް ވެސް ސިސްޓަމްގައި ބައިވެރިކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންކަމަށް އެމްއެމްއޭއިން ބުނެއެވެ.